26 ޖޫން 2018 - 07:15

ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ހާންގެ ބޮލީވުޑްގެ ކެރިއަރާ މެދު އެއްޗެއް ބުނަން އަދި ނޭނގޭ ކަމަށް މަޝްހޫރު އެކްޓަރު ސައިފް އަލީ ހާން ބުނެފި އެވެ.
އިބްރާހީމަކީ ސައިފާއި ކުރީގެ ބަތަލާ އަމްރިތާ ސިންގް އަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.
އޭނާ އަށް މިހާރު 17 އަހަރެވެ.
ދޮށީ އަންހެން ދަރިފުޅު ސާރާ މި އަހަރު ބޮލީވުޑަށް ތައާރަފުވާއިރު، އޭނާގެ ދެ ފިލްމެއް މި އަހަރު ބެލުންތެރިންނަށް ފެންނާނެ އެވެ. އެއީ ނޮވެމްބަރު 30 ގައި ރިލީޒް ކުރާ "ކެދަރްނާތު" އާއި ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" އެވެ.
އިބްރާހީމާ ބެހޭ ގޮތުން ހިންދުސްތާން ޓައިމްސް އަށް ސައިފް ބުނީ އޭނާ އެކްޓިން އަށް ޝައުގުވެރިކަން ހުރިކަން ވެސް އަދި ނޭނގޭ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް މިހާތަނަށް ދެކެވިފައި ނުވާ ކަމަށް ބުންޏެވެ.
"އޭނަ އަށް އަދި އެންމެ ސަތާރަ އަހަރު. އަހަރެން ބޭނުންވާ އިބްރާހީމް ކޮލެޖް ނިންމާފައި ޔުނިވަސިޓީ އަށް ވެސް ދާން. އަހަރެންގެ އާއިލާގައި އަބަދު ވެސް ތައުލީމަށް ވަރަށް ބޮޑު އިސްކަމެއްދޭ. އަހަރެން ވެސް ފިލްމް ކުޅެން ފެށީ ކިޔެވުން އެއްކޮށް ނިންމާފައި،" މިހާރު ބަތަލާ ކަރީނާ ކަޕޫރާ ކައިވެނިިކޮށް އިތުރު ފިރިހެން ދަރިއަކު ވެސް ހުރި ސައިފް ބުންޏެވެ.
އެކަމަކު އިބްރާހީމް ވަނީ ބައްޕަ އާއި ދޮންމަންމަ ކަރީނާ 2008 ގައި ކުޅުނު ފިލްމް "ތަޝަން" ގެ ކުޑަކުޑަ ރޯލެއް ކުޅެފަ އެވެ.
ސައިފް ބުނި ގޮތުގައި ވަކި ކެރިއަކާ ދިމާއަށް ދިއުމުގެ ކުރިން ކިޔެވުން ފުރިހަމަ ކުރަން ދަރިންނަށް އަބަދުވެސް ނަސޭހަތް ދޭނެ އެވެ. އަދި ސާރާ، 24، ވެސް ބޮލީވުޑަށް ނުކުންނަނީ ކޮލަމްބިއާ ޔުނިވަސިޓީން ގްރެޖްއޭޓްވެގެންކަން ސައިފް ފާހަގަކުރި އެވެ.
"ތައުލީމު ވަރަށް ވެސް މުހިއްމު. އެ ގުރުބާންކޮށްލާކަށް ނުވާނެ. އަހަރެން ވަރަށް ބޭނުން އިބްރާހީމް ޔުނިސަޓީއަކުން ގްރެޖްއޭޓްވާން،" މިހާރު އިނގިރޭސިވިލާތުގައި ކިޔަވަމުން އަންނަ އިބްރާހީމާ ބެހޭ ގޮތުން ސައިފް ބުންޏެވެ.
އިބްރާހީމް ވެސް އާއިލާގެ އެހެން މީހުންނެކޭ އެއްގޮތަށް ބޮލީވުޑަށް ނުކުތުމަކީ ބަޔަކު ހައިރާން ވާނެ ކަމެއް ވެސް ނޫނެވެ. އެކަމަކު އަދި ސުވާލަކީ އެ ދިމާއަށް އޭނާ މިސްރާބު ޖަހައިފާނެތޯ އެވެ؟ އެއީ ނުވުމަށް ވުރެ ވުން ގާތް ކަމެކެވެ.