24 ޖޫން 2018 - 07:27

ދަތުރުދާއިރު ގެންދާނެ އެކި ބާވަތުގެ ދަބަސް ހުރެއެވެ. ފިނިކުރި ފެނާއި ދަޅުތައް ބަރިބަރިއަށް ޖަހާލައިގެން ގެންދަން ބޭނުމިއްޔާ އެކަން ވެސް ކުރެވިދާނެއެވެ. އެކަމަކު ގިނަ ފަހަރަށް މީގެ ދަބަސް ބަލާ ބެލުމަށް ވައްތަރުވާނީ ކޫލަރަކާއެވެ. ބައެއް މީހުން ކޫލަރު އުފުލަން ލަދުގަނެއެވެ. ކޫލަރުވެސް ރީތި ދަބަހަކާ ވައްތަރިއްޔާ ޝަކުވާ މަދުވާނެއެވެ. އޮފީހަށް ވިޔަސް ޗުއްޓީގައި ރަށުން ބޭރަށް ދާއިރު ވެސް ޖެހިލުމެއް ނެތި ގެންދެވޭނެއެވެ.
ހައިޑްރޯ ފްލާސްކްގެ އުފެއްދުމެއް ކަމަށްވާ އަންބައުންޑް ސޮފްޓް ކޫލާ ޕެކް، ކޫލަރަކަށްވުރެ ވައްތަރުވާނީ ދަބަހަކާއެވެ. މަޑު ނައިލޯނު ފޮތީގެ ކަވަރަކުން ހަދާފައިވާ މި ދަބަސް ވަށައިގެން ޖަހާފައިވާ ފަތިތަކުން ފެން ބޭރު ނުވާނެކަން ކަށަވަރުކޮށްދެނީ ވެލްޑުކޮށްފަ ހުރުމުންނެވެ. މަތި ހުޅުވާ ގޮތަށް ވަށައިގެން ލާފައިވާ ޒިބަކީ ދަބަހުން ބޭރަށް އެއްވެސް ވަރަކަށް ދިޔާ އެއްޗެއް ފޭބިޔަ ނުދޭނެ ވަރުގެ މޮޅު ޒިބެކެވެ. ބާޒާރުގައި މިހާރު ހުރި ކޫލަރު ދަބަސްތަކާ މި ދަބަހާ ހުރި ތަފާތަކީ ގިނަ ވާތަކާއި ބަންދުތަކާއި ތިއްބާ ތަޅުތަކެއް މީގެ ވަށައިގެން އަޅުވާފައި ނުހުންނަ ކަމެވެ. ސްކޫލަށާއި އޮފީހަށް ގެންދާ ދަބަހަކާ މާބޮޑު ތަފާތެއް ނުހުރެއެވެ.
ހައިޑްރޯ ފްލާސްކްގެ ކޫލަރު ޕެކްގައި 22 ލީޓަރު ރައްކާކުރެވެއެވެ. މީގެ އެތެރޭގައި 24 ދަޅު އަތުރާލެވެއެވެ. ދަބަހުގެ އެތެރޭގައި ފިނި ބުއިންތަކާއެކު ގަނޑުފެން ބަހައްޓައިގެން ދެ ދުވަހު ބޭނުންކުރެވޭނެއެވެ. ގަނޑުފެން ދިޔާ ނުވެ 24 ގަޑިއިރު ހުންނާނެ ކަމަށް ބެލެވެއެވެ. ގަނޑުފެން ވިރިގެން ދިޔަސް ދަބަހުގައި ފިނިކަން އެއްވަރެއްގައި ހިފަހައްޓާނެ ކަމަށްވަނީ 48 ގަޑިއިރު ވަންދެނެވެ. މީގެ ބުރަކަށީގައި އަޅުވާ ދަބަހާއި ކޮނޑުގައި އަޅުވާ ދަބަސް ވިއްކަން އެބަހުއްޓެވެ. އަގަކީ 274.95 އެމެރިކާ ޑޮލަރެވެ.