28 ޖުލައި 2016 - 18:46

އިދިކޮޅު އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ހިޔަނި ކެބިނެޓްގެ ތިން މިނިސްޓަރަކު ފުލުސް އޮފީހަށް މިރޭ ހާޒިރުކުރަން ނިންމުމަށް ފަހު ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ.
ފުލުސް އޮފީހަށް ހާޒިރުވުމަށް އިއްޔެ ޗިޓް ހަވާލުކޮށްފައި ވަނީ ޝެޑޯ ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ އާއި ސިވިލް ރައިޓްސް މިނިސްޓަރު ހަސަން ލަތީފް އަދި ޝެޑޯ ހެލްތު މިނިސްޓަރު ޝިދާތާ ޝަރީފަށެވެ. އެ ތިން ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މިހާތަނަށް އެނގިފައެއްނުވެ އެވެ.
އިއްތިހާދުގެ އެ ތިން ބޭފުޅުން މިހާރު ހާޒިރުވާން އަންގާފައި ވަނީ ހޮނިހިރު ދުވަހު ހަވީރު 4:00 އަށެވެ.
ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ ތަސްމީނާއި ހަސަން އަދި ޝިދާތާ ފުލުސް އޮފީހަށް ހާޒިރު ކުރާއިރު، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވެސް މިއަދު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އޭނާ ހާޒިރުކުރީ ފޭސްބުކްގައި މިމަހުގެ އަށްވަނަ ދުވަހު ކުރި ޕޯސްޓަކާ ގުޅިގެން ޖުޑިޝަރީން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް އިޔާޒްގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު އަތުލައިފަ އެވެ. އެކަމަކު އިއްޔެ ވަނީ ފޯނު އަނބުރާ ހަވާލުކޮށްފަ އެވެ. އޭނާގެ ފޯނު އަތުލީ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.