23 ޖޫން 2018 - 20:08

އައި-ރަނާސް އިން އަންނަ ހުކުރު ދުވަހު އައްޑޫ ސިޓީގައި ބާއްވާ "އައްޑޫ މެރެތަން" ގެ އެމްބެސެޑަރަކަށް ދުނިޔޭގެ ރެކޯޑް ފޮތުން އެތައް ފަހަރަކު ޖާގަ ހޯދާފައިވާ އެމެރިކާގެ މަޝްހޫރު އަލްޓްރާ މެރެތަނާ މައިކަލް ވޯޑިއަން ހަމަޖައްސައިފި އެވެ.
ހަތް ދުވަހުގެ ތެރޭގައި ހަތް ބައްރުގައި ހަތް މެރެތަން ދުވެ "ވޯލްޑް މެރެތަން ޗެލެންޖް" މިދިޔަ އަހަރު ކާމިޔާބުކޮށްފައިވާ ވޯޑިއަން ވެގެންދާނީ ރާއްޖޭގައި ދުވާ އެންމެ މަތީ ފަންތީގެ އެއް ދުވުންތެރިއާއަށެވެ. އަދި ބެލެވޭ ގޮތުގައި ވޯޑިއަން ހުކުރު ދުވަހު އައްޑޫ މެރެތަންގައި ރޭސް ނިންމާ ޓައިމިން ވެގެންދާނީ މިހާތަނަށް ދިވެހި ފަސްގަނޑުގައި މީހަކު އެންމެ އަވަސް މެރެތަން ރޭހެއް ނިންމާ ޓައިމިން އަށެވެ. އޭނާގެ އަމިއްލަ ރެކޯޑަކީ 2 ގަޑި 17:49 މިނެޓެވެ. އެއީ ދުނިޔޭގެ ރެކޯޑަށް ވުރެ 14 މިނެޓު ލަހެވެ.
އައި ރަނާސްގެ ކޯ ފައުންޑާ އަދި އައްޑޫ މެރެތަންގެ ރޭސް ޑިރެކްޓަރު ހުސެއިން ޝުޖާއު ބުނީ ވޯޑިއަން ފަދަ ދުނިޔޭގެ މަޝްހޫރު ދުވުންތެރިއަކަށް ދައުވަތު ދޭން ނިންމީ ދިވެހިރާއްޖެ އަކީ ދުވެލަން ހިތްގައިމު މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމުގެ ބޭނުމުގައި ކަމަށެވެ.
"މި ގައުމުގެ ހަމައެކަނި ހާއްސަ ކަމަކީ ގުދުރަތީ ރީތިކަމާއި ހިތްހެޔޮ މެހެމާންދާރީ ނޫން ކަމާއި މިއީ ދުވެލަން ވެސް އެ ފަދަ ދެ ވަނަ އެއް ނެތްތަނެއްކަން ދުނިޔެއަށް އަންގައިދޭން ބޭނުންވަނީ،" ޝުޖާ ބުންޏެވެ.
އުމުރުން 44 އަހަރުގެ ވޯޑިއަން ރާއްޖޭގައި ދުވެ އޭނާގެ ތަޖުރިބާތައް ހިއްސާކުރުމުން، އެތައް ބަޔަކު ރާއްޖެއާ ދިމާލަށް މިސްރާބު ޖަހާނެ ކަމަށް ޝުޖާ ދެކެ އެވެ. އޭނާ އަކީ ދިގު ރާސްތާ ދުވުމުގައި އެހާ ވެސް ބުރަދަން ބޮޑު މީހެކެވެ.
ވޯޑިއަން ވަނީ މިހާތަނަށް 170 އަށް ވުރެ ގިނަ މެރެތަން އަދި 70 އަށް ވުރެ ގިނަ އަލްޓްރާ މެރެތަންގައި ދުވެފަ އެވެ. ދުނިޔޭގެ ހަތް ބައްރުގެ ތަފާތު އެކި މާހައުލުތަކުން ފެށިގެން ގަނޑުވެފައިވާ އުތުރު ތަނޑީގައި ވެސް އޭނާ ދުވެފައިވެ އެވެ. މީގެ އިތުރުން 20 ޓްރައިތެލޯން ރޭހާއި އަޔަމޭން އާއި އެޑްވެންޗާ ރޭހެއްގައި ވާދަކޮށްފައިވެ އެވެ.
އެ ރޭސްތަކުގައި އޭނާ ހަމައެކަނި ވާދަކުރީއެއް ވެސް ނޫނެވެ. ރަން ވަނަތަކެއް ހޯދައި ރެކޯޑްތައް ވެސް ހެދި އެވެ. އެގޮތުން އިންޑޯ މެރެތަނެއް އެންމެ އަވަހަށް ދުވެގެން ރެކޯޑް ފޮތުން ޖާގަ ހޯދިއިރު އިންޑޯގައި 50 ކިލޯމީޓަރު ދުވުމުގެ ރެކޯޑާއި ޓްރެޑްމިލްގައި 50 ކިލޯމީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑް ވެސް އޮތީ ވޯޑިއަންގެ އަތުގަ އެވެ.
