ހުރިހާ ހާލަތަކަށް ޔޫވީ ތައްޔާރުވާނެ: ނަޒީހު
ހުރިހާ ހާލަތަކަށް ޔޫވީ ތައްޔާރުވާނެ: ނަޒީހު

ފުރަތަމަ ޑިވިޝަނުގެ ޖާގަ ދެމެހެއްޓުމަށް ވެލެންސިއާއާ ދެކޮޅަށް ކުޅޭ ރެލިގޭޝަން ޕްލޭއޮފް މެޗަށް ނުކުންނައިރު ހުރިހާ ހާލަތަކަށް އެ ޓީމުން ތައްޔާރުވާނެ ކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

ހުރިހާ ހާލަތަކަށް ޔޫވީ ތައްޔާރުވާނެ: ނަޒީހު
ހުރިހާ ހާލަތަކަށް ޔޫވީ ތައްޔާރުވާނެ: ނަޒީހު

ރެލިގޭޝަން ކުޅެން ހަމަޖެހިފައި އޮތީ ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ އަދި ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ޖޭޖޭ ސްޕޯޓްސް ކްލަބާ ދެމެދު އެވެ. އެކަމަކު ޖޭޖޭ ބައިވެރިނުވާތީ މިހާރު ޕްލޭއޮފްގައި ކުޅޭނީ ޔޫވީ އާއި ވެލެންސިއާއާ މެދު ދެ ލެގެވެ.

އެސްޓީއޯ މާލޭ ލީގުގައި ޔޫވީ ކުޅުނު ފަހު މެޗުން ވަނީ ވެލެންސިއާ އަތުން 3-1 އިން ބަލިވެފަ އެވެ. މި މެޗުގައި ޔުނައިޓެޑް ވިކްޓަރީން ކުޅުނީ ގިނަ އާ ކުޅުންތެރިންތަކެއް ލައިގެންނެވެ. އެ މެޗަށް ފަހު ނަޒީހު ވެސް ބުނީ އަސްލު ބޭނުންވަނީ ރެލިގޭޝަނަށް ހުރިހާ ގޮތަކުން ތައްޔާރުވެލުމަށް ކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ގޮތަކަށް ވެސް އަޅުގަނޑުމެން ތައްޔާރުވާނަން. ހުރިހާ ސީނިއާ ކުޅުންތެރިން ހިމަނައިގެން ޔޫވީ ރަނގަޅު ނަތީޖާއެއް ނެރޭނެ،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ ޔޫވީ އަކީ ލިބުނު ފައިސާއާ އެހެން ހުރިހާ ގޮތަކަށް ބަލާއިރު ވެސް މި ސީޒަނުގައ އެންމެ ރަނގަޅަށް ހިންގި އެއް ކްލަބް ކަމަށާއި އެހެން ކަމުން މިއީ ވެސް ކޮންމެ ހާލަތަކަށް ދިޔަސް އެ ޓީމަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

"ލިބުނު ފައިސާއާ ހުރިހާ ކަމަކަށް ބަލާފައި އަޅުގަނޑުމެންނަކީ އެންމެ ބަރާބަރަށް މުސާރަ ވެސް ދިން ކްލަބް. ދެން ރެލިގޭޝަނަށް ޓީމުގެ ތެރޭގައި ހުރި ކުދިކުދި ކަންތައް ވެސް ރަނގަޅު ކޮށްފިން. އެއީ ފައިސާގެ ކަންތައްތަކެއް ނޫން. އެހެން ކަންތައްތައް ވެސް،" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ބޭރުތެރެއިން އިވޭ އަޑުތަކަށް ބަލާއިރު ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އެބައޮތް ކަމަށެވެ. އެއީ ބިދޭސީ ރެފްރީން ލައިގެން ވަކި ގޮތަކަށް ކަންތައްތައް ކުރަން އުޅޭ ވާހަކަތައް ކަމަށާއި އެކަމަކު އެއީ އޭނާ ގަބޫލުކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ބުންޏެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން ފުޓްބޯޅައިގައި މި ވަރަށް ކުރިއަރާފައި އޮތް ގައުމެއްގެ އެފްއޭ އަކުން މި ފަދަ ކަމެއްގައި އިންވޯލް (ބައިވެރި)ވާނެ ކަމަށް. އެކަމަކު ދުނިޔޭގެ އެންމެ ކުރިއަރާފައި އޮތް ގައުމުތަކުގައި ވެސް މިކަން ހިނގާތީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް މި މެޗަށް ފެންވަރު ރަނގަޅު ދިވެހި ރެފްރީން ބޭނުން ކުރުމަކީ. އެއީ މި މެޗަކީ ބޮޑު ދެ ޓީމެއްގެ އޮތުމާއި ނެތުން ގުޅިފައި އޮތް މެޗެއް،" ނަޒީހު ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީން ވަނީ ރެލިގޭޝަން ދެ މެޗަށް އެ ޓީމަށް ކުރިން ކުޅުނު ކްރޮއޭޝިއާގެ ފޯވާޑް ކެރިޗް އަންދްރޭ ގެނެސްފަ އެވެ. ކެރިޗަކީ 2016 ވަނަ އަހަރު ޔުނައިޓެޑް ވިކްޓަރީން ލީގުގެ ގަދަ ހަތަރެއްގައި ނިންމިއިރު، އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި ފުރަތަމަ ވިކްޓަރީން ކެރިޗް ފެނުނުއިރު، ފަހުން އޭނާ ވަނީ މާޒިޔާ އަށް ވެސް ކުޅެފަ އެވެ.

ރެލިގޭޝަން ޕްލޭއޮފްގެ ފުރަތަމަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު އެވެ. އަދި ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު 1 ވަނަ ދުވަހު ހަވީރު އެވެ.