24 ޖޫން 2018 - 16:10

ރިޔާސީ އިންތިޚާބުގެ ގާނޫނާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މާދަމާ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
ރިޔާސީ އިންތިޚާބުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅީ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދެވެ.
މީގެ އިތުރުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވެސް ވަނީ ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. އެ ތިން ބިލުގެ ފުރަތަމަ ކިޔުން ވެސް މާދަމާ ބާއްވާ މަޖިލީހުގައި ޖަލްސާގައި އިއްވަން ހަމަޖައްސާފައިވިޔަސް، އެ ބިލުގައި ހިމެނޭ ކަންކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ރިިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު ބާއްވާއިރު، އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް މި އަހަރު އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅާނެ ކަން ސަރުކާރުން ކުރިން އޮތީ އިއުލާންކޮށްފަ އެވެ. އެކަމަކު ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.
އެ ތިން ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ އިތުރުން މުހައްމަދު ހުސައިން ޝަރީފް (މުންދު) ރަޝިއާއަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރަން ރައީސް އަބްދުﷲ ޔާމީން އޭނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވާތީ އޭނާގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމެޓީއަށް ފޮނުވުމުގެ މައްސަލަ ވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ.
މިހާރު ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާ ސަފީރުގެ މަގާމުގައި ހުންނެވި މުންދު އައްޔަން ކުރަނީ ރާއްޖެއިން ރަޝިއާ އަށް ކަނޑައަޅާ ނަން ރެސިޑެންޓް ސަފީރު ކަމުގެ މަގާމަށެވެ.