ފަތިސްހަނދުވަރު
ފަތިސްހަނދުވަރު

ބުދަ ދުވަހާ ގުޅޭ

"އެނގިއްޖެ!" ޖަޢުފަރު ބުންޏެވެ. "ގެވެސް ދަންނަން. ޔަގީނެއް ނޫން އެއީ އައްޔަ ހޯދަން ތި އުޅޭ އިހުސާން ކަމެއް."

ޢަލީއަކަށް އުފަލެއް ނުވެވުނެވެ. ބައްޕަ ދެކެން ބޭނުން ނުވާތީއެވެ. އެކަމަކު ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

"އޭނަޔާ ބައްދަލުކުރަން ކިހިނެއް ހަދާނީ؟" ޢަލީ އެހިއެވެ.

"ނުވާނެ ތިކަމެއް،" މޭޒުކައިރީގައި އިށީންނަމުން ޖަޢުފަރު ބުންޏެވެ. "އެއީ އަހަންނަށް ގަބުރުސްތާނު ކޮނެވުނަސް ތިން އަހަރުވީމަ އެ ގަބުރުގެ ސިފަ ނޭނގޭނެތީ."

ޢަލީގެ ޝައުޤުވެރިކަން ކުޑަވިއެވެ. ސަބަބަކީ ޢަލީގެ ބައްޕަ މަރުނުވާހެން ހީވެފައި އޮތްލެއް ބޮޑުކަމުންނެވެ.

"މިހާރު ދުނިޔޭގަ ނުވެސް ނެތް މީހެއް ދޯ؟" ޗޮކެއްކަނޑައިފައި ޢަލީ ބުންޏެވެ. "މާލޭ މީހެއް؟"

"ހިޔެއްނުވޭ!" ޖަޢުފަރު ވިސްނައިލައިފައި ބުންޏެވެ. "މީހުން ކިއި އޭނަގެ އަންބެއް ރަށުގަ ވެސް ހުރެޔޭ! ދެ ކުދިން ތިބެޔޭ! އެކަމަކު ވަރަށް ސިއްރުކޮށްގެނޯ އޭނަ އުޅުނީ. ބަރާބަރަށް ރަށަށް ލާރި ވެސް ފޮނުވަޔޯ! މިކޮޅުން ޒޫނާ ކިޔާ މީހަކާ އިނދެގެން ކުއްޖަކު ވެސް ލިބުނު."

ޖަޢުފަރު ދެއްކި ވާހަކަތަކުން ޢަލީއަށް އެނގޭ ކަންކަން ދިމާވެއެވެ. ވީމާ ޢަލީ ކަނުލައި އަޑުއަހަން އިނެވެ.

"ޒޫނާއަށް ލިބުނު ކުއްޖާ މަރުވީ،" ޖަޢުފަރު ކިޔައިދިނެވެ. "ވަރަށް މަޝްހޫރުވި ވާހަކައެއްނު އެއީ. މި ބުނީ އޭނަ މަރުވި ގޮތް. ބުޅަލެއް ވަކިއަޅައިގެން ވިހަވެގެންނޭ މަރުވީ ވެސް ކިއި. އަމިއްލައަށް މަރުވީއޭ ވެސް ކިއި. ދެން އެ ކަންތައްގަނޑުގަ އޭނަގެ އަންހެނުން މޮޔަވެގެން ކޮންމެވެސް ތާކަށް ގެންދިޔަ ވާހަކައެއް ވެސް މީހަކު ބުނި."

"އެހާ ސިއްރުން ލާރި ފޮނުވަންޏާ ކިހިނެއް މީހުންނަށް އެނގުނީ؟" ޢަލީގެ ސުވާލު ގިނަވަމުންދިޔައެވެ.

"ތިޔެއް މަށަކަށް ނޭނގެ،" ވެއިޓަރަށް ގޮވައިލަމުން ޖަޢުފަރު ބުންޏެވެ. "ވެދާނެއްނު ލާރި ފޮނުވަން ހަވާލުކުރާ މީހާގެ އަނގަބޮޑީކަމަށް. މަ ހަނދާންވާ ގޮތުގަ އެއްކަލަ ޖަމީލޭ އެ ކަމާ އުޅުނީ. ޖޭމޭ!"

ނަސީބަކުން އެ ޖަމީލަކީ ޢަލީގެ ވެސް ރައްޓެއްސެކެވެ. ވަނަން ވެސް ޢަލީ ހަނދާންހުއްޓެވެ.

