ލަނޑު ޖެހުމަށް ފަހު ޖީސޫސް މިނަގަނީ ކާކުގެ ކޯލެއް؟
ލަނޑު ޖެހުމަށް ފަހު ޖީސޫސް މިނަގަނީ ކާކުގެ ކޯލެއް؟

"އެއީ މަންމައާ ގުޅޭނެކަން ޔަގީންވާތީ. ކޮންމެތަނެއްގައި ހުރެ ވެސް ކޯލު ނަގަން ބޭނުންވާކަން ދައްކައިދޭ އުފާފާޅުކުރުމެއް އެއީ،"

ލަނޑު ޖެހުމަށް ފަހު ޖީސޫސް މިނަގަނީ ކާކުގެ ކޯލެއް؟
ލަނޑު ޖެހުމަށް ފަހު ޖީސޫސް މިނަގަނީ ކާކުގެ ކޯލެއް؟

މިއީ މެންޗެސްޓާ ސިޓީ އަށް ކުޅޭ ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ގަބްރިއެލް ޖީސޫސް ކޮންމެ ފަހަރަކު ލަނޑެއް ޖެހުމަށް ފަހު ކޯނަރުނަގާ ދަނޑިކައިިރިއަށް ގޮސް އަތުގެ އިޝާރާތުން ފޯނު ނަގައިގެން ކަންފަތުގައި ޖަހާ އުފާފާޅުކުރުމާ ބެހޭގޮތުން މިދިޔަ ސީޒަނުގައި އިނގިރޭސި މީޑިއާ އިން ކުރި ސުވާލަކަށް ދިން ޖަވާބެވެ. މި އުފާފާޅުކުރުމުގެ ތެރެއިން ޖީސޫސް ދޭ މެސެޖް ވަރަށް އަސަރުގަދަ އެވެ. އެހާމެ ފުރިހަމަ އެވެ.

ލަނޑު ޖެހުމަށް ފަހު ޖީސޫސް މިނަގަނީ ކާކުގެ ކޯލެއް؟
ލަނޑު ޖެހުމަށް ފަހު ޖީސޫސް މިނަގަނީ ކާކުގެ ކޯލެއް؟

ޖީސޫސްގެ މި އުފާފާޅުކުރުމަށް އެންމެ ބޮޑު ސަމާލުކަމެއް ލިބެން ފެށީ މިދިޔަ އަހަރު ޖެނުއަރީ މަހު އޭނާ ސިޓީ އަށް ބަދަލުވި ހިސާބުންނެވެ. ފޯނު ކޯލެއް ނަގައި ކަންފަތުގައި ޖަހާ އުފާފާޅުކުރުމާ ބެހޭގޮތުން ސިޓީގެ ގިނަ ކުޅުންތެރިންނާއި އެތަކެއް ސަޕޯޓަރުންގެ ގިނަ ސުވާލުތަކެއް ޖީސޫސް އަށް އަމާޒުވާއިރު، އޭނާ ދެނީ އެއް ޖަވާބެވެ. އެއީ އޭނާގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ލަނޑު ޖެހުމަށް ފަހު ޖީސޫސް މިނަގަނީ ކާކުގެ ކޯލެއް؟
ލަނޑު ޖެހުމަށް ފަހު ޖީސޫސް މިނަގަނީ ކާކުގެ ކޯލެއް؟

ޖީސޫސްގެ ވާހަކަ ފަށަން ޖެހޭނީ ބްރެޒިލްގެ ފުޓްބޯޅަ އަށް ލޯބިކުރާ ކޮންމެ ޒުވާނެކޭ ވެސް އެއްގޮތަށެވެ. ހުނަރުވެރިކަމުން ފުރިފައިވާއިރު، ބޮޑެތި ހުވަފެންތަކެއް ދެކެ އެވެ. ފުރިހަމަ ނުވެ އޮންނަނީ އެއް ކަމެކެވެ. އެ ފަދަ ހުވަފެންތަކެއް ހަގީގަތެއް ހަދާނެ ފަދަ ތަނަވަސްކަމެކެވެ. އެކަމަކު އެހެން ހުރިހާ ކުދިންނާ ތަފާތު އެއް ކަމެއް ޖީސޫސް އަށް އޮވެ އެވެ. އޭނާގެ ބައްޕަ އާއި މަންމަގެ ރޯލު ކުޅެނީ އެކަކެވެ. އެއީ ސުޕަ ހީރޯއެއްގެ ގޮތުގައި އޭނާ ގަބޫލުކުރާ މަންމަ އެވެ. އޭނާގެ ބައްޕަ ވަނީ ޖީސޫސް އުފަންވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އާއިލާ ދޫކޮށްލާފައި ގޮސްފަ އެވެ.

