25 ޖޫން 2018 - 08:58

މޮސްކޯ (ޖޫން 25) - މި ފަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް ފަހު މިސްރުގެ ތަރި މުހައްމަދު ސަލާހު އެ ގައުމަށް ކުޅުން ހުއްޓާލުމާ މެދު ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަށާވީސް އަހަރަށް ފަހު މިސްރު މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި ސަލާހުގެ ދައުރު ބޮޑެވެ. މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވެ މިސްރު ވަނީ ކަޓައިފަ އެވެ. އެކަމަކު ގްރޫޕްގެ ފަހު މެޗުގައި މިރޭ ސައުދި އެރެބިއާއާ ދެކޮޅަށް ކުޅޭއިރު، މި މެޗުން މޮޅުވާން ބޭނުންކަމަށް މިސްރުގެ ކޯޗު ހެކްޓަ ކޫޕާ ވަނީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސަލާހު މިސްރަށް ކުޅުން ހުއްޓާލުމާ މެދު ވިސްނަން ފަށާފައިވަނީ މިސްރުގެ އެފްއޭ އިން ސިޔާސީ ކަންކަމުގައި އޭނާގެ ބޭނުން ހިފާތީ އެކަމާމެދު ހިތްހަމަ ނުޖެހިގެންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ކުރިން ސަލާހުގެ އިމޭޖް ރައިޓްސް އެއްބަސްވުންތަކާ ހިލާފަށް މިސްރުގެ އެފްއޭ އިން ވަނީ އެކި އިޝްތިހާރުތަކުގައި އޭނާގެ ނަން ބޭނުންކޮށްފަ އެވެ. އެކަމާ ހެދި ވެސް ސަލާހާއި މިސްރު އެފްއޭ ދެމެދު ދެބަސްވުންތަކެއް ހިނގި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި މިސްރުން ކޭމްޕް ޖަހާފައިވާ ހޮޓަލަށް ރަޝިއާގެ ޗެޗްނިއާ ގްރޫޕުގެ ގިނަ ލީޑަރުން ވަދެ ހަދާއިރު، ސޯޝަލް މީޑިއާގައި އެކަމަށް ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޗެޗްނިއާގެ ލީޑަރު ރަމަޒާން ކައިދައިރޯފް އަކީ އިންސާނީ ހައްގުތަކާ ބެހޭ ގިނަ ޖަމިއްޔާތަކުން ބްލެކް ލިސްޓުކޮށްފައިވާ މީހެކެވެ. ކައިދައިރޯފް އަކީ ރަޝިއާ ރައީސް ލަޑިމިއޭ ޕުޓިންގެ ގާތް މީހެކެވެ.
ދާދި ފަހުން ޗެޗްނިއާގެ ލީޑަރުން ބޭއްވި ރަސްމިއްޔާތެއްގައި ސަލާހަށް ވަނީ ޗެޗްނިއާގެ ހާއްސަ ރައްވެއްސެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ސަލާހު އެކަން ގަބޫލުކުރީ މިސްރުގެ އެފްއޭގެ އެދުމާ އެކު އެވެ. އަދި އެ ހަފްލާގެ ފަހުން ރަސްމީ ސިފައެއްގައި އެކަމާ ބެހޭގޮތުން އޭނާ ވާހަކަ ދައްކަން ބޭނުމެއްނުވި އެވެ.
ރިޕޯޓްތައް ބުނާގޮތުން މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ސަލާހު އޭނާ ގައުމީ ޓީމުގައި ކުޅުމާ މެދު ގޮތެއް ނިންމުމަށް މިސްރުގެ އެފްއޭއާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކޮނޑަށް ލިބުނު އަނިޔާއަކުން ސަލާމަތްވެ ސަލާހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗަކީ މި ފަހަރު ވޯލްޑް ކަޕުގައި ރަޝިއާ އަތުން 3-1 އިން މިސްރު ބަލިވި މެޗުގަ އެވެ. އެ މެޗުގައި މިސްރުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ޖެހީ ސަލާހު އެވެ.
މި ފަހަރުގެ މުބާރާުތުގައި މިސްރު ކުޅޭ ފަހު މެޗުގައި މިސްރު ބައްދަލުކުރާނީ ސައުދި އެރެބިއާއާ އެވެ. މެޗު ފަށާނީ ހަތެއް ޖަހާއިރު އެވެ.