ލައިސަންސަށް އެދޭ ސައުދީ އަންހެނުންގެ ޑިމާންޑް ބޮޑުވެއްޖެ
ލައިސަންސަށް އެދޭ ސައުދީ އަންހެނުންގެ ޑިމާންޑް ބޮޑުވެއްޖެ

ރިޔާޒް (ޖޫން 25) - ސައުދީ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ އިއްޔެ ދިން ފަހުން ލައިސަންސަށް އެދޭ އަންހެނުންގެ ޑިމާންޑް ވަރަށް ބޮޑު ކަމަށާއި މިހާތަނަށް 120،000 އަންހެނުން ޑްރައިވިން ލައިސަންސަށް އެދިފައިވާ ކަމަށް ދާޚިލީ ވުޒާރާގެ ތަރުޖަމާން މޭޖާ ޖެނެރަލް މަންސޫރު އަލް ތުރުކީ ވިދާޅުވެއްޖެ އެވެ.

ޓްރެފިކް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އަލް ބައްސާމީއާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖެނެރަލް އަލް ތުރުކީ އިއްޔެ ވިދާޅުވީ ކުރިއަށް އޮތް ހަފުތާތަކުގައި އަންހެން 40 ރޯޑް އިންސްޕެކްޓަރުން ވެސް މަގުތަކަށް ނެރޭނެ ކަމަށެވެ. އަދި ފަސް ސިޓީއެއްގައި އަންހެނުންނަށް ޚާއްސަކޮށްގެން ޑްރައިވިން ސްކޫލްތަކެއް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންހެން ޑްރައިވަރުންގެ ތެރޭން ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ވަނީ ޚާއްސަ ޕާކިން އޭރިއާތަކެއް ހަދައިފަ އެވެ. އަންހެން ޑްރައިވަރުންގެ އައިޑެންޓިޓީ ޗެކް ކުރަން ނިންމާފައި ވަނީ އިންސްޕެކްޓަރުން ގެންގުޅޭ ޑިވައިސްއެއް މެދުވެރިކޮށް ފިންގަ ޕްރިންޓުން ކަމަށް ވެސް ބައްސާމީ ވިދާޅުވި އެވެ.

ސައުދީގައި ޖޫން 24 ވަނަ ދުވަހުން ފެށިގެން އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދޭން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. މި މަހު ކުރީކޮޅުން ފެށިގެން ސައުދީގައި ވަނީ އަންހެނުންނަށް ކާރު ލައިސަންސް ދޫކުރަން ފަށައިފަ އެވެ. މި ބޮޑު ބަދަލު ގެނެސްފައި ވަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ސައުދީ އަށް ފަހަކަށް އައިސް ގެންނަ ބަދަލުތަކުގެ ދަށުންނެވެ.

ސައުދީގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ސައުދީ އަކީ މީގެ ކުރިން އަންހެނުންނަށް ކާރު ނުދެއްވޭ ހަމައެކަނި ގައުމެވެ.

ޖޫން 5 ވަނަ ދުވަހު ވަނީ ސައުދީގައި 10 އަންހެނުންނަށް ޑްރައިވިން ލައިސަން ދޫކޮށްފަ އެވެ. އެއީ ބޭރު ގައުމުތަކުގައި އެ މީހުން ބޭނުންކުރި ލައިސަންސް ސައުދީ ލައިސަންސަށް ބަދަލު ކުރުމަށް ފަހު އެވެ.