ބްރެޒިލްގެ ސައޮ ޕައޮލޯގެ ފަގީރުން އުޅޭ ސަރަހައްދެއް ކަމަށްވާ ޕެރީ ޖާޑިމް އަށް ނިސްބަތްވާ ޖީސޫސްގެ އާއިލާ އަށް ބޭނުންވާ ހުރިހާ ހަރަދެއް ކުރަނީ އޭނާގެ މަންމަ އެވެ. ކޮންމެ ދުވަހަކު ތިން އިރު ކާން ލިބެ އެވެ. އެކަމަކު ޖީސޫސްގެ ގިނަ އެކުވެރިންނަށް އެ ނަސީބު ލިބެނީ މަދު ފަހަރަކު އެވެ.

ޖީސޫސް ފުޓްބޯޅަ ކުޅެން ފުރަތަމަ ދިޔައީ ޕެރީގައި ހުންނަ މިލިޓަރީ ޖަލުގެ ކައިރީގައި އޮތް ޗަކަ ހެދިފައި އޮންނަ ދަނޑަކަށެވެ. ޖީސޫސް އާއި އޭނާގެ ރައްޓެހިގެން އިތުރުން އެ ދަނޑުގައި ދެން ކުޅެނީ ގައިދީންނާއި ޕޮލިހުންނެވެ. އުމުރުން ނުވަ އަހަރުގައި ޖީސޫސް އެތަނަށް ދިޔަ ނަމަވެސް އޭނާ އަށް މެޗުތަކުގައި ކުޅުމުގެ ފުރުސަތު ނުދެ އެވެ. މީހުން ހަމަނުވާ ގަޑިއެއްގައި ކުޅެން އަރުވަނީ އެވެ. އެހެން ދުވަސް ގުނަމުން ދަނިކޮށް ނަސީބު އެހީވީ އެ ތަނުން ރަނގަޅު ކޯޗަކާ ދިމާވި ހިސާބުންނެވެ. އެ ތަނުގެ ޔޫތު ޓީމުގެ ކޯޗު ހޯސޭ ފްރާންސިސްކޯ މެމޭޑޭ ވަނީ ޖީސޫސް އަށް އެ ފުރުސަތު ދީފަ އެވެ. މެމޭޑޭ ކޯޗިން ކުރިއަށް ގެންދަނީ ވެސް އެ ދަނޑުގަ އެވެ.

މެމޭޑޭ ގެންގުޅޭ ޕެކުއޭނީނޯސް އަކީ މަޝްހޫރު ކްލަބެއް ނޫނެވެ. އެ ކްލަބަކީ ޕްރޮފެޝަނަލް ކްލަބެއް ވެސް ނޫނެވެ. އެކަމަކު މެމޭޑޭ އެ ޓީމު ބޭނުންކުރަނީ ރަނގަޅު މަގްސަދެއްގަ އެވެ. ހުނަރު ދައްކާލަން ފުރުސަތު ނުލިބިފައިތިބި ކުޅުންތެރިންނަށް އުއްމީދެއް ދިނުމުގެ ގޮތުންނެވެ. އޭގެ ސަބަބުން މެމޭޑޭ ވެފައިވަނީ ޖީސޫސްގެ ހީރޯ އަކަށެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެހީވެދިނުމުގެ އިތުރުން އެހެން ކުދިންނަށް ވެސް އެހީތެރިވެދޭތީ އެވެ.

ޕެކުއޭނީނޯސް ތަމްރީންތައް ހަނދަނީ ހަފްތާ އަކު ދެ ފަހަރު އެވެ. އެ ވަރަކުން ޖީސޫސްގެ ހިތެއް ނުފުރެ އެވެ. ބާކީ ވަގުތުތަކުގައި ޕެރީގެ މަގުތަކުގައި ޖީސޫސް ދިޔައީ އެހެން ކުދިންނާ އެކު ކުޅެމުންނެވެ. ބައެއް ފަހަރު ކުޅެން ހޭދަކުރާ ވަގުތު ދިގުލައިގެން ގޮސް އޭނާ އަށް ގެޔަށްދެވޭއިރު ހުންނަނީ ދަންވެފަ އެވެ.

