ޕްރިމިއާ ލީގުގައި ނިލަންދުއަށް ކޯޗުކޮށްދޭނީ އައްސަދު
ޕްރިމިއާ ލީގުގައި ނިލަންދުއަށް ކޯޗުކޮށްދޭނީ އައްސަދު

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ފ. ނިލަންދޫ ޓީމުގެ ކޯޗަކަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީ ހަމަޖައްސައިފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު އައްސަދު ވަނީ 2015 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑްކޯޗު ކަމާއި ވެލެންސިއާގެ ޔޫތު ޓީމުގެ ކޯޗުކަން ވެސް ކުރި އެވެ.

މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރެއްގެ ތެރޭ ހިމެނި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވި ނިލަންދޫ ޓީމު ވަނީ އައްސަދުގެ ބެލުމުގެ ދަށުން މީގެ ހަފުތާއެއް ކުރިން ޕްރެކްޓިސް ފަށައިފަ އެވެ. އެ ޓީމަށް މިނިވަން ޗެމްޕިއަންޝިޕުގައި ކޯޗުކޮށްދިނީ ލިރުގާމް ސައީދު (ލަރޭ) އެވެ.

ނިލަންދޫ ޓީމުގެ މެނޭޖަރު އަބްދުލްހަލީމް ހަމީދު ބުނީ އެ ޓީމުން ރަށުގައި ޕްރެކްޓިސްކުރުމަށް ފަހު މާލެ އަންނާނީ ހަމައެކަނި މެޗު ކުޅެލަން ކަމަށެވެ. މިދިޔަ އަހަރުގެ ލީގުގައި އަތޮޅުތެރެއިން ވާދަކުރި ހަތަރު ޓީމުގެ ތެރެއިން ދ. ކުޑަހުވަދޫ އިން ވެސް ޕްރެކްޓިސް ކުރީ ރަށުގަ އެވެ.

ނިލަންދޫ ޓީމުގައި ނަން މަޝްހޫރު ދިވެހި ކުޅުންތެރިން ނެތް ނަމަވެސް ގާނާގެ ޑިފެންޑަރަކާއި މިޑްފީލްޑަރެއް އަދި ފޯވާޑެއް ގެންނާނެ އެވެ. އަބްދުލްހަމީދު ބުނީ އެ ޓީމުގެ ހަމައެކަނި އަމާޒަކީ ރަށުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށެވެ.

"އަޅުގަނޑުމެން ލީގުގައި މާބޮޑު ޓާގެޓްތަކެއް ނެތް. ފުރަތަމަ ފަހަރު ކަމަށްވާތީއާ ވެސް އެކު އަޅުގަނޑުމެން ބޭނުންވަނީ ރަށުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތުތައް ދިނުން. އެކަމަކު އަންނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރަށް ވަރަށް ރަނގަޅަށް ތައްޔާރުވާނަން ކުރިއާލާ ޕްލޭންތައް ހަދައިގެން،" އޭނާ ބުންޏެވެ.

ނިލަންދޫގެ ބައެއް ކުޅުންތެރިން ވަނީ ގައުމީ ފެންވަރުގައި ވިދާލައިފަ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމާއި ނިއު ރޭޑިއަންޓުގެ ކުރީގެ ޑިފެންޑަރު އަންވަރު އަލީ ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރު ފަރުހާދު އިސްމާއިލް (ފަރޭ) އާއި މި އަހަރު މާޒިޔާ އިން ފާހަގަވި އޭނާގެ ކޮއްކޮ އާރޫގު އިސްމާއިލަކީ ވެސް އެ ރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

ލީގުގައި ނިލަންދޫ ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.