މެޗުގެ ކުރިން އާޖެންޓީނާ ޓީމާ ބައްދަލު ކުރަން މަރަޑޯނާ އެދިއްޖެ
މެޗުގެ ކުރިން އާޖެންޓީނާ ޓީމާ ބައްދަލު ކުރަން މަރަޑޯނާ އެދިއްޖެ

މޮސްކޯ (ޖޫން 25) - ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނައިޖީރިއާއާ ދެކޮޅަށް އާޖެންޓީނާ މާދަމާ ނުކުތުމުގެ ކުރިން ކުޅުންތެރިންނާ ބައްދަލު ކުރަން ޑިއެގޯ މަރަޑޯނާ އެދިއްޖެ އެވެ.

ދެ ވަނަ ބުރުން ޖާގަ ހޯދަން ނައިޖީރިއާ ބަލިކުރަން އާޖެންޓީނާ އަށް މަޖްބޫރެވެ.

ކްރޮއޭޝިއާ އަތުން ތިން ލަނޑުން ބަލިވި މެޗަށް ފަހު މަރަޑޯނާ ވަނީ އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސް ކްލައިޑިއޯ ޓާޕިއާ އާއި ކޯޗު ޖޯޖް ސަމްޕައޮލީ އަށް ފާޑު ކިޔައިފަ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހަ ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރި އިރު އެ މުބާރާތުގެ ރަން ބޯޅަ ހޯދި މަރަޑޯނާ ބުނީ ކޯޗު ސަމްޕައޮލީގެ ކުޅުންތެރިންނާއި ބައްދަލު ކުރާއިރު ކުރީގެ ކުޅުންތެރިން ވެސް ބައިވެރި ކުރަން ބޭނުންވާ ކަމަށެވެ.

"ފުޓުބޯޅައިގައި އާޖެންޓީނާގެ ޝަރަފް ދިފާއު ކުރަން މިި މަސައްކަތް ކުރަނީ. އަހަރެން މިހުރީ ވަރަށް ހިތްހަމަނުޖެހިަފއި. ކްރޮއޭޝިއާ ފަދަ ޓީމެއްގެ އަތުން އެފަދަ ގޮތަކަށް ބަލިވާ މަންޒަރު ބެލުމަކީ އާޖެންޓީނާ ޖާޒީލާފައިވާ ކޮންމެ މީހަކަށް ވެސް ކުޅަދާނަ ކަމެއް ނޫން. އާޖެންޓީނާ ބަލިވެގެން މި އުޅެނީ ޖަރުމަން، ބްރެޒިލް، ހޮލެންޑް ނުވަތަ ސްޕޭން އަތަކުން ނޫން،" ވެނެޒުއެލާގެ ޓީވީ ޗެނެލަކަށް ދިން އިންޓަވިއުއެއްގައި މަރަޑޯނާ ބުންނެވެ. "އަހަރެން ބޭނުން ވަނީ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަ ދައްކަން."

އާޖެންޓީނާ ކޯޗާއި ކުޅުންތެރިންނާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޓީމުގެ ސީނިއާ ކުޅުންތެރިޔާ ހާވިއާ މަޝެރާނޯ އިއްޔެ ވަނީ ދޮގުކޮށްފަ އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު އާޖެންޓީނާ އަށް ގްރޫޕް ސްޓޭޖުގައި މިހާތަނަށް ލިބިފައި ވަނީ އައިސްލެންޑާ އެއްވަރުކޮށްގެން ލިބުނު ޕޮއިންޓް އެކަންޏެވެ.