24 ޖޫން 2018 - 14:58

ލަންޑަން (ޖޫން 24) - މެދުއިރުމައްޗަށް ކުރާ ފުރަތަމަ ޝާހީ ދަތުރު ޕްރިންސް ވިލިއަމް މިއަދު ފައްޓަވައިފި އެވެ.
ފަސް ދުވަހުގެ ދަތުރުގައި ޑިއުކް އޮފް ކެމްބްރިޖް އިޒްރޭލާއި ފަލަސްތީން އަދި ޖޯޑަން އަށް ވަޑައިގަންނަވާނެ އެވެ. އަދި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ވިލިއަމް ބައްދަލު ކުރައްވާނެ އެވެ. ވިލިއަމްގެ ދަތުރުގެ ފުރަތަމަ މަންޒިލަކަށް ޖޯޑަން އަށް މިއަދު ވަޑައިގެން ވަލީ އަހުދު އަލް ހުސައިން ބިން އަބްދުﷲ އާ ބައްދަލު ކުރައްވާނެ އެވެ.
މިއީ އިނގިރޭސި ސަރުކާރުގެ ފަރާތުން ޝާހީ އާއިލާގެ މެންބަރަކު އިޒްރޭލް ނުވަތަ ފަލަސްތީނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ކެންސިންޓަން ޕެލަސް އިން ބުނީ ވިލިއަމްގެ ދަތުރަކީ ތާރީޚީ އަދި މުހިންމު ދަތުރެއް ކަމަށެވެ. މެދުއިރުމައްޗަށް އިނގިރޭސި ޝާހީ އާއިލާގެ މެންބަރަކު މި ވަޑައިގަންނަވަނީ އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރުމާ ދިމާކޮށް ފަލަސްތީނާއި އިޒްރޭލާ ދެމެދު ހަމަނުޖެހުންތައް ބޮޑުވެފައިވާ ދުވަސްވަރެއްގަ އެވެ.
ޑިއުކް އޮފް އެޑިންބަރާ އަދި ޕްރިންސް އޮފް ވޭލްސް މީގެ ކުރިން ވަނީ ގުދުސް އަށް ވަޑައިގެންފަ އެވެ. ނަމަވެސް އެއީ ރަސްމީ ދަތުރުފުޅެއް ނޫނެވެ. ޕްރިންސް އޮފް ވޭލްސް 2016 ވަނަ އަހަރު އިޒރޭލަށް ވަޑައިގެންނެވީ ކުރީގެ ރައީސް ޝިމޮން ޕެރޭޒްގެ ޖަނާޒާ އަށެވެ.