26 ޖޫން 2018 - 07:17

މިދިޔަ އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ތައިލެންޑްގެ ފިލްމް "ބޭޑް ޖީނިއަސް" ގެ ހިންދީ ރިމެކިންއެއް ހަދަން ނިންމައިފި އެވެ.
މި ފިލްމްގެ އިންޑިއާގެ އޯޑިއަންސަށް ހެޔޮވަރުކޮށްލައިގެން ގެނެސް ދެނީ މީގެ ކުރިން ވެސް ކާމިޔާބު ފިލްމްތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު/ޕްރޮޑިއުސަރު ނީރަޖް ޕާންޑޭ އެވެ. އެކަމަކު މި އަހަރު "އައްޔާރީ" ގެނެސް ދިން ނީރަޖް ހިންދީ ރިމެކިން ޑައިރެކްޓެއް ނުކުރާނެ އެވެ.
ފިލްމްގެ ހިންދީ ރިމެކިން ޑައިރެކްޓް ކުރާނެ މީހަކު މިހާރު އަންނަނީ ހޯދަމުންނެވެ. އަދި ފިލްމްގެ ކާސްޓުން ވެސް އިއުލާނެއް ނުކުރެ އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި "ބޭޑް ޖީނިއަސް" ގެ ހިންދީ ރިމެކިންއެއް ހަދަނީ މި ފިލްމް ގެނެސް ދިން ޕްލޭން ސީ އާއި އެޒްއާ އެންޓަޓައިންމަންޓާއި ނީރަޖްގެ ފިލްމް ކުންފުނި ފްރައިޑޭ ފިލްމް ވޯކްސް އާއި ރިލަޔަންސް އެންޓަޓައިންމަންޓް ގުޅިގެންނެވެ.
ނެޓަވުޓް ޕޫންޕިރިޔާ ޑައިރެކްޓްކޮށްފައިވާ "ބޭޑް ޖީނިއަސް" ގައި ކިޔައި ދެނީ ހައި ސްކޫލްގެ އިމްތިހާނުގައި މަކަރު ހަދާނެ އުކުޅުތަކެއް ދަސްކޮށް ދީގެން އާމްދަނީ ހޯދާ ދަރިވަރުންތަކެއްގެ ވާހަކަ އެވެ.
މިދިޔަ އަހަރުގެ މެއި 3 ގައި ރިލީޒް ކުރި މި ފިލްމަށް ބޮކްސް އޮފީހުގައި 42.35 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.