ރައްޔިތުންގެ ބަހެއް ނެތި ވެރިކަން ފުރޮޅާލައި އަތްގަދަ ކުރުމުގެ ހައްގެއް ނެތް: ރައީސް
ރައްޔިތުންގެ ބަހެއް ނެތި ވެރިކަން ފުރޮޅާލައި އަތްގަދަ ކުރުމުގެ ހައްގެއް ނެތް: ރައީސް

ދިވެހި ރައްޔިތުންގެ ބަހެއް ނެތި ވެރިކަން ފުރޮޅާލައި، ސަރުކާރަށް އަތްގަދަ ކުރުމުގެ ހައްގެއް އެއްވެސް ބަޔަކަށް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ބަހެއް ނެތި ވެރިކަން ފުރޮޅާލައި އަތްގަދަ ކުރުމުގެ ހައްގެއް ނެތް: ރައީސް
ރައްޔިތުންގެ ބަހެއް ނެތި ވެރިކަން ފުރޮޅާލައި އަތްގަދަ ކުރުމުގެ ހައްގެއް ނެތް: ރައީސް

މި އަހަރުގެ ރިޔާސީ އިންތިހާބަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ކެމްޕޭން ފަށާފައި ވަނިކޮށް، ބައެއް ރަށްތަކަށް ރައީސް ޔާމީން ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، މާލެ އަތޮޅު ތިން ރަށަކަށް މިއަދު ވަޑައިގަންނަވާނެ އެވެ.

ރައްޔިތުންގެ ބަހެއް ނެތި ވެރިކަން ފުރޮޅާލައި އަތްގަދަ ކުރުމުގެ ހައްގެއް ނެތް: ރައީސް
ރައްޔިތުންގެ ބަހެއް ނެތި ވެރިކަން ފުރޮޅާލައި އަތްގަދަ ކުރުމުގެ ހައްގެއް ނެތް: ރައީސް

ފުރަތަމަ މަންޒިލެއްގެ ގޮތުން، ކ. ތުލުސްދު އަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުވައި ދެއްވުމަށް ފަހު، ރައީސް ޔާމީން ވިދާޅުވީ ފެބުރުއަރީ، 1، 2018 ގެ ހާދިސާ އަކީ އެމަނިކުފާނުގެ ހިތްޕުޅުން ދުވަހަކު ވެސް ފިލައިގެން ނުދާނެ ފިލާވަޅެއް ކަމަށެވެ. ކުށް ސާބިތުވެ ޖަލު ހުކުމުގައި ތިބި ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް މިނިވަންކުރަން، ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ވެރިކަން ފުރޮޅާލަން ބަޔަކު ރޭވި ރޭވުމެއް ކަމަށް އެމަނިކުފާނު މިއަދު ވެސް ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު މިނިވަންކުރަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި މިދިޔަ ފެބްރުއަރީ 1 ގައި ނެރުއްވި އަމުރު ސަރުކާރުން ތަންފީޒެއް ނުކުރެ އެވެ. އަދި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ދެން ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އިދިކޮޅު ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު މިނިވަންކުރަން ނެރުނު އަމުރުގެ އެ ބައި ބާތިލް ކޮށްފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރޭވި ގޮތަށް އެކަން ކާމިޔާބުވި ނަމަ، ރާއްޖޭގައި ދެން ކަންތައް ވެގެންދާނެ ގޮތް އެއްވެސް ރައްޔިތަކަށް، ޚާއްސަކޮށް ދިވެހި ޒުވާނުންނަށް ވިސްނައި ނުގަނެވޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ވެރިކަމުގެ ދަހިވެތި ކަމުގައި، އިދިކޮޅުން ރޭވި ކަންކަން، އެ ގޮތަށް ފުރޮޅިގެން ދިޔަ ނަމަ ގައުމަށް ކުރިމަތިވާނީ ކިހާ ނުރައްކާތެރި ހާލަތެއް ކަން އެ މީހުންނަކަށް ވެސް ނުވިސްނެ އެވެ. ބޭރުގެ ލަޝްކަރެއް ގެނެސްގެން ރާއްޖެ ހިފަން އިދިކޮޅުން ހިޔާލު ކުރި ކަމަށާއި އެ ހިސާބަށް ހާލަތު ދިޔަ ނަމަ، އެންމެ ފުރަތަމަ ކަމުން ރެކެން މަސައްކަތް ކުރާނީ ވެސް ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި އަމަލީ ގޮތުން އުޅުނު މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއްވެސް ސަބަބެއް، ހައްގެއް ނޫން، ޖާއިޒެއް ނޫން އެފަދަ [އަމުރަކުން] މުޅި ރައްޔިތުންގެ މައްޗަށް އަތްގަދަ ކުރުމުގެ އަމަލެއް ހިންގާކަށެއް. އެއްވެސް މީހަކަށް އޮތް ހުއްދައެއް ނޫން އެއީކީއެއް. ރައްޔިތުންގެ ކަންކަން ނިންމާނީ، އިންތިޚާބަކުން. ރައްޔިތުންލާ ވޯޓަކުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ކަންކަމުގައި ރައްޔިތުން ބަސް ބުނުމުގެ ކުރިން ނުފޫޒުގަދަ މަދު ބަޔަކު ކަންކަން ތަދުބީރު ކުރުމަކީ އެ މީހުންނަށް އޮތް ހައްގެއް ނޫނެވެ. އެ ހާދިސާ އިން އެނގުނީ، ދިވެހި ރައްޔިތުންނާ މެދު އެ މީހުންގެ ހިތުގައި ކިރިޔާ ވެސް ކުލުނެއް، ރަހުމެއް ނެތް ކަން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެކި ރަށްރަށަށް އެމަނިކުފާނު ކުރައްވަން ނިންމެވި ދަތުރުފުޅު ހަ މަސް ދުވަހަށް ލަސްވީ ވެސް، އެ އަމުރާ ގުޅިގެން އެހެން ވިސްނުންތަކަކަށް ވަގުތު ހުސް ކުރައްވަން ޖެހިވަޑައިގަތުމުންނެވެ. އެކަމާ ހެދި ރައްޔިތުންނަށް ރާވާފައި ހުރި ތަރައްގީގެ މަޝްރޫއުތަކާއި ޚިދުމަތްތައް ވެސް ލަސްވެގެން ދިޔަ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓާ ވެސް ކައިރިވެފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ، ރާއްޖެ އަށް ގެއްލުންދޭން އުޅުނު ބަޔަކު ތިބި ކަން ވޯޓާ ހަމައަށް ދާއިރު ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އިންތިހާބުގައި ރައްޔިތުން ފުރުސަތު ދޭން ޖެހޭނީ ރައްޔިތުންގެ ބޭނުންވާ ކަންކަން ފުއްދައިދެވޭވަރުގެ ބަޔަކަށް ކަމަށް ވިދާޅުވި އެވެ.

"އެއްވެސް މީހެއްގެ މަސްލަހަތު ބޮޑުވެގެން ނުވާނެ މުޅި ރާއްޖޭގެ ސުލްހަވެރިކަމާއި އަމާން ކަމަށް ވުރެން. އެ ހިސާބަށް އަޅުގަނޑުމެންގެ ވިސްނުންދާ ކަމަށް ވަންޏާ، އެހެރީ އަލުން މަގަށް އެނބުރެން ޖެހިފައި ކަމަށް ކޮންމެ ރައްޔިތަކު ވެސް އެ މީހަކަށް ވިސްނައި ދޭން ޖެހޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.