ރޮނާލްޑޯ އަކީ ކެޕްޓަން، މުޅި ޓީމެއް ނޫން: ކޯޗު
ރޮނާލްޑޯ އަކީ ކެޕްޓަން، މުޅި ޓީމެއް ނޫން: ކޯޗު

ސަރާންސް، ރަޝިއާ (ޖޫން 25) - ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޓީމުގެ ކެޕްޓަން ކަމަށާއި ޕޯޗުގަލްގެ މުޅި ޓީމު ނޫން ކަމަށް އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޮސް ބުނެފި އެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދަން މިރޭ ޕޯޗުގަލް ކުޅޭނީ އީރާންއާ އެވެ. ގްރޫޕް ބީގެ އެއް ވަނައިގައި އޮތް ސްޕެއިނާއި ދެ ވަނައިގައި އޮތް ޕޯޗުގަލް އަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އީރާނަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް މޮރޮކޯ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މޮރޮކޯ އަކީ މި ފަހަރުގެ މުބާރާތުން ކެޓި ފުރަތަމަ ޓީމެވެ.

މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ޕޯޗުގަލް އިން ޖެހި ހަތަރު ގޯލު ވެސް ކާމިޔާބުކުރީ ރޮނާލްޑޯ އެވެ. އެހެން ނަމަވެސް ސަންޓޮސް ބުނީ މުޅި ޕޯޗުގަލް ޓީމު ބަރޯސާވަނީ ރޮނާލްޑޯ އަކަށް ނޫން ކަމަށެވެ.

"ތެދެއް. ރޮނާލްޑޯ އަކީ އޭނާ ހުރި ކޮންމެ ޓީމެއްގެ އެންމެ މުހިއްމު ކުޅުންތެރިއާ. އެ ގޮތަށް އޮތީ ރެއާލް މެޑްރިޑްގައި ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ސްޕޯޓިން ލިޒްބަންގައި ވެސް. އެކަމަކު އިރާން މި މެޗުގައި މި ކުޅެނީ ޕޯޗުގަލްއާ ދެކޮޅަށް. ރޮނާލްޑޯ އަކީ ކެޕްޓަން. މުޅި ޕޯޗުގަލް ޓީމެއް ނޫން،" ސަންޓޮސް ބުންޏެވެ.

އީރާނުގެ ކޯޗަކަށް ހުރީ ޔުނައިޓެޑަށް ރޮނާލްޑޯ ކުޅުނުއިރު އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ކާލޮސް ކުއެރޯޒް އެވެ. ކުއެރޯޒް ވަނީ މީގެ ކުރިން އޭނާ އުފަން ގައުމު ކަމަށްވާ ޕޯޗުގަލް އަށް ކޯޗުކޮށްދީފަ އެވެ.

"މިއީ ވަރަށް ހާއްސަ ދުވަހަކަށް ވާނެ. ޕޯޗުގަލް އަކީ މި ވަގުތު އެންމެ ވަރުގަދަ ޓީމުތަކުގެ ތެރެއިން އެއް ޓީމު. އަދި ހާއްސަކޮށް މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ވެސް ބެލެވޭ ޓީމެއް ޕޯޗުގަލް އަކީ،" ކުއެރޯޒް ބުންޏެވެ.

އީރާނާއި ޕޯޗުގަލް ވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބައްދަލުކޮށްފަ އެވެ. އެ ފަހަރު އީރާން އަތުން ޕޯޗުގަލް މޮޅުވިއިރު ރޮނާލްޑޯ ވަނީ ލަނޑު ޖަހައިފަ އެވެ. އެއީ ރޮނާލްޑޯ ވޯލްޑް ކަޕެއްގައި ޖެހި ފުރަތަމަ ގޯލެވެ.

މިރޭ އީރާނާއި ޕޯޗުގަލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ދެ ވަނަ ބުރުގެ ޖާގަ ލިބޭނެ އެވެ. ޕޯޗުގަލް ބަލިވެއްޖެނަމަ ޖެހޭނީ މިރޭ ސްޕެއިނާއި މޮރޮކޯ ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކަށް އިންތިޒާރު ކުރާށެވެ. ދެ މެޗު ވެސް ކުޅޭނީ އެއް ގަޑިއެއްގަ އެވެ. މެޗު ފަށާނީ މިރޭ 11 ޖަހާއިރު އެވެ.