"ޖޭމޭ؟" ޢަލީއަށް ބުނެވުނެވެ. "ގެނޭ ނަންބަރު!"

ނަންބަރު ދޭންވެގެން ޖަޢުފަރު އެތައް އިރަކު ފޯނު ހޭވިއެވެ. އެކި ގޮތްގޮތަށް ނަންޖަހައިގެން ފެނޭތޯ ބެލިއެވެ.

"ނަންބަރު ސޭވްކުރިން،" ޔަގީންކަމާ އެކުގައި ޖަޢުފަރު ބުންޏެވެ. "މި ފޯނަށް ނަންބަރުތައް ކަހައިލިއިރު ގެއްލުނީބާ؟ މަ ބަލާނަން އިނގޭ ނަންބަރު ލިބޭތޯ. ކީއްކުރަންތަ އެ ވަރަކުން ތި އިހުސާނެއް ހޯދަނީ؟ އައްޔައަށް ލަނޑެއްދިނީތަ އޭނަ؟"

"މަ ވަރަށް ފޫހިވާ މީހެއް އެއީ،" ޢަލީ ބުންޏެވެ. "އެކަމަކު ފިލައިގެން އުޅޭތީ ހަމަ ހޯދާލަން ބޭނުންވަނީ. މަންމައަށް ދަރާވިކިފަ."

ޢަލީ ވިސްނައިލިއެވެ. ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ބައްޕަ މާލެއައިސް އެހެން މީހަކާ އިނދެފާނެ ހެއްޔެވެ؟ އަދި މަންމައަށް އެ ކަން ސިއްރުކޮށްގެން ހުރެދާނެ ހެއްޔެވެ؟ ޙަޤީޤަތުގައި ވެސް ބައްޕަ މަރުވީ ހެއްޔެވެ؟ އެއްވެސް ހެއްކެއް ނެތެވެ. ޖަޢުފަރުގެ ވާހަކަތަކަށް ބާރުލިބޭނެ އެއްވެސް ގޮތެއް ވެސް ނެތެވެ.

ޒޫނާ ގޮނޑިއެއް ހިފައިގެން އައިސް ކުންނާރު ގަސް ކައިރީގައި ބެހެއްޓިއެވެ. ގޮނޑިއަށް އެރުމުގެ ކުރިން ގޮނޑީގެ ފައިތައް ހަމަޖެހޭތޯ ބަލައިލިއިރު އެއް ފައި ތަންކޮޅެއް ކުރެވެ. އެ ފައި ދަށަށް ގާކޮޅެއް ލައްވައިފައި، ދަނޑިއެއް ހިފައިގެން ޒޫނާ ގޮނޑިއަށް އެރިއެވެ. ޒޫނާ ލައިގެން ހުރި ހަރުވާޅުގެ ދެފައިކުރި ހުރީ އޮޅައިފައެވެ. ގޮނޑިއަށް އެރީމައި ވެސް އެންމެ ދޮން ކުންނާރަށް ދަނޑި ފޯރާގޮތެއް ނުވިއެވެ. ޒޫނާ ކޮރައިލިއެވެ. ހަމަ ކޮރައިލި ވަގުތު ގޮނޑީގެ ފައިދަށަށް ލެއްވި ގާކޮޅު ފުރޮޅައިލިއެވެ. ޒޫނާ އަރިއަޅައިލިއެވެ. ބިންމައްޗަށް ވެއްޓުނެވެ. މީހަކަށް ފެނުނުތޯ ބަލައިލިއިރު ޖިނާ ބަލަހައްޓައިގެން ހުރިތަން ފެނުނެވެ. ލާނެތް ފާޑަކަށް ހިނިއައިސްފައެވެ.

"ތެދުވެފަ ބަނޑުން ވެލިފޮޅާލަބަލަ!" ޖިނާ ބުންޏެވެ. "ތި ހުންނަނީ ކަންތައްތަކެއް ނޫނޭ!"

"މަ ނަގާކަށް ވެސް ނަޔެއްނު!" ހިތާހިތުން ޒޫނާ ބުނެލިއެވެ. "ފޮނި ފިރިހެނެއް. އޭނަޔަށް އެނގޭވިއްޔަ އޭނަ ކިހާ ރީތިކަން. ދެން ފޮނިވާނެތާ!"