ގޭގައި ޖީސޫސް ކުރާނެ މާ ގިނަ ކަމެއް ނޯވެ އެވެ. އޭނާގެ މަންމަ ދުވަސް ހޭދަކުރަނީ ދިރިއުޅުމުގެ ކަންތައްތައް ފުރިހަމަ ކުރަން ޕެރީގެ އެކި ތަންތަނުގަ އެވެ. މަގު ސާފު ކުރުން ފަދަ ފައިސާ ލިބޭނެ ކަންކަންކުރެ އެވެ. އޭނާގެ މަންމަ ގެއަށް އަންނައިރު އޮންނަނީ ރޭވެފަ އެވެ. އެހެން ކުދިންނަށް ގޭގައި ވީޑިއޯ ގޭމް ކުޅުމުގެ ނަސީބު ލިބިފައިވީ ނަމަވެސް ޖީސޫސް އަތުގައި އޮންނަނީ ހަން ބޯޅައެކެވެ. އޭނާގެ ވީޑިއޯ ގޭމަކީ ބޯޅަ ކުޅެގެން ކާމިޔާބު ހޯދުމަށް ބޮލުގެ ތެރޭގައި އެނބުރޭ ހިޔާލުތަކެވެ.

ޖީސޫސް އަށް ކުރިއަށް ފިޔަވަޅެއް އެޅުނީ އޭނާގެ އުމުރުން 13 ވަނަ އަހަރު ޕެކުއޭނީނޯސް އިން މުބާރާތެއްގައި ބައިވެރިވި ހިސާބުންނެވެ. އެ މުބާރާތުގެ ފުރަތަމަ ބުރުގައި ޕެކުއޭނީނޯސް ޓީމުން ވަނީ ގިނަ ގޯލުތަކެއް ޖަހައި މެޗުތަކުން މޮޅުވެފަ އެވެ. އެހެން ގޮސް ފައިނަލްގައި ޕެކުއޭނީނޯސް ކުޅެން ޖެހުނީ ޕްރޮފެޝަނަލް ޓީމެއް ކަމަށްވާ ޕޯޗުގީސާއާ އެވެ. އެ ޓީމުން މި މުބާރާތުގައި ކުޅެނީ ވެސް އެއް މަގުސަދެއްގަ އެވެ. އެއީ ދެން ކުޅޭ ޓީމުތަކުން މޮޅެތި ކުޅުންތެރިން ފާހަގަކޮށް ހޯދުމަށެވެ. ފައިނަލް މެޗު ކުޅެން އޮތް ދުވަހު ވިއްސާރަވެ، ދަނޑުގައި ޗަކަ ހެދުނު ނަމަވެސް މެޗު ކުޅުނެވެ. ޖީސޫސްގެ ޕެކުއޭނީނޯސް ޓީމުން ޕްލާސްޓިކް އުން ޖެހި ބޫޓުގައި ކުޅުނުއިރު، ފެންވަރު ރަނގަޅު ބޫޓުގައި ކުޅުނު ޕޯޗުގީސާ މޮޅުވީ 4-2 އިންނެވެ.

ޕޯޗުގީސާ ޓީމުން އެ ދުވަހު ތަށި ހިފައިގެން އުފާފާޅުކުރި މަންޒަރު ފެނުމުން ޖީސޫސް އަށް ލިބުނީ ފިލާވަޅެކެވެ. ދިރިއުޅުމުގައި ކާމިޔާބު ހާސިލްކުރުމަށް ކޮންމެ ކަމެއްގައި ވެސް ވަށައިގެން ގިނަ ކަންތައްތަކެއް ރަނގަޅަށް ވާން ޖެހެ އެވެ. އެ ދުވަހު ޕެކުއޭނީނޯސްގެ އޮތީ ހުނަރެވެ. ބާކީ ހުރިހާ ކަމެއް އޮތީ ފުރިހަމަވެފައި އޮތީ ޕޯޗުގީސާ ކޮޅުގަ އެވެ.

