24 ޖޫން 2018 - 10:13

މޮސްކޯ (ޖޫން 24) - އާސެނަލާއި ބާސެލޯނާ އަށް ކުރިން ކުޅުނު ކެމަރޫން މިޑްފީލްޑަރު އަލެކްސް ސޯންގަށް ރަޝިއާގެ ކްލަބެއް ކަމަށްވާ ރުބިން ކަޒާން އިން ނުދީ އޮތް މުސާރަ ހޯދުމަށް އަނެއްކާ ވެސް އޭނާ ފީފާ އަށް މައްސަލަ ހުށަހަޅައިފި އެވެ.
ބާސެލޯނާ ދޫކޮށް ސޯންގް، ކަޒާން އަށް ބަަދަލުވީ 2016 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގަ އެވެ. މި އަހަރު ޖެނުއަރީ މަހު ކަޒާންއާ ޖެހުނު މައްސަލައަކާ ގުޅިގެން ސޯންގް އެހެން ކްލަބެއް ހޯދުމަށް އޭނާ އަށް ކަޒާނުން އެންގި އެވެ. އެކަމަކު އޭރު ވެސް އޭނާ ރަޖިސްޓްރީކޮށްފައި ވަނީ ކަޒާން ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ރަޝިއާގެ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓް މާޗު މަހު ހުޅުވުމާ އެކު ކަޒާނުން ވަނީ ސޯންގްގެ ނަން ޓީމުން ލިސްޓުން އުނިކޮށްފަ އެވެ.
ކޮންޓްރެކްޓްގައި ހުރިއިރު ސޯންގަށް ދޭން ބުނި މުސާރަ ދީފައިނުވާތީ އޭނާ އެ މައްސަލަ ފީފާ އަށް ހުށަހަޅާނެކަން ކަޒާނަށް އެންގުމާ އެކު، އެ ޓީމުން ވަނީ ސޯންގްގެ މައްސަލަ ފީފާ އަށް ހުށަހަޅައިފަ އެވެ. ކަޒާނުން އެދުނީ ސޯންގް އެ ޓީމުގެ ކޮންޓްރެކްޓާ ހިލާފުވެފައިވާ ކަމަށް ބުނެ ކްލަބަށް ލިބުނު ގެއްލުމުގެ ބަދަލުގައި ޖޫރިމަނާ ފީއެއްގެ ގޮތުގައި ސޯންގް އަތުން 30 މިލިއަން ޕައުންޑް ހޯދުމަށެވެ.
އެކަމަކު ކަޒާންގެ މައްސަލަ ފީފާ އިން ބަލައިނުގަތީ އެއާ ވިދިގެން ސޯންގް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ސޯންގް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ކަޒާނުން ގަވައިދުން މުސާރަ ނުދޭ ކަމަށެވެ. އަދި އެކަމާ ބެހޭ ލިޔެކިޔުންތައް ވެސް ހުށަހެޅި އެވެ.
އެއާ އެކު ފީފާ އިން ވަނީ ކަޒާނާއި ސޯންގާ ދެމެދު ވެވުނު އެއްބަސްވުން އުވާލައިފަ އެވެ. އަދި ސޯންގަށް ދޭން ޖެހޭ މުސާރަތައް ދިނުމަށް ކަޒާނަށް އެންގި އެވެ. ކަޒާނުން އޭރު ވަނީ ފީފާ އިން މައްސަލަ ނަގާނަމަ ސޯންގަށް 2.2 މިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ. އެކަމަކު ސޯންގް ބޭނުންވީ ދޭން ޖެހޭ މުސާރަ އެއްކޮށެވެ.
ކަޒާނުން ސޯންގަށް ދޭން ޖެހޭ މުސާރަ ކޮންޓްރެކްޓުގައިވާ ގޮތަށް 10 މަހަށް ބަލާއިރު ޖުމްލަ 7.9 މިލިއަން ޕައުންޑަށް އަރަ އެވެ. އެކަމަކު މިހާތަނަށް ކަޒާނުން އެއްވެސް ވަރެއް ދީފައެއް ނުވެ އެވެ.
އުމުރުން 30 އަހަރުގެ ސޯންގް އަނެއްކާ ވެސް އެ މައްސަލަ ފީފާ އަށް ހުށަހަޅަން ނިންމީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާއިރު، މިހާތަނަށް ކަޒާނުން އެ ފައިސާ ދީފައިނުވާތީ އެވެ. ސޯންގް މި ފަހަރު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެހެން ކްލަބަކަށް ބަދަލުވުމުގެ ކުރިން ކަޒާނުން ލިބެން ޖެހޭ ފައިސާ ހޯދަން ބޭނުންވަނީ ފަހުން އެކަމާ އުޅެގެން ކާމިޔާބު ނުވާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ދިމާވި މާލީ މައްސަލަތަކާ ހެދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކަޒާން ކުޅުންތެރިންނަށް ހަމަ އަށް މުސާރަ ނުދެވެ އެވެ. އެކަމުގެ ސަބަބުން ބައެއް ކުޅުންތެރިންނާ އެކު ހަދާފައިވާ އެއްބަސްވުންތައް ކަޒާނުން ވަނީ އުވާލައިފަ އެވެ.
މިހާރު ރަޝިއާގައި ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގިނަ މެޗުތަކެއް ކަޒާންގެ ދަނޑުގައި ކުޅެ އެވެ. އެ މެޗުތަކަށް ދަނޑު ކުއްޔަށްދީގެން އެ ޓީމަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކަޒާންގެ ރައީސް އަކީ ރެޑިކް ޝެއިމިއޭފް އަކީ ރަޝިއާގެ 88 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އަދި ޓާޓާ-އެމެރިކަން އިންވެސްޓްމެންޓް އެންޑް ފައިނޭންސްގެ ވެރިޔަކަށް ހުރި ޝެއިމިއޭފް އަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ ގާތް ބޭފުޅެކެވެ.
ރިޕޯޓްތައް ބުނާގޮތުން ފީފާ އިން ވަނީ ކަޒާން އަށް ސޯންގްގެ މުސާރަ ދިނުމަށް ވަކި މުއްދަތެއް ދީފަ އެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން ދޭން ޖެހޭ މުސާރަ ނުދީފިނަމަ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
ގިނަ ބައެއްގެ ސަމާލުކަން ރުބިން ކަޒާނުން ހޯދީ 2009 ވަނަ އަހަރު ބާސެލޯނާގެ މައްޗަށް ހޯދި މޮޅާ އެކު އެވެ. އެކަމަކު ފަހަކަށް އައިސް އެ ޓީމުގެ ފޯމު ގެއްލިގެން ގިނަ މައްސަލަތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. މި ފަހަރު އެ ޓީމުން ލީގު ނިންމާލީ 10 ވަނައިގައި އޮވެ އެވެ.