ތުރުކީން ވަނީ ޑިމޮކްސީގައި ދުނިޔެ އަށް ފިލާވަޅެއްދީފައި: އުރުދުޣާން
ތުރުކީން ވަނީ ޑިމޮކްސީގައި ދުނިޔެ އަށް ފިލާވަޅެއްދީފައި: އުރުދުޣާން

އަންކަރާ (ޖޫން 25) - ތުރުކީން ވަނީ ޑިމޮކްރެސީގައި މުޅި ދުނިޔެ އަށް ފިލާވަޅެއް ދީފައި ކަމަށް ވެރިކަމުގެ ދެ ވަނަ ދައުރު ކާމިޔާބު ކުރެއްވި ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ތުރުކީން ވަނީ ޑިމޮކްސީގައި ދުނިޔެ އަށް ފިލާވަޅެއްދީފައި: އުރުދުޣާން
ތުރުކީން ވަނީ ޑިމޮކްސީގައި ދުނިޔެ އަށް ފިލާވަޅެއްދީފައި: އުރުދުޣާން

ތުރުކީގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމުގެ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގަތުމުގެ އުފާ ފާޅު ކުރައްވަން ޕާޓީގެ މައި މަރުކަޒުގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އުރުދުޣާން ވިދާޅުވީ މިއީ ތުރުކީގެ 81 މިލިއަން ރައްޔިތުންގެ ތެރޭން ކޮންމެ ފަރުދަކަށް ވެސް ލިބުނު ކާމިޔާބެއް ކަމަށެވެ. އަދި 88 ޕަސެންޓް މީހުން ވޯޓުލާން ނުކުތުމަކީ ބޮޑު ކާމިޔާބެއް ކަމަށާއި އެއީ ތުރުކީގެ ރައްޔިތުން ދުނިޔެ އަށް ދިން ފިލާވަޅެއް ކަމަށެވެ.

"ރައީސްގެ މަސްއޫލިއްޔަތު ރައްޔިތުން އަނެއްކާވެސް މި ވަނީ އަޅުގަނޑާ ހަވާލުކޮށްފައި. ރައްޔިތުން ފާސްކުރި ރިޔާސީ ނިޒާމް ވަރަށް އަވަހަށް ތަންފީޒު ކުރާނަން،" އުމުރުން 64 އަހަރުގެ އުރުދުޣާން ވިދާޅުވި އެވެ.

އިންތިޚާބުގެ ނަތީޖާއާ މެދު އެއްވެސް މީހަކު ޝައްކު ނުކުރަން އުރުދުޣާން ވަނީ އިންޒާރު ދެއްވައިފަ އެވެ.

"އިލެކްޝަން ނިޒާމާއި ނަތީޖާއާ މެދު ޝައްކު އުފައްދައި ޑިމޮކްރެސީ ހަލާކުކޮށްލަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރާނެ ކަމަށް އުއްމީދު ކުރަން،" އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީގެ ރަސްމީ މީޑިއާ އިން ބުނެފައި ވަނީ އުރުދުޣާން ވަނީ ވޯޓުގެ 99 ޕަސެންޓް ގުނާފައިވާ އިރު އޭގެ ތެރޭން 53 ޕަސެންޓް ކާމިޔާބު ކުރައްވާފައި ކަމަށެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު ލީޑަރު މުހައްރަމް އިންސް އަށް ލިބިވަޑައިގެންފައި ވަނީ 31 ޕަސެންޓް ވޯޓެވެ. އިންތިޚާބުގެ ފަހުގެ ނަތީޖާ އިއުލާން ކުރާނީ ހުކުރު ދުވަހު އެވެ.

ވެރިކަމުގެ އާ ދައުރަކަށް އިންތިޚާބުވުމާ ގުޅިގެން ރައީސްކަމުގައި އުރުދުޣާން އަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ 51 ޕަސެންޓާ އެކު ގާނޫނު އަސާސީ އަށް ގެނައި އިސްލާހުތަކުން ރައީސް އަށް ލިބިދޭ ބާރުގެ ތެރޭގައި ނައިބް ރައީސް އާއި ވަޒީރުންނާއި ސަރުކާރުގެ ސީނިއާ އޮފިޝަލުންނާއި ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ހިމެނެ އެވެ. އަދި ޕާލަމެންޓް އުވާލުމާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ވެސް ރައީސް އަށް ލިބޭނެ އެވެ. މީގެ އިތުރުން ބޮޑު ވަޒީރުގެ މަގާމު އުވާލާނެ އެވެ.

ތުރުކީގެ ރައީސް ކަމަށް 2014 ވަނަ އަހަރު ވަޑައިގަތުމުގެ ކުރިން އުރުދުޣާން ވަނީ އެ ގައުމުގެ ބޮޑު ވަޒީރުކަން 11 އަހަރު ކުރައްވައިފަ އެވެ. ގާނޫނު އަސާސީ އަށް ގެނައި އިސްލާހުގެ ދަށުން ތިން ވަނަ ދައުރަކަށް ވެސް އުރުދުޣާން އަށް ކުރިމަތިލެއްވޭނެ އެވެ. އެހެންވެ ދެ ވަނަ ދައުރު 2023 ގައި ހަމަވުމުން ފުރުސަތު ހޯއްދަވައި 2028 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުރުމުގެ ޖާގަ އުރުދުޣާން އަށް މިވަނީ ތަނަސްވެފަ އެވެ.

ތުރުކީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ވެސް ވަނީ އުރުދުޣާންގެ ކޯލިޝަނުން ހޯދައިފަ އެވެ.