24 ޖޫން 2018 - 19:41

ރާއްޖެއަކީ ހަމައެކަނި ގުދުރަތީ ތަރައްގީއަށް ބަރޯސާވެގެން ތިބެވޭނެ ބައެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ކ. ގުރައިދޫ ބަނދަރާއި ނަރުދަމާ އިފްތިތާހުކުރުމަށް މިއަދު ހަވީރު ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ ހަމައެކަނި ގުދުރަތީ ތަރައްގީއަށް ބަރޯސާވެގެން ތިބެވޭނެ ބައެއް ނޫން ކަމަށާއި އަޅުގަނޑުމެން ހާލަތު ބަދަލުކުރެވޭނީ އެ ހާލަތު ބަދަލުކުރުމުގެ ވިސްނުމާއި ހިޔާލާތާއި އެކަންކުރުމަށް ބޭނުންވުމުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވޭ 30 މިލިއަން ޑޮލަރުގެ އެއާޕޯޓް [ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު] ބައެއް ބޭފުޅުން ވިދާޅުވާ ބާލިދީ އެއާޕޯޓު. އެކަމަކު ބާލިދީ އެއާޕޯޓު ބްރޭންޑް ނިއު [މުޅިން އާ] އަދި މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއާޕޯޓަކަށް ހެދޭތޯ މިބަލަނީ ހަމަ މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި،" ރައީސް ވިދާޅުވި އެވެ.
އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވެލާނާ އެއާޕޯޓު ތަރައްގީކުރުމަށް އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަކުރެވޭނެ ކަމަށެވެ.
"މި ދައްކަނީ އަޅުގަނޑުމެންގެ މުސްތަގުބަލުގެ ވާހަކަ. މިދައްކަނީ އިންވެސްޓްމަންޓްގެ ވާހަކަ. މިދައްކަނީ މިހެންހުރި ރަށްރަށަށް، މާލެ ކައިރި އެކަންޏެއް ނޫން ދުރު ހުރިހާ ހިސާބެއްގައި ހުރި ރަށްރަށް ވެސް މިއާ ގުޅިގެން މިއަންނަނީ ތަރައްގީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ދަރަންޏަކީ ރާއްޖެއަށް އާ ކަމެއް ނޫން ކަމަށެވެ. އަދި ދަރަންޏަކީ ވިޔަފާރިކުރާ މީހުންނަށް ވެސް އާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއްވެސް މީހަކު ނުކުރާނެ ސަތޭކައިން ސަތޭކަ އޭނަގެ ލާރީގައި ވިޔަފާރިއެއް. މޮޔައަކު ނޫނީ އެކަމެއް ނުކުރާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު މުޅި ރާއްޖެއަށް ޓޫރިޒަމް ފެތުރެމުން އަންނަ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި މާލެއަތޮޅުން ފަސް ފަޅެއް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެއާއެކު ދަތުރުފަތުރު ފަސޭހަވެގެން މިދަނީ. މިހާރު ރާއްޖޭގެ ހަމަ ދެތިން ދިމާއެއް ފިޔަވައި ކޮންމެ ދިމާލެއްގައި މަދުވެގެން އެއް އެއާޕޯޓު އޮންނާނެ. އަދި މިހާރު ހަދަމުން އަންނަ ހަތަރު އެއާޕޯޓު، ބައެއް ދިމަދިމާލުގައި އެއް އެއާޕޯޓަށް ވުރެ ގިނަ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބައެއް އަތޮޅުތަކުގައި އެއް އެއާޕޯޓަށް ވުރެ ގިނަ އެއާޕޯޓު ހެދުމަކީ މީގެ ކުރިން ބަޔަކު ވިސްނާފައި ހުރި ކަންކަމެއް ނޫން ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުންވޭ މި ތަރައްގީ މުޅި ރާއްޖެއަށް އާއްމުވެގެންދާން. މި ތަރައްގީ އާއްމުކުރުމަށް ކުރާ މަސައްކަތުގައި ރިސްކު ނަގައިގެން، ފައިސާ ހޯދައިގެން އަދި ދަރައިގެން ވިޔަސް މިކަންކުރަން،" ބޭރުން ބޮޑެތި ލޯނުތައް ހޯދާ ސަބަބާ ބެހޭ ގޮތުން އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގުރައިދު އަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި 105 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރެވުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެއިން ދައްކައިދެނީ ރައްޔިތުންނަށް ކަންތައްތަކެއްކޮށްދެވޭނީ މި ސަރުކާރުންކަން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ މާޔޫސްކަމާއި ނާއުއްމީދުގެ ތެރޭގައި ތިބި ބައެއް. ވަކި މާލެއަކު ނޫން. އަތޮޅުތެރޭގެ ހުރިހާ ތަނެއްގައި ވެސް،" ރައީސް ވިދާޅުވި އެވެ.
އާބާދީ ބޮޑެތި ރަށްތަކުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ ގދ. ތިނަދުއަށް އޮއްސަމުންދާ މަޝްރޫއުތަކަށް ބަލާއިރު، އެއީ ފާއިތުވި އެއްވެސް ސަރުކާރަކުން ނުކުރާވަރުގެ މަސައްކަތްތަކެއް ކަމަށެވެ.
"އެކަމަކު އެއީ އެ ރަށަށް ބޭނުންވެފައި ހުރި ކަންކަން. އަދި އެ ރަށުގެ ރައްޔިތުން އެހާ ހިތްދަތި ދުވަސްތަކެއް މާޒީގައި ކަޑައްތުކޮށްފައި ހުރީމަ ދެވަނަ ފަހަރު އާބާދުވިތާ 50 އަހަރު ފުރޭތީއާ އެކީ ހަމަ ރައީސް ބޭނުންވި ކަންތައްތަކެއް އެއީ. ރައީސް ބޭނުންވި އެ ރަށަށް ހާއްސަ ހަދިޔާތަކެއް ދޭން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތިނަދުއަށް ސަރުކާރުން އެހާ ބޮޑު އަހަމިއްޔަތުކަމެއް ދެއްވީ މާޒީގައި ހިނގާފައިވާ ކަންތައްތަކުން ތިނަދޫ ރައްޔިތުންގެ ހިތަށް ތަސައްލީތަކެއް ހޯދައިދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ އެޖެންޑާއިން އުނިވެފައި ނެތް، ހާއްސަ އަހައްމިއްޔަތުކަންދޭ ރަށެއްކަން ކަށަވަރުކޮށްދިނުމުގެ ގޮތުން،" އެ މަނިކުފާނު ވިދާޅުވި އެވެ.