ޖެހިގެން އައި އަހަރަކީ ޖީސޫސް އަށް އެންމެ މުހިއްމު އަހަރެވެ. އެއީ ޕްރޮފެޝަަނަލް ކުޅުންތެރިއަކަށްވާނަމަ 13 އަހަރުން އެކަޑަމީ އަކަށް ގޮސް ޔޫތު ޓީމަކަށް ކުޅެން ޖެހެ އެވެ. ޔޫތު ޓީމަކަށް ނުކުޅޭނަމަ ބޮޑު ޓީމުތަކުގެ ދޮރު ބަންދުވެފައި އޮންނާތީ އެވެ. އަނެއްކޮޅުން ޖީސޫސް އަށް އޮތް އަނެއް ކަންބޮޑުވުމަކީ އެ އުމުރުގެ ގިނަ ކުދިން އާއިލާގެ ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރަން ދިއުމެވެ. އެކަމަކު ޖީސޫސް މަސައްކަތެއް ކުރަން ނުޖެހުނެވެ. ތަނަވަސްކަމެއް ނެތުމުން ޖީސޫސް އަށް އެ ފަހަރު އެކަޑަމީ އަށް ދެވޭ ގޮތެއްނުވި ނަމަވެސް މަންމަ ބޭނުންވީ އުއްމީދު ދޫކޮށްނުލައި އެހެން ގޮތަކުން ވެސް ކުރިއަށް ދިއުމަށެވެ. ފުރިހަމަ ސަޕޯޓް ދިނެވެ.

އެހެން ކުޅުންތެރިން ޔޫތު ޓީމުތަކަށްދާ މަންޒަރު ބަލަން ނުހުރެ އުމުރުން 13 އަހަރުގައި ޖީސޫސް ދިޔައީ އޭނާ އަށް ވުރެން އުމުރުގެ ގޮތުން މާ ބޮޑު މީހުންނާ އެކު ވަރްޒޭއާ އަށް ކުޅޭށެވެ. ވަރްޒެއާ އަކީ ބްރެޒިލްގައި ކުރިއަށްދާ ސްޓްރީޓް ފުޓްބޯޅަ ލީގެކެވެ. އެ ތަނުގައި ކުރިއަށްދާނީ ފިޒިކަލް ފުޓްބޯޅަ އެވެ. ކިތަންމެ ހަށިގަނޑުން ބިޔަ ބަޔަކާ ދެކޮޅަށް ކުޅެން ވެސް ޖީސޫސް ހުރީ ތައްޔާރަށެވެ. އެއީ ހުވަފެންތައް ހާސިލްކުރަން ބޭނުންނަމަ ފަސް އެނބުރި ބެލުމުގެ ވިސްނުން ގެންގުޅުން ރަނގަޅުނުވާނެތީ އެވެ.

ވަރްޒެއާގައި ކުޅެން ފަށައި ޖީސޫސް އަށް ލިބުނީ އާދަޔާހިލާފު ހިތްވަރެެކެވެ. އެ ތަނުގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ޖީސޫސް ލަނޑު ޖެހުމުން އެއް ކުޅުންތެރިއަކު ވަނީ ޖީސޫސްގެ ފައި ބިންދާލާނެ ކަމުގެ އިންޒާރުދީފަ އެވެ. އެ މެޗު 2-2 އިން އެއްވަރުވެގެން ނިމުނުއިރު، ޖީސޫސްގެ ޓީމު ވަނީ ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ. ޖީސޫސް އުފާފާޅުކުރަން ހުރި މަންޒަރު ފެނިފައި އިދިކޮޅު ޓީމުގެ ކުޅުންތެރިން ކެތްތެރިކަން ކޮޅުންލައި އޭނާއާ ދިމާލަށް އަންނަން ފެށުމުން އެތަނުން ޖީސޫސް ގެއަށް ގެންދިޔައީ ގިނަ ބަޔެއްގެ ހިމާޔަތުގަ އެވެ.

އޭގެ ފަހުން ވަރްޒެއާގެ އިތުރުން އަންހަންގުއޭރާގައި ޖީސޫސް ކުޅެމުންދިޔައިރު، އޭނާއާ އެކު ޕެކުއޭނީނޯސް އަށް ކުޅުނު ގިނަ ކުދިން ދިޔައީ އެކަޑަމީ އަކަށް ދެވޭނެ ތަނަވަސްކަމެއް ނެތުމުން އެކި މަސައްކަތް ކުރަމުންނެވެ. ޖީސޫސް އަށް އެ މަސައްކަތް ކުރަން ނުޖެހުނީ އޭނާގެ މަންމަ އެ ގޮތަށް ބޭނުންނުވުމުންނެވެ. އޭނާގެ މަންމަ އެދުނީ އޭނާގެ ހުވަފެން ހަގީގަތަކަށް ހަދައި ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމަށެވެ.

