24 ޖޫން 2018 - 00:55

ސޯޗީ، ރަޝިއާ (ޖޫން 24) – ސްވިޑަންއާ އެއްވަރުވެ ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލެން ދަނިކޮށް ފަހު ސިކުންތުކޮޅުގެ ތެރޭގައި ޓޯނީ ކްރޫޒް ވައްދާލި ލަނޑާ އެކު 2-1 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުން ވޯލްޑް ކަޕުގެ ދެ ވަނަ ބުރަށް ދިއުމަށް މުހިއްމު ތިން ޕޮއިންޓް މިރޭ ހޯދައިފި އެވެ.

މިރޭގެ ނަތީޖާއާ އެކު މި ގްރޫޕުގެ ހަތަރު ޓީމަށް ވެސް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ. އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތް މެކްސިކޯ އަށް ފަހު މެޗުގައި ސްވިޑަންއާ އެއްވަރުކޮށްލައިގެން ނުވަތަ ޖަރުމަނާއި ދެކުނު ކޮރެއާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ދެ ވަނަ ބުރަށް ދެވޭނެ އެވެ. ޖަރުމަނާއި ސްވިޑަން އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ޖަރުމަނެވެ. ކޮރެއާ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.
މެކްސިކޯ އަތުން ސްވިޑަން ބަލިވެއްޖެ ނަމަ، ކޮރެއާ އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ޖަރުމަނަށް ފުރުސަތު ލިބޭނެ އެވެ. ސްވިޑަން މޮޅުވެއްޖެ ނަމަ ޖަރުމަނަށް ޖެހޭނީ ކޮރެއާ އަތުން މޮޅުވެ އަދި ލަނޑުގެ ތަފާތުން ވެސް ކުރި ހޯދާށެވެ. ކޮރެއާ އަށް ފުރުސަތު އޮތީ ޖަރުމަން އަތުން މޮޅުވެ އަދި މެކްސިކޯ އަތުން ސްވިޑަން ބަލިވެ، ލަނޑުގެ ތަފާތުން ކުރި ލިބިގެންނެވެ. ކޮރެއާ އަތުން ޖަރުމަން މޮޅުވެ އަދި މެކްސިކޯ އަތުން ސްވިޑަން މޮޅުވެއްޖެ ނަމަ، ދެ ވަނަ ބުރަށް ދާނީ އެ ތިން ޓީމުގެ ތެރެއިން ލަނޑުގެ ތަފާތުން ކުރި ލިބޭ ޓީމެކެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސްވިޑަން އިން ލީޑު ނަގާފައިވަނިކޮށް ޖަރުމަނުން ފަހަރުން އަރައި ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ފަހުކޮޅު އެ ޓީމުގެ ޑިފެންޑަރު ޖެރޯމް ބޯޓެން އަށް ދެއްކި ރަތްކާޑާ އެކު މެޗު ނިންމާލީ އެކަކު މަދުކޮށް ކުޅެ އެވެ.
މިރޭގެ މެޗު ފަށައިގެން ޖަރުމަނުން ހަމަނޭވާއެއް ނުލައި އެޓޭކްކުރަމުން ދިޔައިރު ކުރީކޮޅު ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. ހަތަރު ވަނަ މިނެޓުގައި ޔޮނަސް ހެކްޓާ އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅައެއް ސްވިޑަންގެ ކެޕްޓަން އަންދްރެއަސް ގްރަންކްވިސްޓް ބްލޮކްކުރިއިރު ހަތް ވަނަ މިނެޓުގައި ހޫލިއަން ޑްރެޒްލާ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެންނެވެ.
