24 ޖޫން 2018 - 22:30

ޔެކަޓެރިންބާގް (ޖޫން 24) – ފޯރިގަދަ ކުޅުމަކަށް ވޯލްޑް ކަޕުގައި މިރޭ ޖަޕާނާއި ސެނެގާލް 2-2 އިން އެއްވަރުވެ މި ގްރޫޕުން ދެ ވަނަ ބުރަށް ދިއުމުގެ ރޭސް ފޯރިގަދަވެއްޖެ އެވެ.
ޖަޕާނާއި ސެނެގާލަށް ހަތަރު ޕޮއިންޓް ލިބި، ލަނޑުގެ ގޮތުން ވެސް އެއްވަރުވެފައިވާއިރު ފެއާޕްލޭ ޕޮއިންޓުން ކުރި ހޯދައިގެން މި ވަގުތު އެއް ވަނައިގައި އޮތީ ޖަޕާނެވެ. ޕޮލެންޑާއި ކޮލަމްބިއާ އަށް ޕޮއިންޓެއް ލިބިފައިނުވާއިރު، މިރޭ އެ ދެ ޓީމު ކުޅޭ މެޗުން ބަލިވާ ޓީމެއް ކަޓާނެ އެވެ. އޭރުން ދެ ވަނަ ބުރުގެ ޖާގައަށް ވާދަކުރާނީ މޮޅުވި ޓީމުގެ އިތުރުން ކަޕާނާއި ސެނެގާލެވެ. މިރޭގެ މެޗު އެއްވަރުވެއްޖެ ނަމަ ހަތަރު ޓީމަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު އަދި އޮންނާނެ އެވެ.
ޖަޕާނާއި ސެނެގާލް މިރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި ލިވަޕޫލުގެ ފޯވާޑް ސަޑިއޯ މާނޭގެ ލަނޑުން ސެނެގާލުން ކުރި ހޯދި އެވެ. ސެނެގާލުގެ ޔޫސުފް ސަބަލީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ޖަޕާނުގެ ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު މާނޭގެ ފައިގައި ޖެހި ބްލޮކްވެ އެ ބޯޅަ ގޯލަށް ވަނީ އެވެ. އޭގެ ފަހުން ސެނެގާލުގެ އެމްބަޔޭ ނިއާންގެ މުޅިން ހުހަށް އަރައި ގޯލަށް ޖަހަން ލިބުނު ފުރުސަތެއްގައި ބޯޅަ ފޮނުވާލުމުން ޖަޕާން ކީޕަރު ސަލާމަތްކުރީ އެވެ.
ފުރަތަމަ ހާފު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ޖަޕާނުން ވަނީ އެއްވަރުކޮށްފަ އެވެ. ޔުޓޯ ނަގަޓޯމޯ އޭރިއާ ތެރެއިން ބޯޅަ ކޮންޓްރޯލްކޮށްލުމަށް ފަހު، ޓަކަޝީ އިނުއީ އަށް ބޯޅަ ދިނުމުން އޭނާ ސެނެގާލް ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލީ އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ދެ ޓީމަށް ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. އެގޮތުން 54 ވަނަ މިނެޓުގައި ސެނެގާލުގެ ނިއާންގެ ޖެހި ޝޮޓެއް ކީޕަރު އަނެއްކާ ވެސް މަތަކުރިއިރު، ޖަޕާނުގެ ޔޫޔާ އޮސާކާ އޭރިއާ ތެރެއަށް ވަދެ ސެނެގާލް ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު އިނޫއީ އަށް ދިން ބޯޅަ އޭނާ ޖެހުމުން އަމާޒުވީ ހުރަސް ދަނޑިއަށެވެ.
ސެނެގާލުން ދެ ވަނަ ފަހަރަށް ލީޑު ނެގީ 71 ވަނަ މިނެޓުގަ އެވެ. މާނޭ ދިން ބޯޅައެއް ސަބަލީ ހޯދައި ޖަޕާނުގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު ނިއާންގެ އަށް ދިނުމުން އޭނާ ފުންނާބުން އެ ބޯޅަ ޖައްސާލީ މޫސާ ވޭގޫ އަށެވެ. އޭނާ ވަނީ އެއް ފަހަރު ޖަހައި ބޯޅަ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ.
ޖަޕާނުން ދެ ވަނަ ފަހަރަށް އެއްވަރުކުރީ 78 ވަނަ މިނެޓުގަ އެވެ. އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ސެނެގާލް ކީޕަރު އަތުން ދޫވި ވަގުތު އިނޫއީ ވަނީ ހޯދައި އޭރިއާ ތެރެއަށް އެ ބޯޅަ ފޮނުވާލައިފަ އެވެ. އެ ވަގުތު އެ ބޯޅައަށް ކެއިސުކޭ ހޮންޑާ އަރައި ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ވައްދާލި އެވެ.