ވަރްޒެއާގެ އިތުރުން އަންހަންގުއޭރާގައި ޖީސޫސް ކުޅޭ މަންޒަރު ގިނަ ބަޔެއް ފޯނުން ރެކޯޑްކޮށް ސޯޝަލް މީޑިއާގައި އެ އާންމުވުމާ ގުޅިގެން ބްރެޒިލްގެ ކްލަބެއް ކަމަށްވާ ޕަލްމެއިރާސް އިން ޖީސޫސް ގެންދިޔައީ 2013 ވަނަ އަހަރު އެވެ. އޭރު ޖީސޫސްގެ އުމުރަކީ 15 އަހަރެވެ. ނަސީބު އަތުހިފީ އެވެ. ޕަލްމެއިރާސް ޔޫތު ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު އޭނާ އަށް އެ ޓީމުން ކޮންޓްރެކްޓް ދިނެވެ. އެ ހިސާބުން ޖީސޫސްގެ ކުރިމަގު އެއްކޮށް އުޖާލާވެ، އުއްމީދު އާ ވެއްޖެ އެވެ. އޭނާ ދިޔައީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

އެ ހިސާބުން ބްރެޒިލްގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ދެ މެޗެއް ކުޅެލަން ފުރުސަތު ލިބުނުއިރު އޭގެ ބޭނުން ހިފުމުގެ ނަތީޖާ އަކަށްވީ 2016 ވަނަ އަހަރު ބްރެޒިލްގައި އޮތް އޮލިމްޕިކްސްގައި ކުޅޭ ބްރެޒިލްގެ ޒުވާން ޓީމުން ފުރުސަތު ލިބުމެވެ. މިއީ ޖީސޫސް ހީކޮށްގެން ހުރި ފުރުސަތެއް ވެސް ނޫނެވެ. ފުރަތަމަ ވެސް އުފަލުން އެ ހަބަރު ދިނީ މަންމަ އަށެވެ.

ބްރެޒިލް ތާރީހުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސްގެ ރަން މެޑަލް 2016 ވަނަ އަހަރު ލިބުނު ޓީމުގައި ނޭމާގެ އިތުރުން އެންމެ މޮޅަށް ކުޅުނީ ޖީސޫސް އެވެ. ރަން މެޑަލް ކަރުގައި އަޅާލައިގެން ހުރިއިރު އޭނާ ހިތުގައި އޮތީ ކުރިން ކުރި މަސައްކަތެވެ. އޭގެ ދެ އަހަރު ކުރިން އޭނާ އަކީ ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް މަގުތައް ޒީނަތްތެރިކުުރުމަށް ކުލަލާން ހުރި އާދައިގެ ފުޓްބޯޅަ ކުޅުންތެރިއެކެވެ. އޭރު އޭނާ މީހުންގެ މެދުގައި މަގުބޫލުވެފައިވަނީ ހަމައެކަނި މަޝްހޫރު ކުޅުންތެރިންގެ ސޫރަ މޮޅަށް ކުރަހާ ކުއްޖެއްގެ ގޮތުގަ އެވެ. މިހާރު އޭނާ އަކީ ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ތާރީހީ ނުވަ ނަމްބަރު ޖޯޒީގައި ކުޅެމުން އަންނަ އެ ޓީމުގެ އެއް ނަމްބަރު ފޯވާޑެވެ.

އޮލިމްޕިކްސްގައި ޖީސޫސް ދެއްކި މޮޅު ކުޅުމާ އެކު އޭނާ އަޅައިގަތީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ލޮލުގަ އެވެ. ގާޑިއޯލާ ބޭނުންވީ ވީ އެންމެ އަވަހަކަށް ޖީސޫސް އޭނާގެ ޓީމަށް ގެންނާށެވެ. އެ ގޮތުން 2016 ވަނަ އަހަރުގެ އޮގަސްޓް މަހު ޕަލްމެއިރާސް އަށް 27 މިލިއަން ޕައުންޑުގެ ފީއެއް ދެެއްކުމަށް ފަހު ޖެނުއަރީގައި އޭނާ ގެންނަގޮތަށް ޕްރީ އެގްރީމެންޓެއް ހެދި އެވެ.

