24 ޖޫން 2018 - 10:20

ޒިއުރިކް، ސްވިޒަލެންޑް (ޖޫން 24) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސާބިއާ އަތުން ފަހަތުން އަރައި ސްވިޒަލެންޑް މޮޅުވި މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިން ޒެރްޑަން ޝަގީރީ އާއި ގްރޭނިޓް ޝާކާ އުފާފާޅުކުރި އިރު ސިޔާސީ ނިޝާނެއް ދެއްކި ކަމަށް ބުނެ އެ ދެ ކުޅުންތެރިންގެ މައްސަލަ ފީފާ އިން ބަލަން ފަށައިފި އެވެ.
ޝާކާ އާއި ޝަގީރީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު ވަނީ އަތުގެ އިޝާރާތުން "ޑަބަލް އީގަލް" ދައްކައިފަ އެވެ. މިއީ ސާބިއާ އާއި އަލްބޭނިއާއާ ދެމެދު ކޮސޯވޯގެ މައްސަލައިގައި ހިނގި ހަމަނުޖެހުންތަކުގައި އަލްބޭނިއާ މީހުންނަށް އޮތް ސަޕޯޓް ދައްކުވައިދޭ އިޝާރާތެކެވެ. އެއީ އަލްބޭނިއާ ދިދައިގައިވާ ނިޝާނަށް ނިސްބަތްކޮށެވެ.
"ސްވިޒަލެންޑާއި ސާބިއާ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ މައްސަލަތައް ބަލަން ވަނީ ފަށާފައި. މި މެޗުގައި ހިނގާދިޔަ ކަންތައްތަކަށް ބަލާއިރު ސާބިއާ ސަޕޯޓަރުންނާއި ސްވިޒަލެންޑުގެ ބައެއް ކުޅުންތެރިންގެ މައްސަލަތަކެއް އެބަހުރި،" ފީފާ އިން ނެރުނު ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން ފީފާ އިން ވަނީ ސާބިއާގެ ކޯޗު މިލަޑެން ކްރިސްޓަޔިޗްގެ މައްސަލަ އެއް ވެސް ބަލަން ފަށައިފަ އެވެ. ކްރިސްޓަޔިޗްގެ މައްސަލަ ބަލަނީ އެ މެޗުގެ ރެފްރީ ފެލިކްސް ބްރީޗްއާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.
ސްވިޒަލެންޑްގެ ކޯޗު ލަޑިމީރް ޕެޓްކޮވިޗް ބުނީ އޭނާގެ ކުޅުންތެރިން ކުރީ ސިޔާސީ ކަމެއް ނޫން ކަމަށާއި ޖަޒުބާތުގައި ޖެހުނީ ކަމަށެވެ. އަދި ފުޓްބޯޅަ އާއި ސީޔާސީ ކަންތައްތައް އެއްކުރުމަކީ ކޮށްގެންވާނެ ކަންތައްތަކެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ސްވިޒަލެންޑް މޮޅުކޮށްދިން ލަނޑު ޖެހި ޝަގީރީ އުފަންވީ ކޮސޯވޯގެ ޖިލަން އަށެވެ. ޝަގީރީގެ ބައްޕަ އަކީ ކޮސޯވޯ މީހެއް ނަމަވެސް އޭނާގެ މަންމަ އަކީ އަލްބޭނިއާ ރައްޔިތެކެވެ. ޝާކާގެ އާއިލާ އަކީ އަލްބޭނިއާ ބައެކެވެ. ޝަކާގެ ބައްޕަ އަކީ ސާބިއާ އާއި އަލްބޭނިއާއާ ދެމެދު 1980 ގެ އަހަރުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ޖަލަށްލި މީހެކެވެ.
ކޮސޯވޯ އަށް 2008 ވަނަ އަހަރު މިނިވަންކަން ލިބުނުއިރު، ސާބިއާ އިން އަދިވެސް އަންނަނީ އެކަން ގަބޫލުކުރަން ދެކޮޅު ހަދަމުންނެވެ. އެކަމުގެ ސަބަބުން އަދިވެސް ގިނަ މައްސަލަތަކެއް ކުރިމަތިވެ އެވެ. ދާދި ފަހުން އަލްބޭނިއާ އާއި ސާބިއާ 2014 ވަނަ އަހަރު ކުޅުނު މެޗެއްގައި ބޮޑު ހަމަނުޖެހުމެއް ވަނީ ހިނގައިފަ އެވެ.