25 ޖޫން 2018 - 07:01

އެމެރިކާގެ ބަތަލާ މޭގަން މާކްލް އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީއާ ކައިވެނިބައްލަވައިގެން ފަހުން އޭނާއަށް މީޑިއާގެ ސަމާލުކަން ވަނީ އެތައް ގުނައެއް ބޮޑުވެފަ އެވެ. ރަސްމިއްޔާތުތަކަށް ވަޑައިގަންނަވާއިރު މޭގަން އޭނާގެ ފައިތިލައިގެ ސައިޒަށް ވުރެ ބޮޑެތި ފައިވާނަށް އަރުއްވާކަން ފޮޓޯތަކުން ފާހަގަވެ އެކަމާ ވެސް މީޑިއާގައި ވަނީ ސުވާލުތައް ފެންމަތިކޮށްފަ އެވެ.

މިއީ މީޑިއާ އިން ދައްކާ ޔޯލަ ވާހަކައެއް ނޫނެވެ. މޭގަން، 36، ހަމަ ހަގީގަތުގައި ވެސް ހުންނަވަނީ ފައިތިލަޔަށް ވުރެ ބޮޑުކޮށް ފައިވާނަށް އަރުއްވައިގެންނެވެ.
މިކަމާ ބެހޭ ގޮތުން މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަ ދެއްކި ނަމަވެސް ފެޝަން އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނަނީ މިއީ ހައިރާންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ވެސް ބުނެ އެވެ.
އެ މީހުން ބުނަނީ މަޝްހޫރު ވަރަށް ގިނަ ސެލެބްރިޓީން ވެސް އެކި ހަފުލާތަކަށް ދާއިރު ބޮޑެތި ސައިޒުުގެ ފައިވާނަށް އަރާ ކަމަށާއި މިއީ މާ ބޮޑު ސިއްރެއް އޮތް ކަމެއް ވެސް ނޫން ކަމަށެވެ. ބާރު ފައިވާނެއްގައި ގިނައިރު އުޅެން ޖެހުމުން ފަޔަށް ތަދުވުމާއި ފޮޅު ނެގުން ފަދަ ކަންކަމުން ސަލާމަތް ވެވޭނެ އެންމެ ފަސޭހަ ގޮތަކީ މިއީ ކަމަށް ފެޝަންގެ ތަޖުރިބާކާރުން ބުނެފައިވެ އެވެ.
"ހާއްސަ ހަފުލާއެއްގައި އުޅޭއިރު އުނދަގޫ ފައިވާނަކަށް އަރައިގެން އުޅުމަށް ވުރެ ބޮޑު ވޭނެއް ނޯންނާނެ. އަދި މޭގަން މާކްލް ފަދަ، އެކި ކަންކަމުގައި ގިނައިރު އުޅެންޖެހޭ ސެލެބްރިޓީންނަށް މިއީ ވަރަށް ބޮޑު މައްސަލައެއް،" ފެޝަން އިންޑަސްޓްރީގެ ތަޖުރިބާކާރެއް ކަމަށްވާ ހެރިއެޓް ޑާވީ 'ދަ ސަން' އަށް ކިޔައިދީފައިވެ އެވެ.
އޭނާ ބުނި ގޮތުގައި ސައިޒު ބޮޑުކޮށް ފައިވާން ގަތުމަށް ފަހު ފަޔަށް ހެޔޮވަރުކޮށްލަން، ފައިވާނުގެ ތެރެއަށް ސްޕޮންޖް ފަދަ، ފަޔަށް އަރާމު އެއްޗެހި ލައްވައިގެން އުޅުމަކީ އެންމެ މަޝްހޫރު މީހުންގެ އާދައެކެވެ. ބާރު ފައިވާނަށް އަރައިގެން ގިނައިރު އުޅެންޖެހުމަކީ އުނަގަނޑާއި ބުރަކަށީގައި ރިއްސުން ފަދަ ކަންކަން، އުމުރުގެ ފަހުކޮޅަށް ދާއިރު ތަހައްމަލްކުރަން ޖެހިދާނެ ކަމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރި އެވެ.