28 ޖުލައި 2016 - 22:05

ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް އިދިކޮޅު އިއްތިހާދުގެ އެއްވުމެއް ކަވަރުކުރަނިކޮށް ރޭ ފުލުހުން ހައްޔަރުކުރި ބޭރުގެ ދެ ނޫސްވެރިން ރާއްޖެއިން ޑީޕޯޓްކުރަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.

އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ހަލީލް "މިހާރު" އަށް ވިދާޅުވީ ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ދެ މީހަކު ރޭ ހައްޔަރުކޮށް ކޯޓުން ދޫކޮށްލުމުން އެ ދެ މީހުން ޑީޕޯޓްކުރަން ނިންމާފައިވާ ކަމަށެވެ.
"ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ޓޫރިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ. އެނޫން ގޮތަކަށް ހަރަކާތްތެރިވާ ނަމަ އެ މީހަކު ޖެހޭނީ ފޮނުވާލަން. އެ އުސޫލުގެ މަތިން މިރޭ އެ ދެ މީހުން ފުރުވާލެވޭނެ،" އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވުމަށް ފަހު ވިސާއާ ހިލާފުވެއްޖެ ނަމަ އާއްމު ގޮތެއްގައި އެ މީހަކު ޑީޕޯޓްކުރަނީ 10 އަހަރަށް ކަމަށެވެ. ނަމަވެސް އެ ދެ މީހުން ޑީޕޯޓްކުރަނީ ކިހާ ދުވަހަކަށް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
އަންގާރަ ދުވަހު ރާއްޖެ އައި އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިދިކޮޅު އިއްތިހާދުން ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގެ ތެރޭގައި ހަރަކާތްތެރިވަމުންދަނިކޮށެވެ. އަދި އެތަނުން އެ ދެ މީހުން ހައްޔަރުކޮށްގެން ގެންދިއުމަށްފަހު މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުން ދޫކޮށްލި އެވެ.
ފުލުހުންގެ ތަރުޖަމާނަކު ރޭ ވިދާޅުވި ގޮތުގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ހަރަކާތްތެރިވި ދެ ބިދޭސީއަކު ފުލުހުންގެ މައި މަރުކަޒަށް "ހާޒިރުކުރީ" މައުލޫމާތެއް ސާފުކުރުމަށެވެ. އަދި އެ ދެ މީހުން ތިބީ ފުލުހުންގެ ބަންދުގައި ނޫން ކަމަށް އޭރު ބުންޏެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ ނޫސްވެރިންނަކީ ޕޯލަންޑުގެ އަންހެނަކާއި އިޓަލީގެ ފިރިހެނެކެވެ. އެ މީހުންގެ އަތުގައި ޖަރުމަނުގައި ރަޖިސްޓްރީކޮށްފައިވާ ޖީއެންއެސް ޕްރެސް އެސޯސިއަޝުން ދޫކުރާ ބައިނަލްއަގުވާމީ ފާހެއް ކަމަށް ވާ، ޔޫރަޕިއަން ޖާނަލިސްޓްް ލެޖިޓިމޭޝަން އޮތް ކަމަށް ވެ އެވެ.
ފެބްރުއަރީ 7، 2012 ގައި ވެރިކަން ބަދަލުވުމަށް ފަހު ހިނގި ހަމަނުޖެހުންތައް ކަވަރުކުރަން ރާއްޖެ އައިސް އުޅެނިކޮށް ވެސް މި ދެ ނޫސްވެރިން ރާއްޖޭން ފޮނުވާލި ކަމަށް ވެ އެވެ. އެކަމަކު، ޓޫރިސްޓު ވިސާގައި އައިސް އުޅެނިކޮށް އެ ފަހަރު ފޮނުވާލީ ރާއްޖެ ނާދެވޭ ގޮތަކަށް ނޫނެވެ. އާ ގާނޫނުލް އުގޫބާތުގެ 613 ވަނަ މާއްދާގައި ބުނާ ގޮތުން ދައުލަތުގެ ކަމާ ބެހޭ އިދާރާއަކުން ހޯދަން ޖެހޭ ހުއްދައެއް ހޯދައިގެން ނޫނީ ކުރުން ހުއްދަ ނޫން ކަމެއް އެ ފަރާތުގެ ހުއްދައަކާ ނުލާ ކުރުމަކީ ކުށެކެވެ. މީގެ އިތުުރުން، އިމިގްރޭޝަން ގާނޫނުގައިވާ ގޮތުން ވެސް ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ މީހުންނަށް ވަޒީފާ އަދާކުރުމާއި އާމްދަނީ ލިބޭނެ މަސައްކަތެއް ނުކުރެވޭނެ އެވެ.