ސްވިޑަން ކުޅުންތެރިއާއަށް މަރުގެ އިންޒާރު
ސްވިޑަން ކުޅުންތެރިއާއަށް މަރުގެ އިންޒާރު

މޮސްކޯ (ޖޫން 25) - ހޮނިހިރު ދުވަހުގެރޭ ސްވިޑެން ކޮޅަށް ޖަރުމަނުން ފަހު ވަގުތު ހިލޭ ޖެހުމަކުން ލަނޑު ޖެހިއިރު، އެ ފައުލުކުރި ސްވިޑެންގެ ކުޅުންތެރިޔާ ޖިމީ ޑާމާޒަށް މަރުގެ އިންޒާރު ލިބިފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ޖަރުމަނު އަތުން ސްވިޑެން 2-1 އިން ބަލިވީ މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ހިލޭ ޖެހުމަކުން ޓޮނީ ކްރޫސް ވައްދާލި ގޯލުންނެވެ. މި ހިލޭ ޖެހުން ލިބުނީ އޭރިއާ ބޭރުން ޖަރުމަނުގެ ޒުވާން ފޯވާޑް ޓިމޯ ވާނާ އަށް ޑާމާޒް ކުރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލް ޑާމާޒް ކުރުމުން ސްވިޑަން އަށް ސަޕޯޓުކުރާ ގިނަ ބަޔަކު އަންނަނީ އޭނާ އަށް އެކަމަށް ފާޑުކިޔަމުންނެވެ.

ތުރުކީ އަށް އުފަން ޑާމާޒް އިއްޔެ އޮތް ސްވިޑަން ފަރިތަކުރުންތަކުގެ ކުރިން ވަނީ އޭނާ އަށް ދިމާވެފައިވާ ކަންތައްތައް މުޅި ޓީމަށް ހިއްސާކޮށްފަ އެވެ.

"އަހަންނަކީ އެންމެ ޓޮޕް ލެވެލްގެ ފުޓްބޯޅަ ކުޅުންތެރިއެއް. ފާޑުކިޔުން އަބަދުވެސް އަމާޒުވާނެ ކަމެއް މިއީ. އެކަމަކު އަހަންނަކީ ޖާނުންފިދާވެގެން މީހުން މަރާ މީހެއް ކަމަށް ބުނެ އަހަންނަށާއި އަހަރެންގެ އާއިލާގެ މީހުންނަށް މަރުގެ އިންޒާރު ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އަހަންނަކީ ފަހުރުވެރިކަމާ އެކު ސްވިޑަން ޓީމަށް މި ދިދަ އަށްޓަކައި ކުޅޭ ކުޅުންތެރިއެއް،" ޑާމާޒް ބުންޏެވެ.

ތުރުކީ އަށް އުފަން އުމުރުން 29 އަހަރުގެ ޑާމާޒް އަކީ 2011 ވަނަ އަހަރު އެ ޓީމަށް ކުޅެން ފެށި ކުޅުންތެރިއެކެވެ. ކްލަބް ލެވެލްގައި ފްރާންސްގެ ޓުލޫސް އަށް ކުޅޭ މި ކުޅުންތެރިއާ އަކީ ފޯވާޑެއްގެ އިތުރުން ދެ އަރިމަތިން ވިންގަށް ވެސް ކުޅޭ ކުޅެވޭ ކުޅުންތެރިއެކެވެ.

އޮލާ ޓޮއިވޮނެނަންގެ ލަނޑުން ފުރަަތަަމަ ހާފުގައި ސްވިޑަން ލީޑުނަގާފައިވަނިކޮށް ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޖަރުމަނަށް އެއްވަރުކޮށްދިނީ މާކޯ ރެއުސް އެވެ. ޖަރުމަނު މޮޅުވި ގޯލުގައި ވެސް ރެއުސްގެ ދައުރު ބޮޑެވެ. ކްރޫސް ފުރަތަމަ އުޅުނީ ފަހު ވަގުތު ލިބުނު ހިލޭ ޖެހުމަކުން ހުރަސް ނަގާށެވެ. އެކަމަކު ސްވިޑަން ކުޅުންތެރިންގެ އިސްކޮޅާ ހުރިހާ ކަމަކަށް ބަލާފައި ކްރޫސް ގާތުގައި ގޯލަށް ޖެހުމަށް އެ ޓީމުގެ މާކޯ ރެއުސް އެދުނީ އެވެ.