މަދިރިން ސަލާމަތްވާން ވަހާއި އަޑު ފޮނުވާ ކަމަރެއް
މަދިރިން ސަލާމަތްވާން ވަހާއި އަޑު ފޮނުވާ ކަމަރެއް

މެލޭރިޔާ، ޗިކުންގުންޔާ، ޑެންގީ އަދި ޒީކާ ފަދަ ބަލިތަކުގެ ސަބަބަކީ މަދިރި ހެފުމެވެ. މަދިރީގެ ނުރައްކަލުން ސަލާމަތްވުމަށް ހަމުގައި އުނގުޅާނެ އެކި ފާޑުފާޑުގެ ބޭސް ހުރެއެވެ. މިފަދަ ބޭސް ގިނަފަހަރަށް ހަދާފައި ހުންނަނީ ސިޓްރޮނެއްލާ އާއި ކާސިންޖީ އާއި ކުދީނާ ފަދަ ބާވަތްތައް ބޭނުންކޮށްގެންނެވެ.

މި އެއްޗެހި ހަމުގައި އުނގުޅަން ޖެހުމުން ބައެއް މީހުންނަށް ހަމުގެ މައްސަލަތަކާ ކުރިމަތިވެއެވެ. މިފަދަ މީހުންނަށް އެންމެ އެކަށީގެންވަނީ ބެންޑީޓޯ ކަމަރެވެ.

އަތުގައި އަޅަން ފަރުމާކޮށްފައިވާ މި ކަމަރުގެ މޫނުމަތީގައި ވަނީ ވަސް އަރުވާ ކުޑަ ފޮށްޓެކެވެ. މި ވަސްފޮށިން ނުކުންނަ ވަހަކީ މަދިރިއަށް ހުރި ބިރެކެވެ. ވަހުގެ އިތުރަށް މި ފޮށިން ފާޑެއްގެ އަޑެއް ވެސް އިއްވައެވެ. ވަހާއި އަޑު އެކުވުމުން މަދިރި ދުރަށްދާ ކަމަށްވެއެވެ.

ބެންޑީޓޯއިން އިވޭ އަޑަކީ ކަންފަތުގައި ޖައްސައިގެން ނޫން ގޮތަކަށް އިންސާނުންނަށް އިވޭނެ އަޑެއް ނޫނެވެ. އެކަމަކު އެއީ މަދިރިއަށް ވަރަށް ތުރާވާ އަޑެކެވެ.

އަތުކުރީގައި ބެންޑީޓޯ ކަމަރު އަޅާލުމުން، މަދިރީގެ އުނދަގުލުން ސަލާމަތްވާނެ ކަމަށް މިކަމަރު އުފެއްދި ގާޑެން ކުންފުނިން ބުނެއެވެ. ދުވާލަކު ފަސް ގަޑިއިރު މީގެ ބޭނުންކުރާ ނަމަ މި ކަމަރުގެ ވަސްފޮށީގައި ބޭނުންކުރާ އަރަގު ފޮތި، ދެ ހަފުތާ ވަންދެން ބޭނުންކުރެވެއެވެ. އަރަގު ފޮތި ލިބެން ހުންނަނީ 12 ފޮތީގެ ޕެކެޓެއްގައެވެ. މީގެ ޕެކެޓެއް ތިން މަސްދުވަހު ގެންގުޅެވޭނެ ކަމަށްވެއެވެ. ބެންޑީޓޯގެ ބެޓެރީގެ ބާރު 500 ގަޑިއެއްހާއިރު ހިފަހައްޓާނެއެވެ.

ބެންޑީޓޯ އަތުކުރީ އަޅާ ކަމަރު ވިއްކައިގެން ލިބޭ އާމްދަނީއިން ކޮންމެ ކަމަރެއްގެ އަގުން އިންސައްތައެއް، މެލޭރިޔާ ނައްތާލަން އެފްރިކާގައި މަސައްކަތްކުރާ ޖަމިއްޔާއަކަށް ހަދިޔާކުރަން ގާޑެން ކުންފުނިން ވަނީ ނިންމާފައެވެ.