ޒޫނާ ތެދުވިއެވެ. ޖިނާ މަޑުމަޑުން ހިނގައިފައި އައިސް ގޮނޑި ނަގައިދިނެވެ. އަދި ވަރަށް ބާރަށް ގޮނޑީގައި ހިފެހެއްޓިއެވެ.

"ދެން އަރާ!" ޖިނާ އެދުނެވެ.

ޒޫނާ ބަލަހައްޓައިގެން ހުރީއެވެ. ޖިނާއަށް ވިސްނުނު ކަހަލައެވެ. މަޑުމަޑުން ތިރިވިއެވެ. ކޮނޑަށް އަރަން އެދުނެވެ. އެއްވެސް ޖެހިލުމެއް ނެތި ޒޫނާ ކޮނޑަށް އެރިއެވެ. ޖިނާ ވަރަށް ވަރުގަދައެވެ. އަރިއަޅައިނުލާނެ ކަމުގެ ޔަގީންކަން ލިބުނެވެ.

"ކޮން ޚިޔާލެއްގަ؟" ޖިނާ އެހިއެވެ.

ޚިޔާލުން އެނބުރި އާދެވުނުއިރު ޒޫނާ ހުރީ ބިންމަތީގައެވެ. ޖިނާ ގޮނޑި ހިފަހައްޓައިގެން ހުއްޓެވެ. ޒޫނާ އަރާނެކަމުގެ އުންމީދުގައެވެ.

"އަރާބަލަ! ވެއްޓެންޏާ ހިފާއްޓާނަމޭ!" ޖިނާ ބުންޏެވެ.

ޒޫނާ ހަނދާންވީ އެންމެ ފުރަތަމަ ޖިނާ ފެނުނު ދަތުރެވެ. ޕިކަޕުގައި ޒޫނާމެން އައިސް ފާލަމަށް ކައިރިކުރުމުން ޖިނާ ފައިބައިގެން އައިސް ޒޫނާއާ ދިމާއަށް ހަމަ އެހެން ބުންޏެވެ. ޒޫނާ އުރައިލައިގެން ތިރިއަށް ބޭލުވީ ޖިނާއެވެ. އެހެންނަމަވެސް ޖިނާ އެ ހަނދާން ހުންނާނެބާއެވެ؟ ޖިނާއަށް ޓަކައި ޒޫނާގެ ހިތުގައި ލޯބި ވަކިއަޅަމުންދިޔައިރު ވެސް ޖިނާ ނުވެސް ދެނަހުއްޓެވެ.

"ހަނދާން އެބަހުރިތަ؟" ޖިނާ ހިނިތުންވެފައި އެހިއެވެ.

ޒޫނާގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ. ޖިނާގެ ހިތުގައި އެ ހަނދާން ރައްކާކުރެވުނުކަން އެއީ ޒޫނާއަށް ވަރަށް ބޮޑު ކަމެކެވެ. އެ ހިތުގެ އަރިމަތިން ދާރައެއް ލިބުނަސް ޒޫނާއަށް ފުދޭނެއެވެ. ޝުކުރު ކުރާނެއެވެ. ކޮރައިލައިގެން ވިޔަސް އެ ތަނުގައި ޒޫނާ ހުންނާނެއެވެ. ފައި ވާޅުވެގެން ވެއްޓެންދެނެވެ.

"އެ ހަނދާން ދުވަހަކު ވެސް އަހަރެންގެ ހިތުން ފިލާނެތަ؟" އިސްޖަހައިލަމުން ޒޫނާ ބުންޏެވެ. "އަހަރެންގެ މުޅި ދިރިއުޅުން.."

