24 ޖޫން 2018 - 12:16

މޮސްކޯ (ޖޫން 24) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑުން ޕެނަމާއާ ދެކޮޅަށް މިއަދު ނެރޭ ފުރަތަމަ އެގާރައިގެ ކުޅުންތެރިންގެ ފޮޓޯއެއް ލީކްވުމާ ގުޅިގެން އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ރުޅިގަދަވެއްޖެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިން ވެސް އިނގިރޭސި މީޑިއާ އާއި ސައުތުގޭޓާ ވަނީ މައްސަލަތަކެއް ޖެހިފަ އެވެ. މި ފަހަރު މައްސަލަ ޖެހުނީ ދާދި ފަހުން އިންގްލެންޑްގެ ޕްރެކްޓިސް ސެޝަނެއްގައި ޓީމުގެ އެސިސްޓެންޓް ކޯޗު ސްޓީވް ހޮލަންޑް މިއަދު ޕެނަމާއާ ދެކޮޅަށް ކުޅޭ މެޗަށް އިންގްލެންޑް ނެގި ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިންގެ ފޮޓޯއެއް ލީކު ކޮށްލުމާ ގުޅިގެންނެވެ. އެ ފޮޓޯގައިވާ ގޮތުން މިއަދުގެ މެޗަށް އިންގްލެންޑުން ވަނީ ރަހީމް ސްޓާލިންގެ ބަދަލުގައި މާކަސް ރެޝްފޯޑް ފުރަތަމަ އެގާރަގައިގައި ހިމަނައިފަ އެވެ.
އޭގެ ފަހުން ރޭޑިއޯ އިންޓަވިއުއެއްގައި ސައުތުގޭޓް ވަނީ އިނގިރޭސި މީޑިއާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި އިނގިރޭސި މީޑިއާގެ ރޯލަކީ ޓީމަށް ސަޕޯޓްދިނުންތޯ ނޫނީ ޓީމު ބައިބައިކޮށްލުންތޯ އެއީ ވެސް އުފެދޭ ސުވާލެއް ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.
މިއަދުގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތުގޭޓް ވަނީ އަލުން އެ ވާހަކަތައް ދައްކަން ދެކޮޅު ހަދައިފަ އެވެ. އެހެން ނަމަވެސް މީޑިއާގައި މަސައްކަތްކުރާ މީހުންނާ މެދު އޭނާ ދެކޭ ގޮތް ހިއްސާކުރި އެވެ.
"އަހަރެން ދެކޭ ގޮތުގައި އިނގިރޭސި މީޑިއާ މަސައްކަތްކުރާ ގޮތުން އަހަރެން ނުދެކެން އެއީ އަހަރެމެންގެ ސަޕޯޓަރުންނަށް ވާން ޖެހޭ ކަމަށް. އެމީހުން މިތަނަށް (ރަޝިއާ އަށް) އައީ އަހަރެމެންނަށް ސަޕޯޓްކުރާކަށެއް ނޫން. އެ މީހުން އައީ މަސައްކަތްކުރަން،" ސައުތުގޭޓް ބުންޏެވެ.
އޭނާ ބުނީ ލީކުވި ފޮޓޯ އަކީ ޕެނަމާއާ ދެކޮޅަށް މިއަދު ނެރޭ ޓީމު ނޫން ކަމަށެވެ. ފަހުން ޓީމު ބަދަލުކުރީތޯ ސުވާލުކުރުމުން ސައުތުގޭޓް އެ ސުވާލަށް ޖަވާބުދޭން ބޭނުމެއް ނުވި އެވެ. ދާދި ފަހުން އިންގްލެންޑްގެ ފަރިތަކުރުންތަކުގެ ތެރެއިން ސައުތުގޭޓްގެ ކޮނޑުހުޅަށް ވަނީ އަނިޔާވެފަ އެވެ.
އިންގްލެންޑް ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޓިއުނީޝިއާ އަތުން މޮޅުވެފަ އެވެ. ޕެނަމާއާ ދެކޮޅަށް ކުޅޭ މެޗުން އިންގްލެންޑް މިއަދު މޮޅުވެއްޖެނަމަ އެ ޓީމާއި ބެލްޖިއަމަށް މުބާރާތުގެ އަނެއް ބުރުން ޖާގަ ލިބޭނެ އެވެ. ޕެނަމާއާ އިންގްލެންޑް މެޗު އެއްވަރުވެއްޖެނަމަ ބެލްޖިއަމަށް އަނެއް ބުރުގެ ޖާގަ ކަށަވަރުވާނެ އެވެ. އިންގްލެންޑް ޖެހޭނީ ފަހު މެޗަށް އިންތިޒާރުކުރާށެވެ.
އިންގްލެންޑާއި ޕެނަމާ ކުޅޭ މެޗު ފަށާނީ މިއަދު 5 ޖަހާއިރު އެވެ.