28 ޖުލައި 2016 - 18:37

ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް އިދިކޮޅު އިއްތިހާދުގެ އެއްވުމެއް ކަވަރުކުރަނިކޮށް ރޭ ފުލުހުން ހައްޔަރުކުރި ބޭރުގެ ދެ ނޫސްވެރިންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ ތަރުޖަމާނަކު ރޭ ވިދާޅުވި ގޮތުގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ހަރަކާތްތެރިވި ދެ ބިދޭސީއަކު ފުލުހުންގެ މައި މަރުކަޒަށް "ހާޒިރުކުރީ" މައުލޫމާތެއް ސާފުކުރުމަށެވެ. އަދި އެ ދެ މީހުން ތިބީ ފުލުހުންގެ ބަންދުގައި ނޫން ކަމަށް އޭރު ބުންޏެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެ ދެ ނޫސްވެރިން ކޯޓުން މިއަދު ދޫކޮށްލާފައިވާ ކަމަށާއި މިހާރު އެ މީހުން ތިބި ތަނެއް ނޭނގޭ ކަމަށެވެ.
މަންޒަރު ދުށް ބައެއް މީހުން ކިޔައިދިން ގޮތުގައި އެ ދެ ނޫސްވެރިން ތިބީ އިދިކޮޅު އިއްތިހާދުން އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި ޖަލްސާ ކަވަރުކުރުމަށް، ހަރުގެއާ ދިމާލުން އާޓިފިޝަލް ބީޗުގެ ޕޭވްމަންޓު ކައިރީގަ އެވެ. ފުލުހުންގެ 15 ވަރަކަށް މީހުން ގޮސް އެ ދެ މީހުން ގޮވައިގެން ދިޔައީ ކަމަށް ވެސް އެ ތަނުގައި އެ ވަގުތު ތިބި ބައެއް މީހުން ބުންޏެވެ.
"އަނެއް ގޮތަށް ހަމަނުޖެހުމެއް ނުހިނގާ. ސަރުކާރާއި ފުލުހުންނާ ދެކޮޅަށް ހަޅޭލެވި،" އެ ތަނުގައި ހުރި މީހަކު ކިޔައިދިނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ ނޫސްވެރިންނަކީ ޕޯލަންޑުގެ އަންހެނަކާއި އިޓަލީގެ ފިރިހެނެކެވެ. އެ މީހުންގެ އަތުގައި ޖަރުމަނުގައި ރަޖިސްޓްރީކޮށްފައިވާ ޖީއެންއެސް ޕްރެސް އެސޯސިއަޝުން ދޫކުރާ ބައިނަލްއަގުވާމީ ފާހެއް ކަމަށް ވާ، ޔޫރަޕިއަން ޖާނަލިސްޓްް ލެޖިޓިމޭޝަން އޮތް ކަމަށް ވެ އެވެ.
ފެބްރުއަރީ 7، 2012 ގައި ވެރިކަން ބަދަލުވުމަށް ފަހު ހިނގި ހަމަނުޖެހުންތައް ކަވަރުކުރަން ރާއްޖެ އައިސް އުޅެނިކޮށް ވެސް މި ދެ ނޫސްވެރިން ރާއްޖޭން ފޮނުވާލި ކަމަށް ވެ އެވެ. އެކަމަކު، ޓޫރިސްޓު ވިސާގައި އައިސް އުޅެނިކޮށް އެ ފަހަރު ފޮނުވާލީ ރާއްޖެ ނާދެވޭ ގޮތަކަށް ނޫނެވެ.
އާ ގާނޫނުލް އުގޫބާތުގެ 613 ވަނަ މާއްދާގައި ބުނާ ގޮތުން ދައުލަތުގެ ކަމާ ބެހޭ އިދާރާއަކުން ހޯދަން ޖެހޭ ހުއްދައެއް ހޯދައިގެން ނޫނީ ކުރުން ހުއްދަ ނޫން ކަމެއް އެ ފަރާތުގެ ހުއްދައަކާ ނުލާ ކުރުމަކީ ކުށެކެވެ. މީގެ އިތުުރުން، އިމިގްރޭޝަން ގާނޫނުގައިވާ ގޮތުން ވެސް ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ މީހުންނަށް ވަޒީފާ އަދާކުރުމާއި އާމްދަނީ ލިބޭނެ މަސައްކަތެއް ނުކުރެވޭނެ އެވެ.