ޝަކުވާތައް ބެލުމަށްފަހު ދާއިމީ ވޯޓާސް ލިސްޓު އަންނަ އާދިއްތަ ދުވަހު ނެރެނީ
ޝަކުވާތައް ބެލުމަށްފަހު ދާއިމީ ވޯޓާސް ލިސްޓު އަންނަ އާދިއްތަ ދުވަހު ނެރެނީ

ރިއާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށްފަހު އަންނަ އާދިއްތަ ދުވަހު ދާއިމީ ލިސްޓް ނެރޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވިއިރު 1700 އަށްވުރެ ގިނަ ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތައް ބަލައި އެކަން އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަންތައްތައް ބަލައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އަންނަ އާދިއްތަ ދުވަހު ނެރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން އަންނަ ހަފުތާގެ ހޯމަ ދުވަހު ހުޅުވާލާނެ ކަމަށެވެ. ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން 10 ދުވަސް ދޭން އީސީން ވަނީ ނިންމައިފަ އެވެ.

"ދާއިމީ ލިސްޓް އާއްމުކޮށް، އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ޖުލައި 12އާ ހަމައަށް ޝަކުވާ ހުށަހެޅޭނެ،" އަކްރަމް ވިދާޅުވި އެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންނާއި 18 އަހަރުން ދަށުގެ ކުދިންގެ ނަންތައް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ހުރުމުގެ މައްސަލަ އެވެ.

އެ ލިސްޓަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވެސް 800 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅި އެވެ. އެމްޑީޕީގެ އިތުރުން އެހެން ޕާޓީތަކުން ވެސް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅި އެވެ.

އިލެކްޝަންސުން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ގޮތުން، ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ.