25 ޖޫން 2018 - 14:06

ރިޔާޒް (ޖޫން 25) - އަވަށްޓެރި ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ދެ މިސައިލެއް ވެރިރަށް ރިޔާޒުގެ މަތިން ވައްޓާލާފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.
ސައުދީ ކޯލިޝަނުން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ހޫތީން ވަނީ ވޭތުވެދިޔަ މަސްތަކުގައި ސައުދީ އަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ދީފަ އެވެ.
ވައްޓާލި މިސައިލުގެ ބައިތައް ރިޔާޒުގެ ޑިޕްލޮމެޓިކް ކުއާޓަރުން ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. ގިނަ އެމްބަސީތައް ގާއިމްކޮށްފައިވާ އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބިދޭސިން ދިރިއުޅެ އެވެ.
ކޯލިޝަންގެ ތަރުޖަމާން ތުރްކީ އަލް މާލިކީ ވިދާޅުވީ މިސައިލްގެ ބައިތައް އާއްމުން ދިރިއުޅޭ ހިސާބުތަކަށް ވެސް ވެއްޓިފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ހޫތީން ހިންގާ މީޑިއާ އިން ބުނެފައި ވަނީ ބުރްކާން މިސައިލް ފޮނުވާލާފައި ވަނީ ސައުދީގެ ޑިފެންސް މިނިސްޓްރީ އަށް އަމާޒުކޮށް ކަމަށެވެ. އަލް މަޔަދީން ޓީވީގައި ވާހަކަ ދައްކަމުން ހޫތީންގެ ތަރުޖަމާން މުހައްމަދު އަބްދުލް ސަލާމް ބުނީ ކޯލިޝަނުގެ ހަނގުރާމަ ދިގު ދައްމާވަރަކަށް އެ މީހުންގެ މިސައިލް ގާބިލްކަން ވެސް އިތުރު ކުރާނެ ކަމަށެވެ.
މިއީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުން ރިޔާޒަށް އަމާޒުކޮށް ހޫތިން މިސައިލް ހަމަލާ ދިން ހަ ވަނަ ފަހަރެވެ. ރޭ ދިން ހަމަލާތަކަށް ފަހު ޑިޕްލޮމެޓިކްގެ އޭރިއާގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ސައުދީން ތުހުމަތު ކުރަނީ ހޫތީން ހަމަލާ ދެނީ އީރާނުން ފޯރުކޮށްދޭ މިސައިލުން ކަމަށެވެ.