24 ޖޫން 2018 - 23:00

ޖުމްހޫރީ ޕާޓީ (ޖޭޕީ)ން އެކި ރަށްރަށަށް ދަތުރުކޮށް، ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރަން ރާވާފައިވާ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޖޭޕީއާ އަލަށް ގުޅުނު ތިން މީހަކު ސޮއިކުރުމަށް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަމީން ވިދާޅުވީ އެ ޕާޓީން އަތޮޅުތަކަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް، ޕާޓީއަށް އެކި މީހުން ވެއްދުމަށް ވަރަށް މުހިންމު ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ.
"ޕާޓީގެ ގޮފިތަކާއި ޕާޓީގެ އިދާރީ އެކި އެކި ހަރަކާތްތައް އަތޮޅުތަކަށް ފުޅާކުރުމަށް ވަރަށް މުހިންމު ތައްޔާރީތަކެއްވަމުން މިދަނީ. އަދި ދިވެހި ގައުމު މިދަނީ، ރާއްޖެއަށް މިކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވެ، އާ ދުވަސްތަކަކަށް ކުރިމަތިލުމުގެ ހަރުފަތްތަކަށް،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަގުތު ރާއްޖެއަށް އެންމެ ހެޔޮ ބަދަލުގެނެވޭނެ ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށެވެ.
"އަޅުގަނޑު ހިތުން ސިޔާސީ ކަންތައްތަކާ ތަންކޮޅެއް ދުރުގައި ތިއްބެވި ބޭފުޅުން ވެސް އަދި ރާއްޖެއަށް ހެޔޮބަދަލު ގެނައުމުގެ ޝައުގުވެރިކަން ހުރި ބޭފުޅުން ވެސް އަދި ޒުވާނުންނާއި އަންހެން ބޭފޅުން ވެސް، އަދި އެކި ފަންތިތަކާއި ގިންތިތަކުގެ ބޭފުޅުން ވެސް މިވަގުތު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ރާއްޖެ އިސްލާހުކުރަންވީ ވަގުތު މިއީ،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސަށްފަހު ޕާޓީގެ ހަރަކާތްތައް އާ ފެށުމަކުން ފަށާފައިވާ ކަަމަށެވެ. އަދި ރާއްޖޭގައި އެކި ރޮނގުތަކުން ހިދުމަތްކުރައްވާފައިވާ ބޭފުޅުންނަށާއި ޒުވާނުން އަދި އެކި ފަންނުތަކުގެ ބޭފުޅުންނަށް އެ ޕާޓީގެ ދޮރުތައް ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.