24 ޖޫން 2018 - 12:08

އަންކަރާ (ޖޫން 24) - ތުރުކީގައި މިއަދު ބާއްވާ އިންތިޚާބުން ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ކާމިޔާބު ލިބިއްޖެ ނަމަ ވެރިކަމުގެ ބާރުތައް އެތައް ތަނެއް ވަރުގަދަ ކުރާނެ އެވެ. ވެރިކަމުގެ ދެ ވަނަ ދައުރު ފެށެންވާ އިރަށް އުރުދުޣާން ވަނީ އޭނާ އަށް ބާރު ލިބޭ ގޮތަށް ގިނަ ބަދަލުތައް ގެނެސްފަ އެވެ. ތުރުކީގެ ރައީސް އަކީ މީގެ ކުރިން ރަމްޒީ މަގާމެކެވެ.

ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ 51 ޕަސެންޓާ އެކު ގާނޫނު އަސާސީ އަށް ގެނައި އިސްލާހުތަކުން ރައީސް އަށް އެތައް ބާރެއް ވަނީ ލިބިދީފަ އެވެ. އާ ބަދަލާ އެކު ނައިބް ރައީސް އާއި ވަޒީރުންނާއި ސަރުކާރުގެ ސީނިއާ އޮފިޝަލުންނާއި ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ރައީސް އަށް ލިބިގެން ދާނެ އެވެ. އަދި ޕާލަމެންޓް އުވާލުމާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ވެސް ރައީސް އަށް ލިބޭނެ އެވެ. މީގެ އިތުރުން ބޮޑު ވަޒީރުގެ މަގާމު އުވާލާނެ އެވެ.

ފާޑު ކިޔާ ފަރާތްތަކުން ބުނަމުން ދަނީ އުރުދުޣާން މަސައްކަތް ކުރައްވަނީ ހުރިހާ ބާރެއް އޭނާގެ މުށު ތެރެއަށް ޖަމާކުރަން ކަމަށެވެ. އަދި އިންތިޚާބު އުރުދުޣާން އަށް ކާމިޔާބު ކުރެއްވިއްޖެ ނަމަ ތުރުކީގައި ޑިމޮކްރެސީގެ އުސޫލުތައް ނެތިގެންދާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

އުރުދުޣާން ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ވީހާ ވެސް އަވަހަށް ބަދަލުތައް ގެންނަން ބޭނުންވާ ކަމަށެވެ. އެއީ ތުރުކީ އަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރަން ކަމަށް ވިދާޅުވި އެވެ.
ތުރުކީގެ ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބު އުރުދުޣާން އަށް ގެއްލިއްޖެ ނަމަ ތުރުކީގެ ސިޔާސީ މަޝްރަހަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އަދި ރިޔާސީ އިންތިޚާބު އެއް ބަޔަކަށް ކާމިޔާބު ކުރެވި އާއްމު އިންތިޚާބު އަނެއް ބަޔަކަށް ކާމިޔާބު ކުރެވިއްޖެ ނަމަ ކުރިއަށް އޮތް އަހަރުތަކުގައި ފެނިގެން ދާނީ ސިޔާސީ ގޮތުން ހަމަނުޖެހުންތަކެވެ.
ތުރުކީ އަށް 2016 ވަނަ އަހަރު ގެންނަން އުޅުނު ބަޣާވާތަށް ފަހު އެ ގައުމުގައި ވަނީ ސިޔާސީ ބޮޑެތި ހަމަނުޖެހުންތައް ހިންގައިފަ އެވެ. ބަޣާވާތަށް ފަހު ވަނީ 160،000 މީހުން ހައްޔަރުކޮށްފަ އެވެ. ތުރުކީ އަދިވެސް އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގަ އެވެ.
އެހެންވެ ތުރުކީގެ ރައްޔިތުން މިއަދު ނުކުންނަނީ އުރުދުޣާން އަށް ފަސް އަހަރުގެ އިތުރު ދައުރެއް ދޭނީތޯ ނުވަތަ ނޫންތޯ ބެލުމުގެ ބޮޑު ނިންމުމަށެވެ. އުރުދުޣާން އަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ ލީޑަރު މުހައްރަމް އިންސް އެވެ.
ތުރުކީގައި ރިޔާސީ އަދި އާއްމު އިންތިޚާބު ބޭއްވުމަށް ކުރިން ޝެޑިއުލް ކޮށްފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ނަމަވެސް އުރުދުޣާން ވަނީ އެ އިންތިޚާބުތައް އަވަސްކޮށްފަ އެވެ.
އެއް މިލިއަން މީހުންނާ އެކު އިސްތަންބޫލްގައި އިއްޔެ ބޭއްވި އެއްވުމުގައި އިންސް ވިދާޅުވީ އުރުދުޣާން މޮޅުވެއްޖެ ނަމަ ރައްޔިތުންގެ ފޯނު އަޑުއަހާނެ ކަމަށެވެ.
"އުރުދުޣާން އަށް ކާމިޔާބު ލިބިއްޖެ ނަމަ ބިރު ހައްތަހާދާނީ ބޮޑުވަމުން. އިންސް މޮޅުވެއްޖެ ނަމަ ކޯޓުތައް މިނިވަން ވާނެ،" ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިންސް ވިދާޅުވި އެވެ.
ތުރުކީގެ ރައީސް ކަމަށް 2014 ވަނަ އަހަރު ވަޑައިގަތުމުގެ ކުރިން އުރުދުޣާން ވަނީ އެ ގައުމުގެ ބޮޑު ވަޒީރުކަން 11 އަހަރު ކުރައްވައިފަ އެވެ.
އުރުދުޣާން ވިދާޅުވީ އިންސް އަކީ ގައުމެއް ހިންގޭވަރުގެ ތަޖްރިބާ އާއި ގާބިލްކަން ހުރި ފަރާތެއް ނޫން ކަމަށެވެ.
ތުރުކީގެ އިންތިޚާބުގައި ހަ ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެ ތެރޭން އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 ޕަސެންޓަށް ވުރެ އިތުރަށް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ ޖުލައި 8 ގަ އެވެ. ތުރުކީގައި ވޯޓުލުމުގެ ހައްގު 60 މިލިއަން މީހުންނަށް ލިބިގެންވެ އެވެ.