މެޑިކަލް ޗެކަޕަކަށް މުގާބޭ ސިންގަޕޫރުގައި
މެޑިކަލް ޗެކަޕަކަށް މުގާބޭ ސިންގަޕޫރުގައި

ސިންގަޕޫރު (ޖޫން 24) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ މެޑިކަލް ޗެކަޕަކަށް ސިންގަޕޫރަށް ވަޑައިގެން އުޅުއްވާ ކަމަށް ނޫސްތަކުން ބުނެފި އެވެ.

ޒިމްބާބުވޭގެ ނޫހެއް ކަމަށްވާ ނިއުސް ޑެއިލީން ބުނީ އުމުރުން 94 އަހަރުގެ މުގާބޭ ލޭގެ ޕްރެޝަރު ވަނީ ނުރައްކާ ލެވެލްއަކަށް މައްޗަށް ޖެހިފައި ކަމަށެވެ. އެކަމަކު އެހެން ބައެއް އޮފިޝަލުން ބުނީ މުގާބޭ ސިންގަޕޫރަށް ވަޑައިގެންނެވީ އާދައިގެ މަތިން މެޑިކަލް ޗެކަޕެއް ހެއްދެވުމަށް ކަމަށެވެ. އަނެއްބައި އޮފިޝަލުން ބުނީ މުގާބޭ ވަޑައިގެންނެވީ ލޮލުގެ ފުސް ކެހުމަށްކަމަށެވެ.

މުގާބޭއާ އެކު އޭނާގެ އަނބިކަނބަލުން ގްރޭސް ވެސް ސިންގަޕޫރަށް ވަޑައިގެންނެވި ކަމަށް ޒިމްބާބުވޭގެ ނޫހެއް ކަމަށްވާ ނިއުސް ޑެއިލީން ބުނެފައިވެ އެވެ.

ޒިމްބާބުވޭގައި 37 އަހަރުގެ ޚުދުމުޚްތާރު ވެރިކަމެއް ކުރެއްވި މުގާބޭގެ ވެރިކަން ނިމުމަކަށް އައީ މިދިޔަ ނޮވެމްބަރު މަހު އެވެ. މުގާބޭގެ ބަދަލުގައި ވެރިކަމަށް ވަޑައިގެންނެވީ އޭނާގެ ނައިބަކަށް ހުންނެވި އެމާސަން ނަންގަގްވާ އެވެ.