ޓީސީން ނޭޕާލް ކީޕަރު ކިރަން އަލުން ގެނެސްފި
ޓީސީން ނޭޕާލް ކީޕަރު ކިރަން އަލުން ގެނެސްފި

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ގޯލު ބެލެހެއްޓި ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ޝެމްޝޮން އަނެއްކާ ވެސް އެ ޓީމަށް ގެނެސްފި އެވެ.

އެ ޓީމުން ވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާ އަލީ އަޝްފާގް (ދަގަނޑޭ) ވެސް ގެނެސް ކުރިއަށް އޮތް ދިވެހި ޕްރިމިއާ ޓީމަށް ޓީމު ވަރުގަދަކޮށްދަ އެވެ.

ކިރަން މި ސީޒަނުގެ ކުރީކޮޅުގައި ކުޅެފައިވަނީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން ހޯދި މިނެރްވާ ޕަންޖާބް ޓީމަށެވެ. އެ ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު އިންޑިއާގެ އެހެން ކްލަބްތަކުން ވެސް އަންނަ ސީޒަނަސް އޭނާގެ ސޮއިހޯދުމަށް މަަސައްކަތްކުރި އެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ޓީސީން މި ސީޒަނަށް ގެނައި ބިދޭސީ ކީޕަރު ޑިމިޓްރީ އަސްނިން އަތަށް އަނިޔާވިއިރު ފަހުން އޭނާ އެ ޓީމުން ނުފެނެ އެވެ. ޓީސީ ގޯލު ބަލަހައްޓަމުން އައީ ގައުމީ ޓީމަށް ކުރިން ކުޅުނު ކީޕަރު އިފްރާހް އަރީފް އާއި އަރަމުން އަންނަ ކީޕަރު އިބްރާހިމް ނަދީމް (ރިކޫ) އެވެ. ގިނަ މެޗުތަކުގައި ކުޅުނީ ރިކޫ އެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ރިކޫގެ ކުޅުމަށް މީގެ ކުރިން ތައުރީފް ކޮށްފަ އެވެ.

ޓީސީން ކިރަން ގެނައިއިރު މިދިޔަ ސީޒަނުގައި ބަންގްލަދޭޝްގައި އޮތް ޝެއިހް ކަަމާލް ކަޕްގެ ޗެމްޕިއަންކަން އެ ޓީމުން ހޯދިއިރު، އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މާލޭ ލީގުގެ ދެ ވަނަ ބުރުގައި އޭނާގެ މޮޅު ކުޅުމާ އެކު ފަހު ވަގުތު ޓީސީން ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ހޯދި އެވެ. އަދި ސީޒަނުގެ ފަހު ތިން މުބާރާތް ނިއު އިން ކާމިޔާބުކުރިއިރު، އެ ޓީމާ އެންމެ ގާތުން ވާދަކުރީ ޓީސީންނެވެ.

ނޭޕާލު ގައުމީ ޓީމަށް 50 މެޗު ކުޅެދީފައިވާ ކިރަން އަކީ ފާއިތުވި ސާފް ޗެމްޕިއަންޝިޕް މުބާރާތްތަކުގެ އިތުރުން ނޭޕާލް ކުޅުނު އެހެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. ކިރަން އެންމެ މޮޅު ކުޅުމެއް ދެއްކި މެޗަކީ 2012 ވަނަ އަހަރުގެ ނެހްރޫ ކަޕްގައި އިންޑިއާ އާއި ނޭޕާލް 0-0 އިން އެއްވަރުވި މެޗުގަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

ޓީސީން ރޭ ދަގަނޑޭ ލައްވާ ސޮއިކުރުވީ އޭނާ އެންމެ ފަހުން ކުޅުނު ނިއު ރޭޑިއަންޓުގެ ކޮންޓްރެކްޓް އެފްއޭއެމުން ބާތިލްކުރުމުންނެވެ. އެގޮތަށް އެ އެސޯސިއޭޝަނުން ނިންމީ އެ ޓީމުން ޓީމުން އޭނާ އަށް މުސާރަ ނުދޭތީ ހުށަހެޅި އެ މައްސަލަ ބެލުމަށް ފަހު އެވެ.

ޓީސީން ވަނީ އެ ޓީމަށް ފަހުން ގެނައި ލައިބީރިއާގެ ފޯވާޑް ޑިއޯ ވިލިއަމްސް ދޫކޮށްލައިފަ އެވެ. ކިރަންގެ އިތުރުން ދެން ޓީސީގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަކީ މިސްރުގެ ޑިފެންޑަރު އަލާ ނާސިރު އާއި ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވް އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ކުޅޭނީ ފ. ނިލަންދޫއާ އެވެ.