26 ޖޫން 2018 - 07:19

ފޮޓޯ ނެގުން ތަރައްގީވަމުން އައިސް، އަތް ނުލައި ފޮޓޯ ނެގުމަކީ މިހާރު އެއްވެސް ކަމެއް ނޫނެވެ. މިކަމަށް އެންމެ މަޝްހޫރު އާލާތަކީ ސްނެޕްޗެޓް ސްޕެކްޓަކްލްސްއެވެ. މި އައިނު ފަރުމާކޮށްފައިވަނީ އައިނުގެ ލޮލުގައިވާ ކެމެރާއަކުން މަންޒަރު ރައްކާކުރެވޭ ގޮތަށެވެ. ނަގާ މަންޒަރުތައް ހުންނަނީ ވެސް ވަށްކޮށެވެ. މި އައިނު ގިނަ ބަޔަކަށް ކަމުދިޔައީ ވެސް މި އާދަޔާޚިލާފު ސިފައިގެ ސަބަބުންނެވެ.
މިފަދަ ކޮންމެ ޑިވައިސެއްގެ ވެސް އަޕްޑޭޓްތައް ނުކުންނަ ގޮތަށް ދާދި މިދާކަށްދުވަހު ސްނެޕްޗެޓް ސްޕެކްޓެކްލްސް ވެސް އާކޮށްފިއެވެ. މިފަހަރު އާކުރިއިރު ފެނުނު އެންމެ ފާހަގަކޮށްލެވޭ ކަމަކީ ވަށްކޮށް ނޫނަސް ފޮޓޯ ނަގާފައި އެކްސްޕޯޓްކުރެވޭ ކަމެވެ. އަދި މިފަހަރުގެ އާ އަޕްޑޭޓްގައި ވީޑިއޯގެ އިތުރުން ފޮޓޯ ވެސް ނެގެއެވެ. އޯޑިއޯ އާއި ވީޑިއޯ ފެންވަރު އެތައް ގުނައެއް ރަގަޅުކަމަށް ދައްކައެވެ.
ސްނެޕްޗެޓް ސްޕެކްޓަކްލްސްގެ ދެވަނަ ޖީލުގެ އައިނުތައް އަތަށް ލުޔެވެ. ފަރުމާކޮށްފައިވަނީ މަޑު ފުޅިމަދު ފާޑުގެ ބާވަތަކުންނެވެ. މިފަހަރު މީގެ ސޮފްޓްވެއާރއަށް އައި ބަދަލާއެކު ވަށްކޮށް ނެގޭ ވީޑިއޯތައް ކޮށާމަށައިގެން ހަތަރެސްކަނަށް ނުވަތަ "ވައިޑްސްކްރީން" ބައްޓަމަށް އެކްސްޕޯޓްކުރެވެއެވެ. ބޭނުމިއްޔާ ފޭސްބުކާއި އިންސްޓާގްރާމްގައި ހިއްސާވެސް ކުރެވޭނެއެވެ. މިއީ ސްނެޕްޗެޓް ސްޕެކްޓަކްލްސް އިން ކުރިން ފަހިވެފައިވާ ފުރުސަތެއް ނޫނެވެ.
ސްނެޕްޗެޓް ސްޕެކްޓަކްލްސް މިހާރު އޮންލައިން ބާޒާރުގައި އަންނަނީ ވިއްކަމުންނެވެ. އެމޭޒަން އާއި ސްޕެކްޓަކްލްސް.ކޮމް ގައި ލިބެން އެބަހުއްޓެވެ.