ޖައްވީ ދަތުރުތަކަށް ޓިކެޓް ވިއްކުން އަންނަ އަހަރު
ޖައްވީ ދަތުރުތަކަށް ޓިކެޓް ވިއްކުން އަންނަ އަހަރު

"އެމެޒޯން ވެބް ސާވިސް ޕަބްލިކް ސެކްޓާ ސަމިޓް"ގައި ވާހަކަދައްކަމުން "ބްލޫ އޮރިޖިން"ގެ އޮފިޝަލަކު ބުނި ގޮތުގައި، އިންސާނުން ގޮވައިގެން ޖައްވަށް އެރުމަށް، އުޅަނދުފަހަރު ޓެސްޓު ބުރުތައް މި އަހަރު ފަހުކޮޅު ފަށާނެ އެވެ. އަދި ވިޔަފާރި އުސޫލުން ޓިކެޓް ވިއްކައިގެން ކުރާ ދަތުރުތައް އަންނަ އަހަރު ފެށޭވަރުވާނެ އެވެ.

ބްލޫ އޮރިޖިން އަކީ އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ އަމިއްލަ ރޮކެޓް ކުންފުންޏެވެ. އަމާޒަކީ ޖައްވުގައި ފަތުރުވެރިކަން ކުރުމެވެ. ފަތުރުވެރިންނަށް ޚާއްސަ ހޮޓާތަކާއި ކޮޓަރިތައް އަދި ކޮފީ ޝޮޕްތައް އުފައްދައި، ދުނިޔޭގެ ބިމުން ވިޔަފާރި ޖައްވަށް ނަކަލުކުރުމެވެ.

ޖައްވީ ދަތުރުތަކަށް ދައްކަންޖެހޭ އަގެއް އަދިވެސް ނޭނގެ އެވެ. ޖެފް ބެޒޯސް ވިދާޅުވި ގޮތުގައި، އަގުތައް ހަމަޖެއްސޭ ވަރު އަދިވެސް ނުވެ އެވެ. އަގުތަކާ ބެހޭ ގޮތުން އެއްޗެއް އަދި ނޭނގުނަސް، ގަބޫލުކުރެވެނީ ފިތްކަނޑައިގެންދާ ވަރު ވާނެ ކަމަށެވެ.

ވާދަވެރި ކުންފުނިތަކުން ޖައްވީ ދަތުރުތައް ފަށައިގަންނައިރު، އެއްބަޔަކަށް ވުރެ އަނެއް ބަޔަކު އަގުހެޔޮކުރުމަކީ ވާނެ ކަމެކެވެ. ބްލޫ އޮރިޖިން ފަދައިން ޖައްވީ ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ "ސްޕޭސްއެކްސް" އިން ވެސް ފަތުރުވެރިން އުފުލަން އޮތީ ތައްޔާރަށެވެ. އެ ކުންފުނިން ވެސް އަގުތަކެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ވަކި ހެޔޮވާނެ ކަމަކަށް ނުބެލެވެ އެވެ.

ޖައްވަށް ގެންދިއުމަށް ބައެއް ކުންފުނިތަކުން މިހާރު ވެސް ވަނީ ގޮނޑި ވިއްކާފަ އެވެ. ދަތުރު އޮންނާނެ ދުވަހަށް ކަށަވަރު ނޫންއިރު ވެސް، އެ އުންމީގުގައި ތިބަ އެތައް ބައެއްގެ އަތުން ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ނަގާފަ އެވެ. ރިޗާޑް ބްރޭންސަންގެ "ވާޖިން ގެލަކްޓިކް" އަކީ މި ބަދުނާމު އެޅިފައި އޮތް ކުންފުންޏެކެވެ.