އިސްޖަހައިލެވުނުކަން ނަސީބެކޭ ޒޫނާ ހިތަށްއެރިއެވެ. އެހެން ނޫން ނަމަ، ލޮލުން ވެއްޓުނު ކަރުނަތިކި ޖިނާއަށް ފަރުދާއެއް ނުކުރެވުނީހެވެ. ޒޫނާގެ ހިތުގައި އުފުލިފައިވަނީ ޝަކުވާގެ ފަރުބަދަތަކެކެވެ. އޭގެ އަޑިގުޑަން ގިނަވެފައި، މަގުތައް ދަތިވެފައި، ކުރިބޯށިތައް އުހެވެ. މެދުގައި އޮތީ ލޯބީގެ އޮޔެނުދެމޭ ކޯރެކެވެ. ހުރިހައި އުންމީދެއް އޮތީ މެދުގައި ބެދިފައެވެ. ހިތް ބުނެއެވެ. ނުލިބޭނެ ލޯތްބަކަށް ހިތް އިންތިޒާރު ކުރަނީ ކީއްވެ ހެއްޔެވެ؟ އެހެން މީހެއްގެ ޙައްޤަކަށް ލޯބި ހަނާއަޅަނީ ކީއްވެގެން ހެއްޔެވެ؟ ހާދަހާ ދުވަހެއް ފާއިތުވެގެން ހިނގައްޖެއެވެ. ވޭންނާޅާ އެންމެ ތަންފުކެއް ވެސް ހިތަކު ނެތެވެ. އެކަމަކު ކުރެވޭނެ ކަމެއް ނެތެވެ. ލޯބިވެރިޔާއާ ހަމައަށް އެ ފަރިޔާދު އުފުލިފައެއް ނެތެވެ. އިސްއުފުލައިލަން ނުކެރި އެތައް އިރަކު ހުރުމަށް ފަހު ޒޫނާ ދުއްވައިގަތެވެ. ޖިނާ ފަހަތަކުން ނުދެއެވެ. ނުވެސް ގޮވައެވެ. ޒޫނާ ލޯމަތިން ގެއްލެންދެން ޖިނާ ހުރީއެވެ. އެއަށް ފަހު މަޑުމަޑުން ހިނގައިގަތެވެ. ޒޫނާ ދިޔަ ދިމާއަށް ދިޔައެވެ. ޒޫނާ ހުރީ ދެގޯޅިގަނޑުގައެވެ. ޖިނާ އަންނަކަން އެނގުމުން ވައްކަޅިން ބަލައިލައިފައި ހުރި ފިޔަވަޅު މަތީގައި ހުރީއެވެ. ޒޫނާގެ އަތުގައި ނައިލޯނު ރޯނުގަނޑެއް އޮތެވެ.

"ކީއްތިކުރަނީ؟" ޖިނާ ސުވާލުކުރިއެވެ. "ކީއްވެގެން ފައިކުރި އޮޅައިގެން ތިއުޅެނީ؟"

"އެއްޗެހި ހިއްކަންއަޅަން އުޅެނިކޮށް ރޯނު ކަނޑައިގެންދިޔައީ،" އިސްޖަހައިލައިގެން ހުރެ ޒޫނާ ބުންޏެވެ. "އެ ކަމާ އުޅެނިކޮށް ކުންނާރުގަހުން ދޮން ކުންނާރެއް ފެނުނީމަ.."

"އެއަށް ދަހިވެތިވެގެން ގޮސް ރޯނުމަތިން ހަނދާންނެތިއްޖެ ދޯ؟" ސަމާސާ ރާގެއްގައި ޖިނާ ބުންޏެވެ.

ބޭއިޚުތިޔާރުގައި ޒޫނާއަށް ހީނގަނެވުނެވެ. އިސްއުފުލައިލަން ނުކެރުނު ނަމަވެސް ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނުކަން ގައިމެވެ. ހިނގައިދިޔަ ކަންތަކަށް ފަހުގައި ވެސް ޖިނާ ކަންތައް ކުރި ގޮތުންނެވެ. ޒޫނާ ފަހަތުން ޖިނާ އައީމައެވެ. ވާހަކަދެއްކި ގޮތުންނެވެ. ހާލަތާ ގުޅޭ ގޮތަށް ވާހަކަދައްކަން ޖިނާއަށް އެނގުމަކީ ޒޫނާއަށް ލިބުނު ހިތްހަމަޖެހުމެވެ.

"ހިނގާބަލަ ތި ރޯނެއް ދެމޭތޯ ބަލަމާ!" ޖިނާ ބުންޏެވެ. "ގެނޭ މަގޭ އަތަށް."

ޒޫނާ ރޯނުގަނޑު ދިނެވެ. ޖިނާ ނިކަން ފަރިތަކަމާ އެކުގައި ރޯނުދަމައި ނިންމައިލިއެވެ.

"ދެން ވަރިހަމަ ޒޫނާ އެލިގެން އޮތަސް،" ރޯނަށް ދެ ފަހަރަކު ދަމައިލައިފައި ޖިނާ ބުންޏެވެ. "ލާހިކެއް ނޫން ކެނޑޭކަށް."

"އެނގިދާނެތާ!" ޒޫނާ ބުންޏެވެ.