ޖަރުމުން އެޓޭކް ކުރަމުން ދިއުމުގެ ނަތީޖާއަކަށްވީ ސްވިޑަން އިން ކައުންޓާ އެޓޭކުގައި ނުރައްކާކުރަން ފެށުމެވެ. އެ ޓީމުގެ އެމީލް ފޮސްބާގް އެކަނިމާއެކަނި އަރައިގެން އޭރިއާ ތެރެއަށް ވަންނަނިކޮށް ބޯޅަ ގެއްލުނުއިރު މާކަސް ބާގް އެގޮތަށް އަރައިގެން ދަނިކޮށް އޭރިއާ ތެރެއިން ބޯޓެން އޭނާ ވައްޓާލި އެވެ. ޕެނަލްޓީއެއް ކަމަށް ބުނެ ސްވިޑަން ކުޅުންތެރިން ތަކުރާރުކޮށް މައްސަލަ ޖެއްސި ނަމަވެސް ވީއޭއާރްގެ އެހީ ނުހޯދަ އެވެ.
އެކަމަކު 32 ވަނަ މިނެޓުގައި އޮލާ ޓޮއިވޮނެނަން އަށް ލިބުނު ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލްކޮށްލުމަށް ފަހު ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ އަށް އެއްވެސް ފުރުސަތެއް ނުދީ، ގޯލްކީޕަރު މެނުއަލް ނޯޔާ ބޯމަތިން ގޯލަށް ވައްދާލައި ސްވިޑަން އިން ލީޑު ނެގި އެވެ. މިއީ ޖަރުމަނުގެ މިޑްފީލްޑަރު ކްރޫޒް އަށް ހެދުނު ގޯހަކުން ސްވިޑަން އިން ތަނަވަސްކުރި ފުރުސަތެކެވެ. ހާފު ނިމިނިމި އޮއްވާ ސްވިޑަން އިން ދެ ވަނަ ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔަ ނަމަވެސް ނޯޔާގެ ހުށިޔާރުކަމުން އެކަމެއް ކާމިޔާބެއް ނުވި އެވެ.
ދެ ވަނަ ހާފު ފަށައިގެން ޖަރުމަނުން ވަނީ ދެ ވަނަ މިނެޓުގައި އެއްވަރުކޮށްފަ އެވެ. ޓިމޯ ވާނާ ދިން ބޯޅަ ގޯލަށް ވައްދާލީ އަނިޔާގެ ސަބަބުން މިދިޔަ ފަހަރުގެ ވޯލްޑް ކަޕާއި ޔޫރޯގައި ކުޅުމުގެ ފުރުސަތު ގެއްލުނު މާކޯ ރެއުސް އެވެ. މި ލަނޑަށް ފަހު ވެސް ޖަރުމަނުން މަޑުޖެހުމެއް ނެތި އެޓޭކްކުރަމުން ދިޔައިރު މި ހާފުގައި ސްވިޑަން އަށް މާގިނަ ފުރުސަތުތަކެއް ކައުންޓާގައި އުފެއްދޭ ގޮތެއް ނުވި އެވެ.
ޖަރުމަން އަތުން ފުރުސަތުތައް ގެއްލެމުން ގޮސް، އެންމެ ފަހުން އެއް ދެ ވަނަ ރީނދޫ ކާޑާ އެކު ބޯޓެން ރަތެއް ހޯދައި އެކަކު މަދުވުމާ އެކު އެ ޓީމަށް މެޗުން މޮޅުވުމުގެ ފުރުސަތު ގެއްލުނީ ކަމަށް ބެލެވުނެވެ. އެކަމަކު މަންޒަރު ބަދަލުކޮށް ސްވިޑަން އިން ފުރަތަމަ ގޯލް ޖެހިއިރު ގޯސް ހެދި ކްރޫޒެވެ. ފަހު މިނެޓުގައި އޭރިއާގެ އަރިމަތީ ފަރާތުން ބޭރުން ސްވިޑަން ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ހިލޭ ޖެހުން އެއް ފަހަރުން ނުޖަހައި ކްރޫޒާއި ރެއުސް އެކެއް އަނެކަކަށް ޕާސްކުރީ އެވެ. އެގޮތުން ކްރޫޒަށް ދެ ވަނަ ފަހަރަށް ބޯޅަ ލިބުމުން އޭނާ ވަނީ އެ ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.