ޓްރަމްޕުގެ ޕްރެސް ސެކްރެޓަރީ ރެސްޓޯރެންޓަކުން ބޭރުކޮށްލައިފި
ޓްރަމްޕުގެ ޕްރެސް ސެކްރެޓަރީ ރެސްޓޯރެންޓަކުން ބޭރުކޮށްލައިފި

ވޮޝިންޓަން (ޖޫން 24) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަސައްކަތް ކޮށްދޭތީ ހިތްހަމަނުޖެހޭ ކަމަށް ބުނެ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ސެންޑާސް ރެސްޓޯރެންޓަކުން ބޭރުކޮށްލައިފި އެވެ.

ވާޖީނިއާގެ ލެކްސިންޓަންގެ ރެޑް ހެން ރެސްޓޯރަންޓަށް ސެންޑާސް އާއި އޭނާގެ އާއިލާ ކާން ދިއުމުން އެތަނުގެ ވެރި މީހާ ވަނީ ޓްރަމްޕަށް މަސައްކަތް ކޮށްދޭތީ އޭނާ ހިތްހަމަ ނުޖެހޭ ކަމަށް ބުނެ ސެންޑާސް ރެސްޓޯރެންޓުން ނުކުތުމަށް އަންގައިފަ އެވެ. ރެސްޓޯރެންޓުގެ ވެރި މީހާ ބުނީ ސެންޑާސް މަސައްކަތް ކޮށްދެނީ އިންސާނިއްޔަތު ކަމެއް އަދި ގޮތެއް ފޮތެއް ނެތް ވެރިއަކަށް ކަމަށެވެ. ސެންޑާސް ވަނީ ރެސްޓޯރެންޓުގެ ވެރި މީހާގެ އެންގުމާ އެއްގޮތަށް އެ ތަނުން ނުކުމެފަ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ހޯމްލޭންޑް ސެކްރެޓަރީ ކާސްޓެން ނީލްސެން އަށް ވޮޝިންޓަނުގެ މެކްސިކަން ރެސްޓޯރެންޓުގައި ފުރައްސާރަކޮށްފައި ވަނިކޮށެވެ. މި ދެ ހާދިސާ ވެސް ކުރިމަތިވެފައި މި ވަނީ އެމެރިކާ އަށް ގަވާއިދާ ޚިލާފަށް އެތެރެވާ މީހުންގެ ޅަ ދަރިން އެ މީހުންނާ ވަކިކުރާ މައްސަލާގައި ޓްރަމްޕް ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދުވަސްވަރެއްގަ އެވެ. އެކަމަކު ޓްރަމްޕް މިހާރު ވަނީ އެ ސިޔާސަތު ހުއްޓާލައިފަ އެވެ.

ރެޑް ހެން ރެސްޓޯރެންޓުގެ ނިންމުމަށް އެއް ބަޔަކު ފާޑުކިޔަމުންދާ އިރު އަނެއް ބަޔަކު ދަނީ ރެސްޓޯރެންޓުގެ ނިންމުމަށް ތައުރީފް ކުރަމުންނެވެ.