ޒޫނާ އެއްޗެހި ހިއްކަންއަޅަން ފެށިއެވެ. ޖިނާ އެ ތަނުން ދިޔައީއެވެ. އިރުކޮޅެއް ކޮށްފައި ޒޫނާ ދެގޯޅިގަނޑުގެ ކޮޅަށް ގޮސް ސިއްރުސިއްރުން ބަލައިލިއެވެ. ޖިނާ ހުރިތޯއެވެ. ޒޫނާ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ޖިނާ ހުރީ ކުންނާރު ބިންނާށެވެ. ދަނޑި ހިފައިގެން ފުންމަފުންމައިފައި ޖިނާ އުޅުނު ގޮތުން ހީވަނީ ކުޑަކުއްޖަކު ކޮރާކުޅެން އުޅޭހެންނެވެ. ނުހޭން ހުއްޓައި ވެސް ޒޫނާއަށް ހީނގަނެވުނެވެ. ޖިނާއަށް އަޑުއިވިގެން ބަލައިލިއެވެ. އެ ފަހަރަކު ޒޫނާ ނުފިލައެވެ.

"މިހާރު އަހަންނަށް މަލާމަތްކުރަނީ؟" ޖިނާ އެހިއެވެ.

"މަ ހިޔެއް ނުކުރަން މިތާ ހުންނަ ގަސްގަހުން ޓީޗަރުން ކުންނާރު ބިންނަ ކަމަކަށް." ޒޫނާ ބުންޏެވެ.

"އައްދެ! ޓީޗަރެއް ވިއްޔާ ގޮހޮރެއް ނޯވޭތަ؟" ދަނޑި ހިފައިގެން ޒޫނާއާ ދިމާއަށް ހިނގައިގަންނަމުން ޖިނާ ބުންޏެވެ.

ހިއްކަންއަޅަން ގެންގުޅުނު ހެދުން ހިފައިގެން ދެ އުކުޅުގައި އަތްވިދިފައި ޒޫނާ ހުއްޓެވެ.

"ބަލަ އަހަރުމެން ވެސް މީ އިންސާނުންނޭ!" ޖިނާ އައިސް ޒޫނާ ގާތަށް ހުއްޓިފައި ބުންޏެވެ. "ހަމާ، މަހާ، ކަށްޓާ، ބުރިކަށްޓާ، ކަންކަށްޓާ، އަރިކަށި ވެސް ހުންނާނެ."

ޒޫނާ ނިކަން ބާރަށް ހީނގަތެވެ. ޖިނާ ބޭނުންވީ ވެސް އެ ގޮތެވެ. ފިކުރުތަކުން ޒޫނާގެ ސިކުނޑި ހުސްވެ، އާ ފެށުމަކުން ފަށަން ޖިނާ ބޭނުންވިއެވެ.

"ލިސްޓު ނިމުނީތަ؟" ޒޫނާ އެހިއެވެ.

"މިތާ ވެސް އޮންނާނެ އެއްޗެއް،" ޖިނާގެ ހިތާ ދިމާގައި އަތްޖައްސައިލަމުން ޖިނާ މަޑުމަޑުން ބުންޏެވެ. "އަނގަޔަށް މީރު އެއްޗެއްސާ، ލޮލަށް ފަސޭހަ މަންޒަރުތަކަށް އަހަރުމެންގެ ހިތުގަ ވެސް ޝައުޤުވެރިކަން އުފެދޭ!"

ޒޫނާ ބަލަހައްޓައިގެން ހުރީއެވެ. ޖިނާގެ ވާހަކައިގައި އެހެން މާނައެއް ފޮރުވިފައިވާހެން ހީވާލެއް ބޮޑުކަމުންނެވެ. ޖިނާ ވެސް އިތުރު އެއްޗެއް ނުބުންޏެވެ. ބަލަހައްޓައިގެން ހުރީއެވެ. މައުސޫމު އަންހެންކުއްޖެއްގެ ލޮލުން ފެންނަ މައުސޫމު ލޯތްބަށް ކޮންމެވެސް ނަމެއް ދޭން ޖިނާ ބޭނުންވިއެވެ. ކުރެވެން މިއުޅެވެނީ ކީއްކަމާއި، ފަހުން ނުކުމެދާނެ ނަތީޖާއަކާ މެދު ކުޑަކޮށް ވެސް ޖިނާއަކަށް ވިސްނައެއް ނުލެވުނެވެ.

ނުނިމޭ