ގްރީންއަށް ސޮއިކޮށް ލަބާން ފުޓްބޯޅަ ކެރިއަރު އަލުން ފަށައިފި
ގްރީންއަށް ސޮއިކޮށް ލަބާން ފުޓްބޯޅަ ކެރިއަރު އަލުން ފަށައިފި

ދާދި ފަހުން ޖަލުން މިނިވަންވި ޒުވާން އުއްމީދީ ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް ކްލަބް ގްރީންސްޓްރީޓްސް އަށް ސޮއިކޮށްފި އެވެ.

ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވަމުން އަންނަ ގްރީންގެ ކޯޗު އަލީ ސުޒޭން ވަނީ އޭނާ ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގެ ދަށުން ގެނައިކަން "މިހާރަ"ށް ކަށަވަރުކޮށްދީފަ އެވެ.

މީގެ ތިން އަހަރު ކުރިން 2015 ވަނަ އަހަރުގެ މޭ 1 ވަނަ ދުވަހު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާއެއްގެ ތެރެއިން ފުލަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ ކްލަބް އީގަލްސްގެ ޕްރެކްޓިހުގައި ހުއްޓަ އެވެ. އެ މައްސަލައިގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލި އިރު އޭނާ މިނިވަންވީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހު އެވެ.

އީގަލްސްގެ އެއް ވަނަ ކީޕަރުގެ ގޮތުގައި ހުއްޓާ ކުޅުމާ ދުރަށްދާން ޖެހުނު ލަބާންގެ ކުރިމަތީގައި ކާމިޔާބު ކެރިއަރެއް އެބައޮތް ކަމަށް ބުނެ އޭނާ ޖަލުން މިނިވަންކުރަން ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ގޮވާލާފައިވެ އެވެ.

ދިވެހި ފުޓްބޯޅަ ހުނަރުވެރި ކީޕަރުންނަށް ޖެހިފައިވަނިކޮށް، އިންޓަ ސްކޫލް މުބާރާތުން ވިދާލި ލަބާނަށް 2012 ވަނަ އަހަރު އޭނާގެ އުމުރުން 16 އަހަރުގައި ނިއު ރޭޑިއަންޓުގެ ސީނިއާ ޓީމުން ޖާގަ ލިބުނެވެ.

އެ އަހަރުގެ އިންޓަ ސްކޫލް މުބާރާތުގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ދަރުމަވަންތަ ސްކޫލަށް ހޯދިއިރު އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ބ. އަތޮޅު ތައުލީމީ މަރުކަޒު އަތުން ޕެނަލްޓީ ޖަހައިގެން 6- 5 އިން ދަރުމަވަންތަ މޮޅުވި މެޗުގައި، ހަތަރު ޕެނަލްޓީ ދިފާއުކޮށް ދަރުމަވަންތަ އަށް ޕެނަލްޓީ ވެސް އޭނާ ކާމިޔާބު ކޮށްދިނެވެ. އަދި 2011 ވަނަ އަހަރުގެ އިންޓަ ސްކޫލް 16 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އަހުމަދިއްޔާ އަތުން ދަރުމަވަންތަ މޮޅުވީ ވެސް ޕެނަލްޓީ ޝޫޓްއައުޓްގައި ލަބާން ކުރި ސޭވްތަކާ އެކު އެވެ.

އޭނާ ވަނީ ނޭޕާލުގައި 2011 ވަނަ އަހަރު އޮތް 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ގޯލް ބަލަހައްޓައިފަ އެވެ.

ފަހުން ލަބާނަށް އީގަލްސް އިން ފުރުސަތު ލިބުނެވެ. އަދި ހައްޔަރުކުރިއިރު އޭނާ އަކީ އެ ޓީމުގެ އެއް ވަނަ ކީޕަރެވެ. ލަބާންގެ ބަދަލުގައި އެ ޓީމަށް ގެނައީ ސްރީ ލަންކާ ގައުމީ ޓީމުގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބްދުއްރަހީމްގެ ބެލުމުގެ ދަށުން އީގަލްސްގައި ސުޖަން ބޮޑެތި ކުރިއެރުންތައް ހޯދައި އޭގެ ފައިދާ ލަންކާ ގައުމީ ޓީމަށް ވެސް ކުރި އެވެ.

ގްރީންގައި މިވަގުތު ތިބި ކީޕަރުންނަކީ އުޒްބެކިސްތާނުގެ ސާގީ ސްމޯރޮޑިން އާއި ޒުވާން ކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) އެވެ.