24 ޖޫން 2018 - 12:52

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވެރިކަމެއްގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 10 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފަންޑެއް ގާއިމް ކުރާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ގާއިމް ކުރާ އިންވެސްޓްމަންޓް ފަންޑަކީ ސަރުކާރުގެ ޕްރޮޖެކްޓުތަކުގެ ބިޑުތައް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިނުމަށް މަގުފަހި ކުރާނެ ފަންޑެއް ކަމަށެވެ. އަދި އެ ފަންޑުން ލުއި އިސްލާމިކް ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވިޔަފާރީގެ ދާއިރާ އަށް އަލަށް ނުކުންނަން މީހުންނަށް ފައިސާ ހޯދުމުގައި ހުރި ގޮޮންޖެހުންތައް އެ ފަންޑުން ހައްލު ކޮށްދޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ފަންޑުން ލިބޭ ލުއި ތަކާ އެކު ޓެކްނޮލޮޖީގެ އާ ވިޔަފާރިތަކާއި އިޖުތިމާއީ ޚިދުމަތުގެ ވިޔަފާރިތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުން 3،000 އަށް ވުރެ ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދޭނެ އެވެ.
"އޭގެ ތެރޭގައި [ވިޔަފާރި] ފަށައިގަތުމަށް ބޭނުންވާ ސާމާނު ހޯދައިދިނުމާއި އޮފީސް އިމާރާތް ނުވަތަ އިންކިއުބޭޓާސް ގާއިމް ކޮށްދެވޭނެ،" އިންވެސްޓްމަންޓް ފަންޑުން ވިޔަފާރިތަކަށް ދޭ ލުއިތަކާ ގުޅޭގޮތުން އުމަރު ވިދާޅުވި އެވެ.
އިންވެސްޓްމަންޓް ފަންޑުގެ އިތުރުން ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އެގޮތުން، އެ ވިޔަފާރިތަކާ ގުޅޭގޮތުން ހަދާފައިވާ ގަވާއިދުތައް މަދުކޮށް، ދައްކަންޖެހޭ ފީތައް ކުޑަކުރާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ޕްރޮޖެކްޓުތަކުގެ ފައިސާ ދޫކުރުން ދިގުލައިގެންދާކަން ފާހަގަކޮށް، އުމަރު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ބިލް ފޮނުވާތާ 25 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރުން ސަރުކާރުގެ ހުރިހާ އިދާރާ އަކަށް މަޖުބޫރު ކުރުވާނެ ކަމަށެވެ. ސަރުކާރުން އާންމު ފަރާތްތަކަށް ދައްކަން ޖެހި، މިހާތަނަށް ނުދައްކައި ހުރި ފައިސާ އުމަރުގެ ސަރުކާރެއްގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ދައްކައި ނިންމާނެ ކަމަށް ވެސް އޭނާ ބުނެ އެވެ.
"ސަރުކާރަށް ގެންނަން ޖެހޭ އެކިއެކި މުދަލާއި ހޯދަންޖެހޭ ޚިދުމަތްތައް ހޯދުމުގެ ކޮންޓްރެކްޓްތަކުގެ ތެރެއިން 50 ޕަސެންޓް ކޮންޓްރެކްޓް ޚާއްސަ ކުރެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް. އަދި މި އުސޫލު ދައުލަތުގެ އެހެން ހުރިހާ މުއައްސަސާތަކުން ވެސް ދަމަހައްޓާކަން އަޅުގަނޑު ކަށަވަރު ކުރާނަން،" ގައުމުގެ އިގްތިސާދުގެ މައި އިންޖީނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުދި މަސައްކަތްތައް އެއްކޮށްލައިގެން "ބަންޑްލް" ޕްރޮޖެކްޓުތަކުގެ ގޮތުގައި ބޮޑެތި ކުންފުނިތަކާ ހަވާލު ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅޭ އުސޫލު އޭނާގެ ސަރުކާރެއްގައި އުވާލާނެ ކަމަށެވެ. އަދި ދިވެހި ކުންފުނިތަކަށް ކުރެވޭ ވަރުގެ މަސައްކަތްތައް ބޭރު ކުންފުނިތަކަށް ހަވާލު ކުރުން ވެސް ނިމުމަކަށް ގެންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާގެ ސަރުކާރެއްގައި، ސަރުކާރުން އެކިއެކި އިނާޔަތްތަކާއި ލުއިތައްދޭ ބޮޑެތި ވިޔަފާރިތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ވާދަކުރަން ނުޖެހޭ މާހައުލެއް އުފައްދާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ކަންކަމުގައި އެއްގަލަކަށް ނޭރި އުޅޭއިރު، އިދިކޮޅު ކޯލިޝަނާ ވަކިން އަމިއްލަ ގޮތުން މަސައްކަތް ކުރައްވާ އުމަރު ފަހަކަށް އައިސް ގެންދަވަނީ، އޭނާގެ ވެރިކަމެއްގައި ގެންގުޅޭނެ ސިޔާސަތުތައް ވީޑިއޯ މެސެޖުގެ ޒަރީއާ އިން އާންމު ކުރައްވަމުންނެވެ.