ރޮން ކައުފްމަން އިވެންޓުގެ މެއިން ސްޕޮންސަރަކަށް ދިރާގު
ރޮން ކައުފްމަން އިވެންޓުގެ މެއިން ސްޕޮންސަރަކަށް ދިރާގު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) އިން އަންނަ އޯގަސްޓް މަހު ރާއްޖޭގައި ބާއްވާ، މަޝްހޫރު ކަސްޓަމާ ސާވިސް ކޮންސަލްޓަންޓް ރޮން ކައުފްމަން އިވެންޓުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ރޮން ކައުފްމަން އިވެންޓުގެ މެއިން ސްޕޮންސަރަކަށް ދިރާގު
ރޮން ކައުފްމަން އިވެންޓުގެ މެއިން ސްޕޮންސަރަކަށް ދިރާގު

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުންޏާ އެކު، އެ އިވެންޓުގެ ސްޕޮންސާޝިޕް އެއްބަސްވުމުގައި މާޕް އިން ސޮއިކުރީ މާބްލް ހޮޓަލުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ދިރާގުގެ ސީނިއާ މެނޭޖާ ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަނާއި މާޕްގެ ރައީސް ހުސައިން އަފީފެވެ.

ކަސްޓަމާ ސާވިސްގެ ދާއިރާގައި ކުރިއަށް ދިއުމުގެ ސިއްރުތަކުގެ ނަމުގައި ބާއްވާ ތަމްރީން ޕްރޮގްރާމް އޮންނާނީ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ އޮޑިޓޯރިއަމްގަ އެވެ. ތަމްރީނުތައް ބާއްވަނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު އަފީފް ވިދާޅުވީ، މެއިން ސްޕޮންސަރުގެ ގޮތުގައި ދިރާގު ކަނޑައެޅީ، އެއީ ޚިދުމަތް ދިނުމުގެ އިންޑަސްޓްރީގެ އެންމެ ރަނގަޅު އަސާސްތައް ކުރިއަށް ނެރެގެން މަސައްކަތް ކުރާ ކުންފުންޏަކަށް ވާތީ ކަމަށެވެ.

"މިސާލަކަށް ފުރަތަމަ ރާއްޖޭގައި 24 ގަޑިއިރުގެ ކޮންޓެކްޓް ސެންޓާ އެއް ގާއިމް ކުރީ ދިރާގު. އެހެންވީމާ މި ކަހަލަ ކަންތައް އަޅުގަނޑުމެން ބަލާފަ ދިރާގާ އެކު ޕާާޓްނާޝިޕް މި ހެދީ،" އަފީފް ވިދާޅުވި އެވެ.

މިރުޝާން ވިދާޅުވިގޮތުގައި، ރާއްޖޭގައި ތަފާތު ޚިދުމަތްތައް ކުރިއަރަމުން އަންނަ އިރު އިންސާނީ ވަސީލަތް ކުރިއެރުވުމުގެ ދާއިރާ ވަރަށް މުހިންމެވެ. އަދި މާޕްގެ ސަބަބުން، ރާއްޖޭގައި ޚިދުމަތް ދިނުމުގެ ދާއިރާ ކުރިއަރައި، އެންމެ ރަނގަޅު އަސާސްތަކާއި އުސޫލުތައް ރާއްޖޭގައި ގާއިމް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯޓިވޭޝަނަލް ސްޕީޗަކާއި ކަސްޓަމާ ސާވިސް ކުރި އަރުވައިގެން ވާދަވެރި ކަމުގައި ކާމިޔާބު ހޯދާނެ ގޮތްތަކުގެ މައުލޫމާތުތައްތައް ދޭ އިވެންޓުގައި ބައިވެރި ވުމަށް ބޭނުންވާ މީހުން މާޕަށް އީމެއިލް ފޮނުވުމަށް އެދެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރެޖިސްޓްރޭޝަންގެ މަސައްކަތްތައް ހަލުވިކަމާ އެކު ފަށާނެ އެވެ.

ކައުފްމަން އަކީ މިފަދަ ތަމްރީންތައް ދިނުމުގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ވަރަށް މަޝްހޫރު ޓްރެއިނަރެކެވެ. އަދި ކަސްޓަމާ ސާވިސް އާ ގުޅޭ ވަރަށް މަޝްހޫރު ފޮތްތައް ވެސް އޭނާ ލިޔެފައި ވެ އެވެ.
އެޗްޕީ، އެމެރިކަން އެކްސްޕްރެސް، ނޮކިޔާ، ސިންގަޕޯ އެއާލައިންސް އަދި ޗަންގީ އިންޓަނޭޝަނަލް އެއާޕޯޓް ފަދަ ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނި ތަކުގައި ވެސް ކަސްޓަމާ ސާވިސް އާ ގުޅޭ ތަމްރީނުތައް ކައުފްމަން ހިންގަ އެވެ.

ރާއްޖޭގައި ހިއުމަން ރިސޯސަސްގެ ދާއިރާގައި އެންމެ މަޝްހޫރު ޖަމިއްޔާ އަކަށް ވުމުގެ ތަސައްވުރާ އެކު މަސައްކަތް ކުރަމުން އަންނަ މާޕްގައި މިހާރު 350 މެމްބަރުން އެބަތިއްބެވެ. މާޕް އަކީ އެޗްއާރު ޕްރޮފެޝަނަލްސްގެ އިތުރުން އެ ދާއިރާ އިން ކިޔަވާ ކުދިންނާއި އެޗްއާރު ދާއިރާ އަށް ޝައުގުވެރިވާ ހުރިހާ އެންމެންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ހިންގާ ޖަމިއްޔާ އެކެވެ.