24 ޖޫން 2018 - 19:31

މޮސްކޯ (ޖޫން 24) - ކެޕްޓަން ހެރީ ކޭންގެ ހެޓްރިކާ އެކު 6-1 އިން ޕެނަމާ ބަލިކޮށް އިންގްލެންޑުން ވޯލްޑް ކަޕުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރިއިރު، މި ގްރޫޕުން ދެ ވަނަ ބުރުގެ އަނެއް ޖާގަ ބެލްޖިއަމަށް ލިބި ޕެނަމާ އާއި ޓިއުނީޝިއާ ކަޓައިފި އެވެ.
އިންގްލެންޑާއި ބެލްޖިއަމަށް ވެސް ހަ ޕޮއިންޓް ލިބިފައި ގޯލް ތަފާތާއި ޖެހި ގޯލް އަދި ވަން ގޯލުން ވެސް ހަމަހަމަވެފައިވާއިރު މި ވަގުތު އިންގްލެންޑް އެއް ވަނައިގައި އޮތީ ފެއާޕްލޭ ޕޮއިންޓުން ކުރި ހޯދައިގެންނެވެ. އެކަމަކު މި ދެ ޓީމު ބުރާސްފަތި ދުވަހުގެރޭ ކުޅެ މޮޅުވާ ޓީމަކަށް ގްރޫޕުގެ އެއް ވަނަ ލިބޭނެ އެވެ. އެއްވަރުވެއްޖެ ނަމަ އެއް ވަނަ ކަނޑައަޅަން ޖެހޭނީ ލަނޑުގެ ތަފާތުންނެވެ. ޓިއުނީޝިއާ އާއި ޕެނަމާ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ސާޅީހަކަށް ހާސް ސަޕޯޓަރުން ދަނޑަށް ވަދެ ތިބި މިއަދުގެ މެޗުގައި އިންގްލެންޑުން މޮޅު ކުޅުމެއް ދެއްކިއިރު ކޭންގެ އިތުރުން ލަނޑު ޖެހީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް ޖެސޭ ލިންގާޑް އެވެ. މީގެ ތެރެއިން ސްޓޯންސް ދެ ލަނޑު ޖެހި އެވެ.
އިންގްލެންޑުން ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ އަށް ވަނަ މިނިޓެއްގައި ލިބުނު ކޯނަރު، ކިއެރަން ޓްރިޕިއާ ނަގައި ދިނުމުން ޕެނަލްޓީ އޭރިއާ ތެރޭގައި ހުހަށް ހުރެ ސްޓޯންސް ވަނީ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. މިއީ ސްޓޯންސް ގައުމީ ޓީމަށް ކާމިޔާބުކޮށް ދިން ފުރަތަމަ ގޯލެވެ.
އޭގެ 12 މިނިޓު ފަހުން، އިންގްލެންޑަށް ޕެނަލްޓީއެއް ވަނީ ލިބިފަ އެވެ. ޕެނަމާގެ ޑިފެންޑަރު ފިޑެލް އެސްކޮބާ، ޕެނަލްޓީ އޭރިއާ ތެރެއަށް ލިންގާޑް ވައްޓާލުމުން ލިބުނު ޕެނަލްޓީގެ ބޭނުން ހިފައި ކޭން ވަނީ މެޗުގެ 20 ވަނަ މިނިޓުގައި ލީޑު ފުޅާކޮށް، މުބާރާތުގައި އޭނާގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.
މެޗުގެ 36 ވަނަ މިނިޓުގައި ރަހީމް ސްޓާލިން ދިން ބޯޅައެއް ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ލިންގާޑް ހިތްގައިމުކޮށް ފޮނުވާލުމުން ގޮސް ވަނީ ގޯލު މަތީ ކަނަށެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ޕެނަލްޓީ ތެރޭގައި ހުރެ، ކޭން ބޮލުން ހުރަސް ކޮށްދިނުމުން، ސްޓާލިން ޖެހި ނަމަވެސް، ކީޕަރު ޖޭމް ޕެނޭޑޯ ބޯޅަ މަތަ ކުރި އެވެ. އެކަމަކު ކީޕަރު މަތަކުރި ބޯޅަ ލިބުނީ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ސްޓޯންސް އެވެ. އޭނާ މުޅިން ހުސްކޮށް ހުރެ ބޮލުން ގޯލްގެ ތެރެއަށް ވައްދާލި އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޕެނަމާގެ އެނިބަލް ގޯޑޯއީ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ކޭން ވައްޓާލުމާ ގުޅިގެން ރެފްރީ އިންގްލޭންޑަށް ދެ ވަނަ ޕެނަލްޓީއެއް ދިނެވެ. އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި ކޭން ވަނީ އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
މި މެޗުގައި ޕެނަމާ އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން މެޗުގެ ކުރީކޮޅު ގޯޑޯއީ އަށާއި ބާސެނާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު އިންގްލެންޑާއި ޕެނަމާ އަށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވި އެވެ. އެކަމަކު މެޗުގެ 62 ވަނަ މިނިޓުގައި އިންގްލެންޑުން ހަ ވަނަ ގޯލް ޖެހި އެވެ. ރުބިން ލޮފްޓަސް ޗީކް ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކޭންގެ ފައިގެ ފުންނާބުގައި ޖެހިފަ އެވެ. މި ލަނޑާ އެކު އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ކޭންއަކީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ކޭން ވަނީ މުބާރާތުގައި ފަސް ލަނޑު ޖަހައިފަ އެވެ. މިއީ އިންގްލެންޑް ކުޅުންތެރިއަކު ގްރޫޕް ސްޓޭޖްގައި ފަސް ލަނޑު ޖެހި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ޕެނަމާ އިން ސުން ކަނޑުވާލީ މެޗުގެ 78 ވަނަ މިނިޓުގަ އެވެ. ޕެނަމާ އަށް ލިބުނު ހިލޭ ޖެހުމެއް ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްލުމުން ގޯލުގެ ތެރެއަށް ފޮނުވާލީ އެ ޓީމުގެ ހުރި އެންމެ ދުވަސްވީ އެއް ކުޅުންތެރިޔާ ފެލިޕީ ބަލޯއީ އެވެ. ވޯލްޑް ކަޕުގެ ތާރީހުގައި އެ ޓީމުން ޖެހި ފުރަތަމަ ގޯލާ އެކު ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. ޕެނަމާ އިން ލަނޑު ޖެހި ފަހުން ވެސް ފަރަގު ބޮޑު ކުރަން އިންގްލެންޑަށް ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއް ނުހިފުނެވެ.