24 ޖޫން 2018 - 19:22

ވޯޓު ކަރުދާހުގައި އިތުރު އެއްޗެއް ކުރަހައިފި ނަމަ ނުވަތަ އެއްޗެއް ލިޔެފި ނަމަ އެ ވޯޓެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ހިމަނައިފި އެވެ.
ރިޔާސީ އިންތިޚާބުގެ ގާނޫނާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އިއްވާއިރު، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
އެގޮތުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުން ފިޔަވައި، އިތުރަށް އެއްޗެއް ކުރަހައިފި ނަމަ ނުވަތަ ލިޔެފި ނަމަ އެ ވޯޓެއް ބާތިލްވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުން ހިމެނޭ ކަމަށް ވެސް ވަނީ އެނގިފަ އެވެ. އަދި އިންތިޚާބުގައި ވޯޓު ދިން މީހުންގެ އަދަދު ކަނޑައެޅުމުގައި ބާތިލް ވޯޓު ހިމަނައިގެން ނުވާނެ ކަމަށް އޮންނަ އޮތުން އުވާލަން ވެސް އެ އިސްލާހުގައި ހިމަނާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ވޯޓު ކަރުދާހުގައި އިތުރު އެއްޗެއް ކުރެހިޔަސް ނުވަތަ ލިޔުނަސް އެ ވޯޓެއް ބާތިލް ނުވާތީ އޭގެ ސަބަބުން ވޯޓަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން، އެފަދަ ވޯޓުތައް ބާތިލްވާ ގޮތަށް މީގެކުރިން ވެސް އެ ގާނޫނަށް އިސްލާހެއް ހުށަހެޅި އެވެ. އެކަމަކު އޭރު އެ އިސްލާހު އަނބުރާ ގެނައީ އެވެ.
އިންތިޚާބުތަކާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ވޯޓާސް ލިސްޓް އާންމު ކުރަން ޖެހެނީ އިންތިޚާބުގެ 45 ދުވަސް ކުރިން ކަމަށް ވިޔަސް، އިންތިޚާބުގެ 90 ދުވަސް ކުރިން އެ ލިސްޓް އާންމު ކުރަންޖެހޭ ގޮތަށް އެ އިސްލާހުގައި ހިމަނާފައިވާ ކަމަށް ވަނީ އެނގިފަ އެވެ. އަދި ވޯޓުލެވޭ މީހުން ވޯޓުލާ ތަންތަނުގެ މައުލޫމާތު އެނގޭނެ ލިސްޓް އިންތިޚާބުގެ 45 ދުވަސް ކުރިން އާންމު ކުރަންޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން މޮނީޓަރުން ފިޔަވައި، ވޯޓުލާން ދާ މީހުން ވީޑިއޯ ނުވަތަ އަޑު ރެކޯޑް ކުރެވޭ ވަސީލަތްތައް ވޯޓުލާ މަރުކަޒަށް ވެއްދުން މަނާކުރަން ވެސް އެ އިސްލާހުގައި ހިމަނާފައިވާ ކަމަށް ވަނީ އެނގިފަ އެވެ. އަދި އިންތިޚާބީ ކުށްތަކަށް ކަނޑައެޅޭ އަދަބުތައް ބޮޑުކުރަން ވެސް އެ އިސްލާހުގައި ހިމަނާފައިވާ ކަމަށްވެ އެވެ.
ރިޔާސީ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ކެންޑިޑޭޓުން ދައްކަންޖެހޭ 40،000ރ. ގެ ބަދަލުގައި 50،000ރ. އަށް އެ އަދަދު ބޮޑު ކުރުމަށް ވެސް ވަނީ އެނގިފަ އެވެ.