29 ޖުލައި 2016 - 14:59

މަޝްހޫރު އަދި ވަރުގަދަ ޖޯޑެއް ސްކްރީނަށް އެކުގައި އަންނަ ނަމަ، އެ ފިލްމަކާ މެދު ކުރެވޭ އުންމީދުތައް އަބަދު ވެސް ބޮޑުވެ އެވެ. މި ފަހަރު މިއޮތީ އެކަހަލަ ފިލްމެއްގެ ވާހަކަ އެވެ.

އެއީ ޓޮމް ހޭންކްސް އާއި މެގް ރަޔަން އެކުގައި ފެނިގެންދާ ފިލްމް "އިތަކާ" އެވެ. ފިލްމުގެ ޓްރެއިލާ ވެސް ބެލުންތެރިންނަށް މިހާރު ވަނީ ދައްކާލައިފަ އެވެ.
ގިނަ ބަޔަކު ބުނަނީ އެހާ ޒަމާންކޮށްފައި ވެސް ހޭންކްސް އާއި މެގްގެ ޖޯޑް އެކުގައި ފެނިގެންދާތީ ފިލްމް ބަލާލަން ކެތްތެރިކަން ކުޑަވެފައިވާ ކަމަށެވެ. ނަމަވެސް ހޭންކްސް، 60، އާއި މެގް، 54، ގެ ކެމިސްޓްރީ ޓްރެއިލާއަކުން ފެންނަ ވަރެއް ނުވެ އެވެ. ދެ މީހުން ޓްރެއިލާ އިން ފެންނަނީ ވަކިވަކި މަންޒަރުތަކެއްގަ އެވެ.
މި ދެ ތަރިން އެކުގައި ފިލްމަކުން ފެނިގެން މި ދަނީ 17 އަހަރު ފަހުންނެވެ.
"އިތަކާ" އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހިނގާ އަސަރު ގަދަ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި ހޭންކްސް އާއި މެގް ފެނިގެން ދާނީ ދެމަފިރިންގެ ރޯލުންނެވެ. އަދި 14 އަހަރުގެ ކުއްޖަކު ދެ މީހުންގެ ހުރެ އެވެ.
ނަމަވެސް މި ފިލްމުގައި ހޭންކްސް ފެނިގެން ދާނީ ކެމިއޯކުންނެވެ. މާނައަކީ އޭނާގެ ރޯލް ވަރަށް ކުޑަ އެވެ. އެއީ ހާއްސަ ފެނިލުމެކެވެ.
"ފިލްމުގެ އެހާ ކުޑަކުޑަ ރޯލެއް ކުޅެ ދޭން އެއްބަސްވި ކަމަށްޓަކައި ހޭންކްސް އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާ ކުރަން،" ފްރެންޗް ކިސް އާއި ވެން ހެރީ މެޓް ސެލީ ފަދަ މަޝްހޫރު ފިލްމްތައް ކުޅެފައިވާ މެގް ބުންޏެވެ.
ހޭންކްސް ބުނީ މެގްއަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި އެހާ ގާތް މީހެއްގެ ފަރާތުން ލިބުނު ފުރުސަތެއް ދޫކޮށްލަން ބޭނުން ނުވީ ކަމަށެވެ.
ހޭންކްސް އާއި މެގް ވަނީ އެކުގައި ވަރަށް ކާމިޔާބު ތިން ފިލްމް ކުޅެފަ އެވެ. އެއީ ޖޯ ވާސަސް ދަ ވޮލްކެނޯ (1990)، ސްލީޕްލެސް އިން ސީޓްލް (1993) އަދި ޔޫ ހޭވް ގޮޓް މެއިލް (1998) އެވެ.
"އިތަކާ" އަކީ މެގްގެ ފުރަތަމަ ޑައިރެކްޝަން ވެސް މެ އެވެ. އެހެންވެ ބަތަލާއެއްގެ ގޮތުގައި އެހާ މަޝްހޫރު އަދި އެހާމެ ކުޅަދާނަ ފަންނާނެއްގެ ޑައިރެކްޝަން ބަލާލަން ވެސް ފޭނުން މިހާރު ތިބީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 9 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސޭމް ޝެފަޑް، ހާމިޝް ލިންކްލޭޓާ އަދި މެގްގެ ފިރިހެން ދަރިފުޅު ޖެކް ގްއައިދު ހިމެނެ އެވެ.
"އިތަކާ" ވަނީ މިދިޔަ އަހަރު މިޑްލްބާގް ފިލްމް ފެސްޓިވަލްގައި ވެސް ދައްކާލައިފަ އެވެ.