"ގޭމް އޮފް ތުރޯންސް" ގެ ޖޮން ސްނޯ އާއި އިގްރިޓް ކައިވެނިކޮށްފި
"ގޭމް އޮފް ތުރޯންސް" ގެ ޖޮން ސްނޯ އާއި އިގްރިޓް ކައިވެނިކޮށްފި

އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގައި އެކުގައި މަސައްކަތްކޮށްފައިވާ ދެ ތަރިއަކު ހޮނިހިރު ދުވަހު ކައިވެނިކޮށްފި އެވެ.

ސޮކްޓްލެންޑްގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގައި ކައިވެނި ކުރީ "ގޭމް އޮފް ތުރޯންސް" ގައި ޖޮން ސްނޯގެ ރޯލް ކުޅޭ ކިޓް ހެރިންގްޓަން އާއި އިގްރިޓްގެ ރޯލް ކުޅޭ ރޯޒް ލެޒްލީ އެވެ.

ދެ ތަރިން އެންގޭޖްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

ހެރިންގްޓަން އާއި ރޯޒްގެ ކައިވެނީގެ ހަފުލާގައި އެ މީހުންނާ އެކު، ސިލްސިލާގައި މަސައްކަތްކޮށްފައިވާ ގިނަ ތަރިން ބައިވެރިވި އެވެ.

ހެރިންޓަން އާއި ރޯޒް ލޯބީގެ ގޮތުން ގުޅުނީ 2012 ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ދެ މީހުން އެންމެ ފުރަތަމަ ބައްދަލުވީ ވެސް 2011 ގައި ދައްކަން ފެށި "ގޭމް އޮފް ތުރޯންސް" ގެ ސެޓުންނެވެ.

އެކަމަކު ރައްޓެހިވިތާ ދުވަސްކޮޅެއް ފަހުން 31 އަހަރުގެ ދެ ތަރިންގެ ދޭތެރޭގައި މައްސަލަތައް ޖެހި ވަކި ވެސް ވި އެވެ. ނަމަވެސް އަނެއްކާ ވެސް ދުވަސްކޮޅެއް ފަހުން އަލުން ގުޅި، ރައްޓެހިވެގެން އުޅޭކަން ދެ ތަރިން ރަސްމީކޮށް އިއުލާން ކުރީ 2016 ގަ އެވެ.

"ގޭމް އޮފް ތުރޯންސް" ގެ 7 ސީޒަނެއް ޖުމްލަ 67 އެޕިސޯޑާ އެކު އޮގަސްޓް، 27، 2017 ގައި ނިންމައިލައިވާ އިރު، މި ސިލްސިލާގެ އެންމެ ފަހު ސީޒަން އަންނަ އަހަރު ބެލުންތެރިންނަށް ގެނެސް ދޭނެ އެވެ.