23 ޖޫން 2018 - 19:05

މޮސްކޯ (ޖޫން 23) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޓިއުނީޝިއާ އަތުން 5-2 އިން ހޯދި ބޮޑު މޮޅާ އެކު ވަރުގަދަ ބެލްޖިއަމުން މުބާރާތުގެ ދެ ވަނަ ބުރާ ފިޔަވަޅަކާ ގާތަށް ޖެހިލިއިރު ޓިއުނީޝިއާ އަށް އަމިއްލަ ބާރު ގެއްލިއްޖެ އެވެ.

މި މޮޅާ އެކު ބެލްޖިއަމް ގްރޫޕްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންގްލެންޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޕެނަމާ އާއި އެންމެ ފުލުގައި އޮތް ޓިއުނީޝިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މި ގްރޫޕުގައި މާދަމާ ހަވީރު އިންގްލެންޑާ ދެކޮޅަށް ޕެނަމާ ކުޅޭ މެޗުން އެ ޓީމަށް މޮޅުނޫން ނަތީޖާއެއް ނުކުމެއްޖެނަަމަ ބެލްޖިއަމަށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ. އަދި ޓިއުނީޝިއާ މުބާރާތުން ކަޓާނެ އެވެ. މާދަމާގެ މެޗުން އިންގްލެންޑް މޮޅުވެއްޖެނަމަ ޕެނަމާ އާއި ޓިއުނީޝިއާ ކަޓައި، އިންގްލެންޑާއި ބެލްޖިއަމަށް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުވާނެ އެވެ.
މި މެޗުން މޮޅުވެ ބެލްޖިއަމުން ވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެ ޓީމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުން ކުޅުނު 11 މެޗުން ބެލްޖިއަމް ބަލިވެފައިނުވާއިރު، އެ ޓީމު ވަނީ ހަ މެޗުން މޮޅުވެފަ އެވެ. ޓިއުނީޝިއާ މި މެޗުން ބަލިވިއިރު، މިއީ މޮޅެއް ނުލިބި އެ ޓީމުން ވޯލްޑް ކަޕްގައި ފުރިހަމަކުރި 13 ވަނަ މެޗެވެ. ވޯލްޑް ކަޕްގައި ޓިއުނީޝިއާ މޮޅުވި ހަމައެކަނި މެޗަކީ 1978 ވަނަ އަހަރު މެކްސިކޯ އަތުން މޮޅުވި މެޗެވެ.
މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ބެލްޖިއަމަށް ލީޑުނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ކެޕްޓަން އެޑެން ހަޒާޑް އެވެ. މިއީ ހަޒާޑަށް ޓިއުނީޝިއާގެ ސިޔާމް ބިން ޔޫސުފް އޭރިއާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ޓިއުނީޝިއާ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބެލްޖިއަމްގެ ދެ ވަނަ ލަނޑު ޖެހީ ރޮމެލޫ ލުކާކޫ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި ޑްރީސް މާޓެންސް ދިން ބޯޅަ ލުކާކޫ ވަނީ ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިފި އެވެ.
ބެލްޖިއަމުން ލީޑުފުޅާކުރިތާ ދެ މިނިޓް ފަހުން ޓިއުނީޝިއާ އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. މެޗުގެ 18 ވަނަ މިނިޓްގައި ވަހުބީ ކާޒްރީ ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ ދައިލާން ބުރޯން ވަނީ ބޮލުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ލިބުނު އަނިޔާއަކާ ގުޅިގެން ބުރޯން ވަނީ ބަދަލުކޮށްފަ އެވެ.
އޭގެ ފަހުން ޓިއުނީޝިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދޭން ކާޒްރީ އާއި އަލްފަރުޖާނީ ސާސީ އަށް ލިބުނު ދެ ފުރުސަތުގެ ބޭނުން ނުހިފުނެވެ.
ބެލްޖިއަމަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ލުކާކޫ އަށް ދެ ފުރުސަތެއް ލިބުނެވެ. ހަޒާޑާއި ކެވިން ޑިބްރޭނާ ދިން ދެ ބޯޅަތައް ލުކާކޫ އަށް އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. ކުރިން ލިބުނު ދެ ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް ހާފުގެ ފަހު މިނިޓްގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި ލުކާކޫ ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. އޭނާ މި ލަނޑު ޖެހީ ތޯމަސް މޫނިއޭ ދިން ބޯޅައަކުންނެވެ.
ދެ ވަނަ ހާފް ފަށައިގެން ޓިއުނީޝިއާ އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ބެލްޖިއަމުން ވަނީ ކުރިއަށް ދިޔަ ބޯޅައެއްގައި ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ހަޒާޑް އެވެ. އޭނާ މި ލަނޑު ޖެހީ ޓިއުނީޝިއާ ކީޕަރު ފާރޫގު ބިން މުސްތަފާ ކައިިރިން ނައްޓާފައި ގޮހެވެ.
އޭގެ ފަހުން ބެލްޖިއަމްގެ ޔަނިކް ކަރާސްކޯ ޖެހި ޝޮޓެއް ދިޔައީ ގޯލުގެ ދަނޑިކައިރިން ބޭރަށެވެ. ބެލްޖިއަމުން ވަނީ ދެ ވަނަ ހާފުގައި ހަޒާޑާއި ލުކާކޫގެ ބަދަލުގައި މަރުއާން ފެލައިނީ އާއި މިޝީ ބަޓްޝުއާޔީ ކުޅެން އަރުވައިފަ އެވެ.
ބެލްޖިއަމަށް ފަސް ވަނަ ލަނޑެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ ބަޓްޝުއާޔީ އެވެ. އޭނާ ފޮނުވާލި ފުރަތަމަ ބޯޅަ ގޯލުގެ ރޮނގުމަތިން ސަލާމަތްކުރީ ޓިއުނީޝިއާގެ ޑިފެންޑަރު ޔާސިން މިރްޔާހު އެވެ. އޭގެ ފަހުން ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅައެއް އޭނާ ފޮނުވާލި ނަމަވެސް އަމާޒުވީ ހުރަސްދަނޑިއަށެވެ.
މި ހާފުގައި ޓިއުނީޝިއާގެ އަނީސުލް ބަދުރީ ޖެހި ދެ ބޯޅައެއް ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓިއާ ވަނީ މަތަކޮށްފަ އެވެ.
ބަޓްޝުއާޔީ ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހު މިނިޓްގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔޫރީ ޓިއެލެމަންސް ނަގައިދިން ބޯޅަ ބަޓްޝުއާޔީ ވަނީ ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ މިނިޓެއް ފަހުން ދެ ވަނަ ލަނޑެއް ޖަހަން ބަޓްޝުއާޔީ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
އިތުރު ވަގުތުގައި ޓިއުނީޝިއާގެ ދެ ވަނަ ލަނޑު ޖެހީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކާޒްރީ އެވެ.
މި މެޗުގައި ޖެހި ދެ ގޯލާ އެކު ލުކާކޫ ވަނީ ބޮޑެތި މުބާރާތްތަކުގައި ބެލްޖިއަމަށް ގިނަ ލަނޑު ޖަހައިދީގެން އެ ގައުމުގެ ކުރީގެ ތަރި ޔެން ކުއެލެމަންސް ހަދާފައިވާ ރެކޯޑް މުގުރާލައިފަ އެވެ. ކުއެލެމަންސް އަތުގައި ރެކޯޑް އޮތީ ފަސް ގޯލާ އެކު އެވެ. ލުކާކޫ ރެކޯޑް މުގުރާލީ ހަތް ގޯލާ އެކު އެވެ. އަދި މި ފަހަރުގެ މުބާރާތުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ވެސް ލުކާކޫ ވަނީ ހަމަކޮށްފަ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ.