25 ޖޫން 2018 - 01:11

ކަޒާން (ޖޫން 25) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުން ޕޮލެންޑް 3-0 އިން ބަލިކޮށް އެ ޓީމު ކަޓުވާލުމަށް ފަހު ކޮލަމްބިއާ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ އުއްމީދުއާ ކޮށްފި އެވެ.

ގްރޫޕް އެޗްގައި ޖަޕާނާއި ސެނެގާލަށް ހަތަރު ޕޮއިންޓް ލިބި، ލަނޑުގެ ގޮތުން ވެސް އެއްވަރުވެފައިވާއިރު ފެއާޕްލޭ ޕޮއިންޓުން ކުރި ހޯދައިގެން މި ވަގުތު އެއް ވަނައިގައި އޮތީ ޖަޕާނެވެ. ތިން ވަނައިގައި މިރޭގެ މޮޅާ އެކު ކޮލަމްބިއާ އޮތީ ތިން ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ޕޮލެންޑަށް އަދި ޕޮއިންޓެއް ލިބިފައިނުވާއިރު، އެ ޓީމު ވަނީ ކަޓައިފަ އެވެ.
ގްރޫޕްގެ ފަހު މެޗުގައި ކޮލަމްބިއާ ނުކުންނާނީ ސެނެގާލާ ދެކޮޅަށެވެ. އަދި ޕޮލެންޑް ބައްދަލުކުރާނީ ޖަޕާންއާ އެވެ. ޕޮލެންޑުން 32 އަހަރަށް ފަހު ދެ ވަނަ ބުރުން ފުރުސަތު ހޯދުމަށް ކުރި މަސައްކަތް މިވަނީ މި ފަހަރު ވެސް ނާކާމިޔާބުވެފަ އެވެ.
މިއީ ވޯލްޑް ކަޕްގައި ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް އެންމެ ފަހުން ކޮލަމްބިއާ ކުޅުނު 10 މެޗުގެ ތެެރެއިން ލިބުނު ތިން ވަނަ މޮޅެވެ. މީގެ ކުރިން ކޮލަމްބިއާ މޮޅުވީ 1994 ވަނަ އަހަރު ސްވިޒަލެންޑު އަތުންނާއި 2014 ވަނަ އަހަރު ގްރީސް އަތުންނެވެ.
ފުރަތަމަ މެޗުން ބަލިވުމުން މިރޭގެ މެޗަށް ނުކުތްއިރު ވެސް މުބާރާތުގައި ކުރިއަށްދާން މި ދެ ޓީމަށް ވެސް އޮތީ މޮޅުވުން މަޖުބޫރުވެފަ އެވެ. ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ޖުމްލަ ގޮތެއްގައި ފެނުނު ނަމަވެސް ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނީ ކޮލަމްބިއާއިންނެވެ. ހާއްސަކޮށް ފުރަތަމަ އެގާރައިގައި ހިމެނިގެން މި މެޗުގައި ކުޅުނު ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭޒް ދެއްކި ކުޅުން ފާހަަގަކޮށްލެވެ އެވެ.
ޕޮލެންޑުން ކައުންޓަ އެޓޭކުގައި ލިބޭ ފުރުސަތުތަކުގައި ނުރައްކާ ކުރަން މަސައްކަތްކުރި ނަަމަވެސް އެ ޓީމުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީގެ ބޭނުން އެންމެ ރަނގަޅަށް ފުރަތަމަ ހާފުގައި ނުހިފުނެވެ. ލެވަންޑޯސްކީ ހިފެހެއްޓުމުގައި ކޮލަމްބިއާގެ ފަހަތަށް ކުޅެމުންދިޔަ ޔެރީ މިނާގެ ކުޅުން ފާހަގަކުރަން ޖެހެ އެވެ. ޕޮލެންޑުގެ އެޓޭކުގައި ބައިވެރިވާނެ ކަމަށް ބެލެވުނު ޕިއޮޓް ޒިއެލިންސްކީ އަށް ވެސް ކޮލަމްބިއާގެ ޑިފެންސްލައިން ކައިިރިން ދެމިގަތުމުގައި އުނދަގޫތަކެއް ދިމާވި އެވެ.
ފުރަތަމަ ހާފުގައި ހަމޭސްގެ އިތުރުން ކޮލަމްބިއާ ޓީމުގެ ހުއާން ކުއަޑްރާޑޯ ވެސް ވަނީ މޮޅަށް ކުޅެފަ އެވެ. ޕޮލެންޑް ޑިފެންޑަރުން ކައިރިން ކޮލަމްބިއާގެ ކެޕްޓަން ރަޑަމެލް ފަލްކާއޯ އަށް މާ ރަނގަޅު ހަމަލާއެއް ފުރަތަމަ ހާފުގައި ފޮނުވައިނުލެވުނެވެ.
ކޮލަމްބިއާ އިން ހާފުގެ ފަހު ކޮޅުގައި ޕޮލެންޑުގެ ފަހަތަށް ނުރައްކާ ކުރަމުންދިޔައިރު ލަނޑެއް ޖެހުމަށް ކުރަންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 40 ވަނަ މިނިޓްގަ އެވެ. ހަމޭސް ނަގައިދިން ހުރަހަކުން މި ލަނޑު ޖެހީ ޔެރީ މިނާ އެވެ.
ދެ ވަނަ ހާފުގެ ފުރަތަމަ ހުސް ފުރުސަތު ލިބުނީ ޕޮލެންޑުގެ ލެވަންޑޯސްކީ އަށެވެ. މެޗުގެ 58 ވަނަ މިނިޓްގައި އޭރިއާތެރެއިން ލެވަންޑޯސްކީ ފޮނުވާލި ބޯޅަ ކޮލަމްބިއާގެ ކީޕަރު ޑޭވިޑް އޮސްޕީނާ ވަނީ މަތަކޮށްފަ އެވެ.
ޕޮލެންޑުން ކުރިއަށް ޖެހިގެން ކުޅެމުންދަނިކޮށް މެޗުގެ 70 ވަނަ މިނިޓްގައި ކޮލަމްބިއާގެ ދެ ވަނަ ލަނޑު ޖެހީ ފަލްކާއޯ އެވެ. ޖޮނަތަން ކުއިންޓޭރޯ ހުސްކޮށްލާފައި ދިން ބޯޅަ ފަލްކާއޯ ވަނީ ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ ވޯލްޑް ކަޕެއްގައި ފަލްކާއޯ ޖެހި ފުރަތަމަ ގޯލެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕް އަނިޔާގެ ސަބަބުން ފަލްކާއޯ ނުކުޅެ އެވެ.
ކޮލަމްބިއާގެ ތިން ވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓްގައި ކާމިޔާބުކުރީ ކުއަޑްރާޑޯ އެވެ. ހަމޭސް ދިން ހިތްގައިމު ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ކުއަޑްރާޑޯ ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަހުން ޕޮލެންޑަށް ލަނޑެއް ޖަހައިދޭން ލެވަންޑޯސްކީ ފޮނުވާލި ހަމަލާއެއް އޮސްޕީނާ ވަނީ މަތަކޮށްފަ އެވެ.