ޕޮލެންޑް ކޯޗު ފަސް ދުވަސް ތެރޭ 20 މެޗު ބަލައިފި
ޕޮލެންޑް ކޯޗު ފަސް ދުވަސް ތެރޭ 20 މެޗު ބަލައިފި

މި ފަހަރުގެ ވޯލްޑް ކަޕްގައި ޕޮލެންޑް ކުޅުނު ފުރަތަމަ މެޗުން ވަނީ ސެނެެގާލް އަތުން ބަލިވެފަ އެވެ. އަމިއްލަ ބާރުގައި މުބާރާތުން ކުރިއަށްދާން ބޭނުންނަމަ މިރޭ ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅެއް ހޯދަން އޮތީ މަޖުބޫރުވެފަ އެވެ. މިރޭ ޕޮލެންޑާ ދެކޮޅަށް ކުޅޭ ކޮލަމްބިއާ ވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ. ޕޮލެންޑުގެ ކޯޗު އެޑަމް ނަވަލްކާ ވަނީ ވަރަށް ފުރިހަމަ އަށް މިރޭގެ މެޗަށް ތައްޔާރުވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެންމެ ފަހުން ސެނެގާލާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ފާއިތުވި ފަސް ދުވަސްތެރޭގައި ނަވަލްކާ ވަނީ ކޮލަމްބިއާ އެންމެ ފަހުން ކުޅުނު 20 މެޗު ބަލައިފަ އެވެ. ޓީމުގެ ޓްރެއިނިން ވަގުތުތަކާއި ނިދުމާއި ކެއުމުގެ އިތުރުން ދެން ހުރިހާ ވަގުތެއް ނަވާލްކާ ހޭދަކުރީ ކޮލަމްބިއާ ޓީމު ދަސްކުރުމުގަ އެވެ.

"ކޮލަމްބިއާ އަކީ ވަރަށް މޮޅު ޓީމެއް. ވަރަށް މޮޅު ކޯޗެއް އެ ޓީމުގައި އެބަހުރި. ދެން އެ ޓީމު އެކުގައި މަސައްކަތްކުރާތާ ވަރަށް ދުވަސް ވެސް ވެއްޖެ. އެ ޓީމު ދަސްކުރަން އަހަންނަށް ވަރަށް ވަގުތު ހޭދަކުރެވިއްޖެ. މިއީ އަހަރެންގެ ނަޒަރުގައި ކުޅޭ ފައިނަލެއް،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނަވާލްކާ ބުންޏެވެ.

މިއީ 2006 ވަަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުން ޕޮލެންޑް ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ޕޮލެންޑް އެންމެ ފަހުން ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔައީ މީގެ 32 އަހަރު ކުރިންނެވެ. މެކްސިކޯގައި 1986 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން ޕޮލެންޑް ކެޓީ ދެ ވަނަ ބުރުންނެވެ.

ނަވާލްކާ ބުނީ ފުރަތަމަ މެޗުން ދިމާވި ކަންތައްތަކާ ހެދި ޕޮލެންޑް ކުޅުންތެރިން ތިބީ ނަތީޖާ ނުނެރެވުމުން ވަރަށް ބޮޑަށް ރުޅިގަދަވެފައި ކަމަށާއި އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނެ ކަމަށެވެ.

ކޮލަމްބިއާ ކުޅުނު މެޗުން ޖަޕާން އަތުން ބަލިވިއިރު އެ ޓީމުގެ ތަރި ހަމޭސް ރޮޑްރިގޭޒް ކުޅެން އެރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮލަމްބިއާގެ ކޯޗު ހޯސޭ ޕެކަމަން ބުނީ މި މެޗުގައި ނެރޭނީ އެންމެ މޮޅު ޓީމުކަމަށާއި މިއީ ރިސްކު ނަގަންޖެހޭ ހާލަތެއް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މިރޭގެ މެޗަށް ޕެކަމަން ވަނީ ހަމޭސް ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. މިރޭގެ މެޗު ފަށާނީ 11 ޖަހާއިރު އެވެ.