މީގެ އިތުރުން ދުނިޔޭގެ 100 ކިލޯމީޓަރު ދުވުމުގެ ޗެމްޕިއަންޝިޕުގައި ހަ ފަހަރު އެމެރިކާ ތަމްސީލްކޮށް އެއް ފަހަރު ރިހި މެޑެއްޔެ ވެސް ހޯދައިދިނެވެ. ދުނިޔޭގެ އެންމެ ބޮޑު ހަތް މެރެރަންގައި ދުވެފައިވާއިރު އެކި ގައުމުތަކުގައި ބޭއްވި ވަރަށް ގިނަ މެރެތަންތަކެއް ކާމިޔާބުކޮށްފައިވެ ވެސް ވެ އެވެ.
ވޯޑިއަންއާ އެކު ރޭހުގެ އެމްބެސެޑަރުންގެ ގޮތުގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ދެ ދުވުންތެރިން ކަމަށްވާ އަލްޓްރާ މެރެތެނާ އަހުމަދު އާތިފާއި ގައުމީ ރެކޯޑް ހަދާފައިވާ މަރިޔަމް އަބްދުލްކަރީމް (މަރީ) ބައިވެރިވެ ރޭހުގައި ދުވަނެ އެވެ. ދުވުންތެރިން ތަމްރީންކުރާ ކްލަބެއް ކަމަށްވާ އައި ރަނާސް އިން މިދިޔަ އަހަރު ތައާރަފްކުރި އައްޑޫ މެރެތެން މި އަހަރު ބާއްވަނީ ހުރިހާ ގޮތަކުން ވެސް ކުރިއަށް ވުރެ ފުޅާކޮށެވެ. އިވެންޓުގައި 430 ދުވުންތެރިން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި އައްޑޫ ސިޓީގެ ބޭރުން ބައިވެރިވާ 125 ދުވުންތެރިން ހިމެނެ އެވެ.
އައްޑޫ މެރެތަންގެ މައި ހަތަރު އިވެންޓުގެ ތެރެއިން 42 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރަން ޖެހޭ މެރެތަން ރޭސް ފެށުމަށް ހަމަޖެހިފައިވަނީ މެންދަމު 2:30 ގަ އެވެ. އަދި 21 ކިލޯމީޓަރަށް ދުވަން ޖެހޭ ހާފް މެރެތަން ރޭސް ފަށާނީ ފަތިހު 5:30 ގަ އެވެ. އަނެއް ދެ އިވެންޓުގެ ތެރެއިން 10 ކިލޯމީޓަރުގެ ރޭސް 6:30 ގައި ފެށުމަށް ފަހު ފަސް ކިލޯމީޓަރުގެ ރޭސް ފަށާނީ 7:30 ގަ އެވެ.
އެއަށް ފަހު ދެން އޮންނާނީ ހެނދުނު 8:30 ގައި ފަށާ ކުޑަކުދިންނާއި އުމުރުންދުވަސްވީ މީހުންގެ ހަރަކާތްތަކެވެ. އުމުރުން 9-12 އަހަރާ ދެމެދުގެ ކުދިންނަށް 3.2 ކިލޯމީޓަރުގެ ދުވުމެއް ބާއްވާއިރު 6-9 އަހަރާ ދެމެދުގެ ކުދިންނަށް އޮންނާނީ 1.6 ކިލޯމީޓަރުގެ ދުވުމެވެ. އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ބާއްވާނީ 3.2 ކިލޯމީޓަރުގެ ހިނގުމެވެ.
މި ފަހަރު އައްޑޫ މެރެތަންގައި އެކްސްޕޯ ދެ ދުވަސް ކުރިއަށްގެންދާނެ އެވެ. ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މެންދުރުފަހު 2-9 އަށް ގަމުގެ އީކުއޭޓޯ ވިލެޖުގައި ބާއްވާ އެކްސްޕޯގައި ދުވުންތެރިންނަށް ބިބް ދޫކުރުމުގެ އިތުރުން ޕްލާންކް ޗެލެންޖާއި ޒުމްބާ ކްލާސްތަކެއް އޮންނާނެ އެވެ.
މި އިވެންޓުގެ ރަޖިސްޓްރޭޝަން ފީ އިން ލިބޭ ފައިސާގެ 10 ޕަސެންޓް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ޗެރިޓީ ޕާޓްނަރު ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އަށެވެ. އަދި އިވެންޓުގެ އެކޮމަޑޭޝަން ޕާޓްނަރެއްގެ ގޮތުގައި އީކުއޭޓާ ވިލެޖް ބައިވެރިވާއިރު ސިލްވާ ސްޕޮންސަރުންގެ ގޮތުގައި އެމްޕީއެލް، އެމްޓީސީސީ އަދި އައިލެންޑް އެކްސްޕްރެސް އިން އެހީތެރިވެދެ އެވެ.