25 ޖޫން 2018 - 13:10

ކ. އަކިރިފުށީގައި ހަދާ 137 އެނދުގެ ރިސޯޓު އަންނަ އާދިއްތަ ދުވަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިއީ، މާލެ އަތޮޅުގައި މި އަހަރު ހުޅުވާ ފުރަތަމަ ރިސޯޓެވެ. ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓުން ތަރައްގީ ކުރާ ހަތަރު ތަރީގެ ރިސޯޓު ހުޅުވަނީ "އޯ ބްލޫ ސިލެކްޓް އެޓް ސަންގެލި"ގެ ނަމުގަ އެވެ.
ޑައިވް ކުރަން ހިތްގައިމު ސަރަހައްދެއްގައި އޮންނަ އަކިރިފުށީގެ މޫދު ކޮޓަރިތަކާއި އެއްގަމު ކޮޓަރިތަކެއް ހަދާފައިވެ އެވެ.
މާލެ އަތޮޅުގެ ހުޅަނގު އުތުރުގައި އޮންނަ ރިސޯޓުގައި 39 ބީޗް ވިލާ އާއި ޕޫލަކާ އެކު ހުންނަ 14 ޑިލަކްސް ބީޗް ވިލާ އާއި 45 ވޯޓާ ވިލާ އާއި ޕޫލާ އެކު ހަދާފައިވާ 26 ވޯޓާ ވިލާ ހިމެނެ އެވެ. އަދި ޕޫލާއެކު ހަދާފައިވާ ހަތް ބީޗް ފެމެލީ ސުއިޓް އަދި ޕޫލާ އެކު ހަދާފައިވާ ހަ ހަނީމޫން ވޯޓާ ސުއިޓް ހުރެ އެވެ.
އެ ރިސޯޓުގައި ހަނީމޫނަށް އަންނަ މީހުންނަށް ހާއްސަކޮށްގެން ހަނީމޫން ޕޫލަކާއެކު ސުއިޓެއް އެ ރަށުގެ ފަޅު ތެރޭގައި އޮންނަ ދޮންވެލި ފިނޮޅަކާ ގުޅުވައިގެން ހަދާފައިވެ އެވެ. އަދި އެތަނުގައި ތިބޭއިރު ހަނދުވަރު ރޭތަކުގައި އުޑުމަތީގެ ރީތި މަންޒަރުތައް ފެންނާނެ ކަމަށް ވެސް އެ ރިސޯޓުގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
އެ ރިސޯޓުގައި ތަފާތު އެކި ސަރަހައްދުތަކުގެ ކެއުންތައް ލިބޭ ރެސްޓޯރަންޓާއި ސްޕާ އަދި ޖިމް ވެސް ހުރެ އެވެ. އޭގެ އިތުރުން ޑައިވިން އާއި ސްނޯކެލިންއަށް ޝައުގުވެރިވާ ޓޫރިސްޓުންނަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވެބްސައިޓްގައި ބުނެފައިވެ އެވެ.
އޯ ބްލޫ ސިލެކްޓްގެ ނަމުގައި އެ ރިސޯޓު ހުޅުވާއިރު އެޓްމޮސްފިއާ ކުންފުނިން އޯ ބްލޫ ބައި އެޓްމޮސްފިއާ ހެލެނގެލި އާއި އެޓްމޮސްފިއާ ކަނިފުށި އަދި އޯޒެން ބައި މާދޫގެ ނަމުގައި ވެސް ރިސޯޓެއް ހިންގަ އެވެ.