26 ޖޫން 2018 - 07:15

މި އަހަރު މަރުވި މަޝްހޫރު ބަތަލާ ސްރީދޭވީގެ ކާމިޔާބު ފިލްމެއްގެ ރިމެކިންއެއް ދީޕިކާ ޕަދްކޯން އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނޫސްތަކުން އެ ފިލްމްގެ ނަން ހާމަ ނުކޮށް ބުނީ އެއީ ސައުތު ފިލްމް އިންޑަސްރީގެ ޕްރޮޑިއުސަރަކު، ބޮލީވުޑްގެ ޑައިރެކްޓަރަކާ އެކު އުފެއްދި ވަރަށް ވެސް ކާމިޔާބު ފިލްމެއް ކަމަށެވެ.
މިކަމާ ގުޅިގެން ބައެއް މީހުން ބުނެފައި ވަނީ އެ ފިލްމަކީ ސަދްމާ (1983) ނުވަތަ ތޮހްފާ (1984) އަށް ވެދާނެ ކަމަށެވެ. މި ދެ ފިލްމަކީ ވެސް ސްރީދޭވީގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ލިސްޓްގެ ކުރިން ޖާގަ ހޯދާފައިވާ ދެ ފިލްމެވެ.
ކަރީނާ ކަޕޫރާއި ދީޕިކާގެ މިހާރުގެ ލޯބިވެރިޔާ ރަންވީރް ސިންގް ލީޑް ރޯލަށް ލައިގެން މީގެ ހަތަރު ވަރަކަށް އަހަރު ކުރިން "ސަދްމާ" ގެ ރިމެކިންއެއް ހަދަން އިއުލާން ކުރި އެވެ. އެކަމަކު ފަހުން ވަނީ އެ މަސައްކަތް ހުއްޓިފަ އެވެ.
މި އަހަރު ރިލީޒް ކުރި "ޕަދްމާވަތު" އަށް ފަހު، ދީޕިކާ އެއްވެސް ފިލްމަކަށް މިހާތަނަށް ސޮއެއް ނުކުރެ އެވެ. އެކަމަކު އެ ފިލްމް ކުޅުނު ދުވަސްވަރު އިރްފާން ހާނާ އެކު ކުޅޭ ފިލްމަކަށް ސޮއި ކުރި އެވެ. ނަމަވެސް ބޮޑު ބައްޔަކަށް އިރްފާން މިހާރު ގައުމުން ބޭރުގައި ފަރުވާ ހޯދާތީ، ވިޝާލް ބަރަދްވާޖް ޕްރޮޑިއުސް ކުރާ އެ ފިލްމްގެ މަސައްކަތް ވަނީ މަޑު ޖައްސާލައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދީޕިކާ އަށް ވަނީ ސުޕަހީރޯ ފިލްމެއް ވެސް ހުށަހަޅައިފަ އެވެ.
އެކަމަކު މިހާތަނަށް އޭނާ އެއްވެސް ފިލްމަކަށް ސޮއިކުރިކަން ރަސްމީކޮށް ކަށަވަރުކޮށް ދީފައި ނުވާ އިރު، މީޑިއާތަކުން ބުނަނީ ދީޕިކާ އަންނަނީ މި އަހަރުގެ ނޮވެމްބަރު 10 ގައި ރަންވީރާ ކައިވެނި ކުރަން ތައްޔާރުވަމުން ކަމަށެވެ. އަދި ފިލްމަކަށް އޭނާ ސޮއި ނުކޮށްގެން އުޅެނީ އެހެންވެގެން ކަމަށް މީޑިއާތަކުން ތުހުމަތު ކުރެ އެވެ.