25 ޖޫން 2018 - 11:09

ބެންކޮކް ރޭ ބޭއްވި 19 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކެޑެމީ (އައިފާ) ގެ މޮޅު ފިލްމަކަށް ވިދިޔާ ބާލަން ލީޑް ރޯލް ކުޅުނު "ތުމާރީ ސުލޫ" ހޮވިއްޖެ އެވެ.
ސްރޭޝް ތުރިވޭނީ ޑައިރެކްޓް ކުރި މި ފިލްމަކީ ބޮކްސް އޮފީހުގައި ވެސް ވަރަށް ހިނގި އަދި ކްރިޓިކުންނާއި އާންމުންގެ ފަރާތުން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ.
"ތުމާރީ ސުލޫ" އަކީ ގެވެހި އަންބަކު ޕާޓް ޓައިމް ވަޒީފާއެއްގެ ގޮތަށް ރޭޑިއޯ ޖޮކީއެއްގެ ގޮތުގައި ރޭގަނޑު ދަންވަރު އެހުންތެރިން އޭނާގެ ހިތްގައިމު ޖާދުވީ އަޑުގައި ޖައްސާ ގޮތް ކިޔައިދޭ ކޮމެޑީ/ޑްރާމާއެކެވެ.
އައިފާގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދީ ކެންސަރު ނާދިރު ބައްޔަކަށް މިހާރު އިނގިރޭސިވިލާތުގައި ފަރުވާ ހޯދަމުން އަންނަ އިރްފާން ހާނެވެ. އޭނާ އަށް އެވޯޑް ލިބުނީ "ހިންދީ މީޑިއަމް" އިންނެވެ. އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ އެ ފިލްމްގެ ޑައިރެކްޓަރު ސަކެޓް ޗައުދަރީ އެވެ.
އެންމެ މޮޅު ބަތަލާއަކީ މިދިޔަ އަހަރު "މޮމް" ކުޅެގެން މި އަހަރުގެ ނެޝަނަލް އެވޯޑް ވެސް ހޯދި އަދި ފެބްރުއަރީ މަހު ކުއްލި ގޮތަކަށް މަރުވި ސްރީދޭވީ އެވެ.
އައިފާގެ އިތުރު މަގާމުތަކަށް ބަލާ އިރު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ މަގާމު "މޮމް" އިން ނަވާޒުއްދީން ސިއްދީގީ ގެންދިޔަ އިރު، އެންމެ މޮޅު ސަޕޯޓިން ބަތަލާއަކީ "ސީކްރެޓް ސްޕަސްޓާ" އިން މެހެރް ވިޖް އެވެ.
އެންމެ މޮޅު ވާހަކައިގެ އައިފާ އެވޯޑް މި ފަހަރު އުފުލައިލީ، އިންޑިއާ އިން މި އަހަރު އޮސްކާ އަށް ފޮނުވި ރާޖްކުމާރް ރާއޯގެ "ނިއުޓަން" އެވެ.
އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑް ފިލްމް "ޖަބް ހެރީ މެޓް ސޭޖަލް" ގެ "ހަވާޔޭ" އިން އަރިޖިތު ސިންގް އުފުލައިލި އިރު، އެންމެ މޮޅު އަންހެން ލަވަކިޔުންތެރިއަކަށް ހޮވުނީ "ސީކްރެޓް ސްޕަސްޓާ" ގެ "މޭ ކޯން ހޫ" ކިޔައި ދިން މެގްނާ މިޝްރާ އެވެ.
އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރުންނަށް ހޮވުނީ ފިލްމް "ބަދްރީނާތު ކީ ދުލްހަނިޔާ" އަށް މިއުޒިކް ހަދައި ދިން އަރްމާން މާލިކް، ތަނިޝްގް ބަގްޗީ އަދި އާކިލް ސަޗްދޭވާ އެވެ. އެންމެ މޮޅު ޅެމުގެ އެވޯޑް ގެންދިޔައީ "ބާދްޝާހޯ" ގެ "މޭރޭ ރަޝްކޭ ކަމަރް" ލިޔުނު މަނޯޖް މުންތަސިރެވެ.
އައިފާގެ މި އަހަރުގެ އެންމެ މޮޅު އާ ޑައިރެކްޓަރަށް ހޮވުނީ ބަތަލާ ކޮންކޮނާ ސެން ޝަރްމާ އެވެ. އެއީ އޭނާގެ އަލަތު ޑައިރެކްޝަން "އަ ޑެތު އޮފް ގުންޖް" އިންނެވެ.
އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް އަނޫޕަމް ކޭރަށް ލިބުނު އިރު، ސްޓައިލް އައިކަން އޮފް ދި އިޔާގެ މަގާމު ހާސިލްކުރީ ޒުވާން ބަތަލާ ކިރިތީ ސެނަން އެވެ.
ބެންކޮކްގެ ސިއަމް ނިރާމިޓް ތިއޭޓަރުގައި ބޭއްވި ތަރިންގެ ފޯރި ގަދަ ހުށަހެޅުންތައް ވެސް ސްޓޭޖްމަތިން ފެނިގެން ދިޔަ އަދި ވަރަށް ވެސް ކުލަގަދަ އައިފާ އެވޯޑް ހުށަހަޅައި ދިނީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރާއި އެކްޓަރު ރިތޭޝް ދޭޝްމުކް އެވެ.
ސްޓޭޖްގައި ޕަފޯމް ކުރި ތަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ އަބަދަށް ޒުވާން 63 އަހަރުގެ ބަތަލާ ރޭކާ އެވެ. މިއީ 20 އަހަރު ފަހުން ސްޓޭޖް ޕަފޯމަންސަކުން ރޭކާ ފެނިގެން ދިޔަ ފުރަތަމަ ފަހަރު ވެސް މެ އެވެ.