ސިޓީ އަށް ދިއުމުގެ ކުރިން ޖީސޫސް ވަނީ އެއް ކަމެއް ކޮށްފަ އެވެ. އުމުރުން ނުވަ އަހަރުގައި ޕެކުއޭނީނޯސް އަށް ކުޅެންދިޔައިރު ޖީސޫސް ހުރީ ހުސް ފައިގަ އެވެ. ސިޓީ އަށް ދިއުމުގެ ކުރިން ޖީސޫސް ވަނީ ޕެކުއޭނީނޯސް ކުޅޭ ދަނޑަށް ގޮސްފަ އެވެ. މި ފަހަރު އޭނާ ދިޔައީ 250 ބޫޓު ހިފައިގެންނެވެ. އެއީ އެ ދަނޑަށް ދެން ކުޅެންދާ ކުދިންނަށް ބޫޓެއް ލިބޭނެ ގޮތް ހެދުމަށެވެ. އެއީ އޭނާ އަށް ނުލިބުނު ނަސީބެއް އެހެން ކުދިންނަށް ހޯދައިދިނުމަށެވެ.

އަމިއްލަ އާއިލާއާ ދުރުގައި ޖީސޫސް ސިޓީ އަށް ކުޅެން ފެށީ 2017 ވަނަ އަހަރު އެވެ. ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފައި ޖީސޫސް އަކީ މިހާރު އެ ޓީމުގެ އެއް ވަަނަ ފޯވާޑެވެ. ގާޑިއޯލާގެ އިތުރުން ބްރެޒިލްގެ ކޯޗު ޓީޓޭ ވެސް ޖީސޫސް އަށް ހުރިހާ މެޗެއްގައި ފުރުސަތު ދެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ބްރެޒިލް ކުޅުނު ދެ މެޗުގައި ވެސް ޖީސޫސް ވަނީ ކުޅެފަ އެވެ. އަދި ލަނޑެއް ޖެހުމުގެ ނަސީބު ލިބިފައިނުވި ނަމަވެސް އޭނާ ހުރީ އުއްމީދުގަ އެވެ.

މިހާރު ވެސް ކޮންމެ މެޗެއް ނިންމާފައި މަންމަ އޭނާ އަށް ގުޅަ އެވެ. މެޗުގެ ތެރެއިން ޖީސޫސް ލަނޑެއް ޖަހާ ކޮންމެ ފަހަރަކު ވެސް ކޯނަރު ދަނޑި ކައިރިއަށް އޭނާ ދަނީ މަންމަ ގުޅާފައި އޮންނާނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. މަންމަގެ ކޯލް ދަނޑުގައި ހުރެ ވެސް އޭނާ ނަގަން ބޭނުންވާކަން އުފާފާޅުކުރުމުގެ ތެރެއިން ދައްކާލަން ބޭނުންވާތީ އެވެ. މިހާރު ވެސް ޖީސޫސްގެ މަންމަ ދަނޑުގައި ހުއްޓަސް، އޭނާގެ ދަރިފުޅު ލަނޑެއް ޖެހުމާ އެކު ފޯނުން އޭނާ އަށް ގުޅަ އެވެ. އެއީ އަބަދުވެސް އޭނާ އަށް މަންމަގެ ސަޕޯޓް އޮތްކަން އަންގައިދޭ މެސެޖެއްގެ ގޮތުގަ އެވެ.

އެންމެ ކުޑަ ދުވަހުގައި ވެސް ކުޅެމުންދިޔައިރު، ކުދިން ގޮވައިގެން އެ ކުދިންގެ ބައްޕަ ފެނުމުން ޖީސޫސް އަށް ކުރާ އަސަރު ބޮޑެވެ. އޭނާގެ ބައްޕަ ފެނުމުގެ ނަސީބު އަދިވެސް ލިބިފައިނުވާއިރު، ހޯދާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އޭނާ ހުރިހާ ވެސް މީހަކީ މަންމަ އެވެ.

"އަހަރެން ކުޑައިރުގައި ވީ ތަނެއް ނޭނގިގެން މަންމަ ފުރަތަމަ ގުޅާނީ އަހަންނަށް. ދެން ގުޅޭނެ ރައްޓެހިންނަށް ވެސް. ކޮންމެ ފަހަރަކު އަހަރެން ލަނޑެއް ޖެހުމަށް ފަހު އަތުގެ އިޝާރާތުން ފޯން ކޯލެއް ނަގާގޮތަށް ހަދާއިރު. މި ކޯލް މި ނަގަނީ އަހަރެންގެ މަންމަގެ ކޮށްދިން މަސައްކަތް ހަނދާން ކުރަން. އަހަރެންނަށް އެހީވި އެންމެނަށް ޝުކުރު އަދާކުރަން،" ޖީސޫސް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.